ހަބަރު

މައުސޫމަށް ރުހުން ދޭން މަޖިލީހުގެ ދައުރު ދަންމާލައިފި

Aug 31, 2020

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މަގާމުގެ ހުވާ އަލުން ކުރައްވާފައިވީ ނަމަވެސް، އޭނާއަށް ރުހުން ނުދެވޭތީ، ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް ނުގޮސް، މިހާރު ހިނގަމުންދާ ދައުރު އިތުރުކޮށްފި އެވެ.

މައުސޫމަށް ރުހުން ހޯދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި މައްސަލަ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓުގެ މީގެ ކުރިން ކުރި ބަހުސްގައި ބައެއް މެންބަރުން ވަނީ އަމިއްލަ ކުންފުންޏެއް ހިންގުމުގައި މައުސޫމް ހުންނެވި ކަމަށް ބުނެފަ އެވެ.

އެކަމާ ގުޅިގެން، އެ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވުމުން، ކޮމިޓީން ނިންމާފައި ވަނީ މައުސޫމް އަލުން މަގާމުގެ ހުވާ ކުރެއްވުމަށް ރައީސަށް ލަފާ އެރުވުމަށެވެ.

އެނގިފައިވާ ގޮތުގައި، މައުސޫމް އިއްޔެ ޓޫރިޒަމް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވުމުން ރައީސް ވަނީ އޭނާ އަލުން މިނިސްޓަރުގެ މަގާމަށް އައްޔަނު ކުރައްވައި އަލުން ހުވާ ކުރައްވައިފަ އެވެ.

މައުސޫމަށް ރުހުން ދިނުމުގެ މައްސަލަ ރައީސް މަޖިލީހަށް އަލުން ފޮނުއްވުމުން އެ މައްސަލަ މިއަދު ރިޔާސަތުން ތަޅުމުގައި އިއުލާން ކުރައްވައި މައްސަލަ ވަނީ މިއަދު މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ވަނީ ފޮނުވާފަ އެވެ.

ނަމަވެސް، ކޮމިޓީގެ ކުރީގެ ރިޕޯޓު މިއަދު ބޭއްވި މި ދައުރުގެ ފަހު ޖަލްސާއަށް އެޖެންޑާކޮށްފައިވާއިރު، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ އެ ރިޕޯޓު އަނބުރާ ކޮމިޓީއަށް ފޮނުވާލުން ނޫން ގޮތެއް ނެތް ކަމަށެވެ.

އީވާ ވިދާޅުވި ގޮތުގައި، ރުހުން ހޯދަން ފޮނުވައި މައްސަލަތަކަށް މަދުވެގެން ތިން ދުވަސް ބޭނުންވާކަމަށް މަޖިލީހުގެ ގަވައިދުގައި ބަޔާންކޮށްފައިވާއިރު، އަލުން ހުވާ ކުރެއްވުމަށްފަހު ފޮނުއްވާފައިވާ ޑރ. މައުސޫމަށް ރުހުން ދިނުމުގެ މައްސަލަ މިއަދުން މިއަދަށް ނިންމޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.

ނަމަވެސް، އޭގެ ފަހުން މަޖިލިސް މެދުކަނޑާލުމަށްފަހު އީވާ ވަނީ މަޖިލިސް ތަމްސީލުކުރާ ޕާޓީތަކުގެ ލީޑަރުންނާ އެކަމާމެދު މަޝްވަރާ ކުރައްވައިފަ އެވެ. އެހެން ކަމުން، ކޮމިޓީގެ ކުރީގެ ރިޕޯޓު އަނބުރާ ފޮނުވާލަން މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.

އެ މަޝްވަރާތަކަށްފަހު އީވާ ވިދާޅުވީ، މިއަދު މަޖިލިސް ޗުއްޓީއަށް ހިނގައްޖެނަމަ، ޑރ. މައުސޫމަށް ރުހުން ދެވޭނީ 30 ދުވަހުގެ ޗުއްޓީއަށްފަހު މަޖިލީހުގެ ޖަލްސާތައް އަލުން ފެށުމަށްފަހުގައި ކަމަށެވެ.

ގާނޫނު އަސާސީން އެކަމަށް ޖާގަ ދިން ނަމަވެސް، ކޮވިޑް-19 އިގެ ހާލަތުގައި ޓޫރިޒަމަށް މިހާ ބޮޑަށް އަސަރުކޮށްފައިވާ ދަނޑިވަޅެއްގައި ޓޫރިޒަމް މިނިސްޓަރަކު އައްޔަނުކުރުމުގެ ހުރިހާ އިޖުރާއަތްތަކެއް ފުރިހަމަކޮށްފައި ޗުއްޓީއަށް ދިއުންކަމަށް އީވާ ވިދާޅުވި އެވެ.

"އެހެންވީމާ، އަޅުގަނޑު މި ހުށަހަޅަނީ އަންނަ ހަފްތާގެ ހޯމަ ދުވަހާ ހަމައަށް ދައުރު އިތުރުކޮށްލަ ދެއްވަން،" އޭނާ ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ނެގި ވޯޓުގައި، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ.