ހަބަރު

ޓޫރިޒަމް މިނިސްޓަރަކަށް ނަސީމް ގެންނަން ކެމްޕެއިން ކުރަނީ

Jul 19, 2020
16

ހުސްވެފައިވާ ޓޫރިޒަމް މިނިސްޓްރީގެ މަގާމަށް ކުރީގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމް (ކެރެފާ ނަސީމް) ގެނައުމަށް އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން ސޯޝަލް މީޑިއާގައި ކެމްޕެއިނެއް ފަށައިފި އެވެ. ނަސީމް މިވަގުތު ހުންނެވީ ރައީސް އޮފީހުގެ މިނިސްޓަރެއްގެ މަގާމުގަ އެވެ.

ރައީސް އޮފީހުގައި ތިން މިނިސްޓަރުން ތިއްބަވާއިރު ނަސީމް އާންމުކޮށް ހަރަކާތްތެރިވެ އުޅުއްވަނީ ވެސް ޓޫރިޒަމާ ގުޅޭ ކަންކަމުގަ އެވެ.

ސޯޝަލް މީޑިއާގައި ކެމްޕެއިންކުރާ ފަރާތްތަކުން ފާހަގަ ކުރާ ގޮތުގައި މިވަގުތު ރާއްޖޭގެ ޓޫރިޒަމް އޮތް ހާލަތުން ރަނގަޅު މިސްރާބަކަށް ގެންދިޔުމަށް އެންމެ އެކަށީގެންވާ ބޭފުޅާ ކަމަށެވެ. ނަސީމަކީ ރާއްޖެއަށް ޓޫރިޒަމް ތައާރަފުކޮށް، ހިންގެވުމުގައި ވަރަށް އިސްކޮށް އުޅުއްވި ބޭފުޅެކެވެ.

ފޮރިން ދާއިރާގައި ވެސް ގިނަ ދުވަހު ހިދުމަތް ކުރެއްވި ނަސީމް، ޓޫރިޒަމް މިނިސްޓަރު ކަމަށް ގެނައުމަށް ސޯޝަލް މީޑިއާގައި ކެމްޕެއިން ކުރަމުން ދިޔަ ނަމަވެސް މިހާތަނަށް އޭނާ އެ މަގާމަށް ގެންނާނެ ކަމުގެ އިޝާރާތެއް ސަރުކާރުގެ އިސް ބޭފުޅަކު ކުރައްވާފައެއް ނުވެ އެވެ.

ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަލީ ވަހީދު މަގާމުން ވަކިކޮށްފައި ވަނީ އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަކުރި މައްސަލައެއްގަ އެވެ. އެ މައްސަލާގެ ޖިނާއީ ތަހުގީގެއް ވެސް ކުރަމުން ދާއިރު މިހާތަނަށް އަލީ ވަހީދަށް ތުހުމަތު އިއްވައި ބަޔާން ނަގާފައެއް ނުވެ އެވެ.

އަލީ ވަހީދަކީ ޖުމްހޫރީ ޕާޓީގެ ސްލޮޓްގައި ކެބިނެޓަށް ވަޑައިގެންނެވި ބޭފުޅެކެވެ. އެހެންކަމުން ސަރުކާރު، ކޯލިޝަން ޕާޓީތަކަށް ބައި ކުރިއިރު ޓޫރިޒަމް މިނިސްޓްރީ ދީފައި އޮތީ ޖުމްހޫރީ ޕާޓީއަށެވެ. ދެން ވެސް އެ މަގާމަށް ބޭފުޅަކު ގެންނަން ޖެހޭނީ އެ ޕާޓީއިން ކަމަށް އެ ޕާޓީގެ ބައެއް މީހުން ދަނީ ބުނަމުންނެވެ.

ނަސީމް ފަދަ އެމްޑީޕީގެ ވަރުގަދަ ބޭފުޅަކު މިނިސްޓަރު ކަމަށް ގެނެސްފިނަމަ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީއާ ދެމެދު ނުތަނަވަސްކަން ބޮޑުވާނެ އެވެ. ޓޫރިޒަމް މިނިސްޓްރީ ފަދަ މުހިންމު މިނިސްޓްރީއެއް އެންމެ ފުރަތަމަ ވެސް ޖުމްހޫރީ ޕާޓީއަށް ދިނުމާއެކު އެމްޑީޕީގެ އާންމު ބައެއް މެންބަރުން ނުރުހުން ފާޅުކުރި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓުން މީގެ ކުރިން ވެސް ދެ މިނިސްޓަރަކު ވަކިވެފައިވެ އެވެ. އެއީ އަދާލަތު ޕާޓީގެ ސިދާތާ ޝަރީފާއި އެމްއާރްއެމްގެ އައިމިނަތު އާތިފާ އެވެ. އާތިފާގެ އިސްތިއުފާއާއެކު ހައުސިން މިނިސްޓްރީ އުވާލިއިރު، ސިދާތާގެ ބަދަލުގައި މިނިސްޓަރު ކަމަށް ގެންނެވި އައިޝާ ދީދީއަކީ އަދާލަތު ޕާޓީއަށް ނިސްބަތްވާ ބޭފުޅެއް ނޫނެވެ. އެހެންކަމުން ކެބިނެޓްގައި ކޯލިޝަންގެ އެހެން ޕާޓީތަކުގެ ދައުރު ދަނީ ކުޑަވަމުންނެވެ.