ކެބިނެޓް

މައުސޫމް އަލުން ހުވާ ކުރެއްވުމުން މިއަދު ރުހުން ދެނީ

Aug 31, 2020
2

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އަލުން މަގާމުގެ ހުވާ ކުރެއްވުމާއެކު، އޭނާއަށް ރުހުން ދިނުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާއަށް ތާވަލު ކޮށްފި އެވެ.

މައުސޫމަށް ރުހުން ހޯދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި މައްސަލަ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓުގެ މީގެ ކުރިން ކުރި ބަހުސްގައި ބައެއް މެންބަރުން ވަނީ އަމިއްލަ ކުންފުންޏެއް ހިންގުމުގައި މައުސޫމް ހުންނެވި ކަމަށް ވަނީ ބުނެފަ އެވެ.

އެކަމާ ގުޅިގެން، އެ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވުމުން، ކޮމިޓީން ނިންމާފައި ވަނީ މައުސޫމް އަލުން މަގާމުގެ ހުވާ ކުރެއްވުމަށް ރައީސަށް ލަފާ އެރުވުމަށެވެ.

އެނގިފައިވާ ގޮތުގައި، މައުސޫމް އިއްޔެ ޓޫރިޒަމް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވުމުން ރައީސް ވަނީ އޭނާ އަލުން މިނިސްޓަރުގެ މަގާމަށް އައްޔަނު ކުރައްވައި އަލުން ހުވާ ކުރައްވައިފަ އެވެ.

މައުސޫމަށް ރުހުން ދިނުމުގެ މައްސަލަ ރައީސް މަޖިލީހަށް އަލުން ފޮނުއްވުމުން އެ މައްސަލަ މިއަދު ރިޔާސަތުން ތަޅުމުގައި އިއުލާން ކުރައްވައި މައްސަލަ ވަނީ މިއަދު މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ވަނީ ފޮނުވާފަ އެވެ.

މިއަދުގެ ޖަލްސާއަކީ މަޖިލީހުގެ މި ދައުރުގެ ފަހު ޖަލްސާކަމަށްވުމާއެކު، މިއަދު މައުސޫމަށް މަޖިލީހުން ރުހުންދޭނެ ކަމަށް ބެލެވެ އެވެ.