ހަބަރު

ޓޫރިޒަމްގެ ޕޮލިސީ ޑައިރެކްޓަރުވެސް މަގާމުން ވަކިކޮށްފި

Jul 9, 2020

ޖިންސީ ގޯނާގެ ސީރިއަސް ތުހުމަތުތަކެއް ކުރެވިގެން ޓޫރިޒަމް މިނިސްޓަރު ކަމުން އަލީ ވަހީދު އިސްތިއުފާ ނުދެއްވުމުން އެ މަގާމުން އޭނާ ވަކި ކުރައްވާފައިވަނިކޮށް، އެ މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑައިރެކްޓަރު މުހައްމަދު ހައްސާން ވެސް މިއަދު މަގާމުން ވަކިކޮށްފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އައްޔަންކުރި ގޮތަށް ސިޔާސީ މަގާމެއްގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާ ވަރަށް ގާތްކޮށް މަސައްކަތް ކުރެއްވުމަށްފަހު، ސަރުކާރު ބަދަލުވުމާއެކު ހައްސާން ވަނީ އަމިއްލައަށް މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

ނަމަވެސް، ޓޫރިޒަމް މިނިސްޓަރުކަމަށް ވަޑައިގެންނެވުމަށްފަހު، އަލީ ވަހީދު ވަނީ އެ މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑައިރެކްޓަރުގެ ގޮތުގައި ހައްސާން އަލުން ގެންނަވައިފަ އެވެ.

މިއަދު މަގާމުން ވަކިކުރުމާ ގުޅިގެން ހައްސާން އަވަސް އަށް ވިދާޅުވީ، މަގާމުން ވަކި ކުރެއްވި ސަބަބެއް އަންގާފައިނުވާ ކަމަށެވެ.

އަދި އަލީ ވަހީދަށް ކޮށްފައިވާ ތުހުމަތުތަކާ ގުޅުވައިގެން އޭނާއަށް އެއްވެސް ކަމެއް އެނގިފައި ނުވާކަމަށް ހައްސާން ވިދާޅުވި އެވެ.

"މިނިސްޓްރީގެ އެހެން ސިޔާސީ ބޭފުޅުން ވިދާޅުވޭ އަޅުގަނޑަށްވެސް އެނގިގެނޭ އަލީ ވަހީދު ކުރެއްވި ކަމެއް ކުރެއްވީ. އެކަމަކު އެއީ ހަގީގަތެއްވިޔަސް ނުވަތަ ނޫން ވިޔަސް، އެއިން އެއްވެސް ކަމެއް އަޅުގަނޑަކަށް އެނގިފައެއް ނެތް،" ހައްސާން ވިދާޅުވި އެވެ.

މަގާމުން އިސްތިއުފާ ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އަލީ ވަހީދަށް ރޭ އެންގެވީ ޖިންސީ ގޯނާގެ މައްސަލަތަކެއް ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކެއް އިއްޔެ ރައީސްއާ ހިއްސާ ކުރުމާ ގުޅިގެންނެވެ.

އިސްތިއުފާ ދެއްވުމަށް އެންގި ނަމަވެސް އަލީ ވަހީދު އެކަން ކުރައްވާފައެއް ނުވެ އެވެ. ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ ރައީސް ސޯލިހު މިއަދު ވަނީ އަލީ ވަހީދު މަގާމުން ވަކި ކުރައްވާފަ ކަމަށެވެ.

އަދި، ވަގުތީ ގޮތުން ޓޫރިޒަމް މިނިސްޓްރީ ހިންގުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްއާ ހަވާލު ކުރައްވާފައިވާ ކަމަށް ވެސް ހޫދު ވިދާޅުވި އެވެ.

އަލީ ވަހީދަށް އަމާޒުވި ޖިންސީ ގޯނާގެ ތުހުމަތުތަކަށް އޭނާ މިހާތަނަށް ޖަވާބު ދެއްވާފައެއް ނުވެ އެވެ. ނަމަވެސް ވިދާޅުވެފައިވަނީ މިދުވަސް ހިނގައިދާނެ ކަމާއި ހަގީގަތް ހާމަވާނެ ކަމަށެވެ.

ޖިންސީ ގޯނާގެ މައްސަލަތައް އެންމެ ފުރަތަމަ ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުން ހުށަހެޅީ ޖެންޑާ މިނިސްޓްރީއަށެވެ. ޖެންޑާ މިނިސްޓަރު އައިޝާ ދީދީ ވަނީ މިކަން ރައީސްއާ ހަމައަށް ގެންދަވާފަ އެވެ. ރައީސް ބޭނުންފުޅުވީ ސީދާ މުވައްޒަފުންނާ ވާހަކަ ދެއްކުމަށް ކަމަށްވާތީ އިއްޔެ ހަވީރު 10 އަކަށްވުރެ ގިނަ މުވައްޒަފުން ރައީސްގެ އަރިހަށް ގޮސް ޖިންސީ ގޯނާގެ ވާހަކަތައް ހިއްސާކޮށްފައިވެ އެވެ. އޭގެ ތެރޭގައި ސިޔާސީ މުވައްޒަފުންނާއި ސިވިލް ސާވެންޓުން ވެސް ހިމެނެ އެވެ.

އެ މުވައްޒަފުންނާއެކު ބޭއްވި ބައްދަލުވުމަށްފަހު ރައީސް ވަގުތުން ގެކޮޅަށް ވަޑައިގެން، 10 ވަރަކަށް މިނެޓްގެ ތެރޭގައި އަލީ ވަހީދު އިސްތިއުފާ ދެއްވުމަށް އެންގެވި ކަމަށް ވަނީ އެނގިފަ އެވެ.

އަލީ ވަހީދަށް އިސްތިއުފާ ދެއްވުމަށް އެންގެވުމާއެކު އެ މިނިސްޓްރީގައި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ޓްވީޓް ކުރައްވައި އެކަމާ އުފާވެފައި ތިބިކަން ވެސް ހާމަ ކުރައްވާފައިވެ އެވެ. އަލީ ވަހީދުގެ މައްސަލަ މިހާރު ވަނީ ފުލުހުން ވެސް ތަހުގީގު ކުރަން ފަށާފަ އެވެ.

ރައީސް އޮފީހަށް ދިޔަ މުވައްޒަފުންގެ އިތުރުން އެކި ދުވަސްވަރުގައި އަލީ ވަހީދުގެ ފަރާތުން އިތުރު މުވައްޒަފުންނަށް ވެސް ޖިންސީ ގޯނާ ލިބުނު ކަމަށް މައުލޫމާތު އެނގޭ ފަރާތަކުން މައުލޫމާތު ދިނެވެ. އަދި އަލީ ވަހީދުގެ ފަރާތުން އެފަދަ ކަންތައްތަކެއް ކުރިމަތިވެގެން ބައެއް މުވައްޒަފުން މީގެކުރިން ވަޒީފާއިން ކެނޑިފައިވާ ކަމަށް ވެސް އެނގިފައިވެ އެވެ.

މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ، އަލީ ވަހީދު ކުރި ކަމުގެ މައްސަލަތައް ފެންމަތިވެގެން ދިޔައިރު މީގެކުރިން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއަށް ފޯނު ގުޅައިގެން ވެސް ޖިންސީ ފުރައްސާރަ އަލީ ވަހީދު ކޮށްފައިވެ އެވެ. އެކަމުގެ ޝަކުވާ މިނިސްޓަރު ނަހުލާ، ރައީސް ސޯލިހަށް އޭރު ހުށަހެޅުއްވި އެވެ. ނަމަވެސް އޭރު ރައީސް ސޯލިހު އެކަމަށް ފިޔަވަޅެއް ނޭޅުއްވި އެވެ. އެކަމުގެ ފާޑުކިޔުންތައް ވެސް ސަރުކާރަށް ވަރަށް ބޮޑަށް އަމާޒުވި އެވެ.

ރައީސް ސޯލިހު އަބަދުވެސް ވިދާޅުވަމުން ގެންދަވާ ގޮތުގައި ޖިންސީ ފުރައްސާރަ އާއި ޖިންސީ އަނިޔާއަށް އެމަނިކުފާނު ގެންގުޅުއްވާނީ ޒީރޯ ޓޮލަރެންސްގެ ސިޔާސަތެކެވެ. އެފަދަ ކަމެއް ސަރުކާރުގެ ތެރޭގައި ހިނގާ ނަމަވެސް ފިޔަވަޅު އަޅުއްވާނެ އެވެ. އެންމެފަހުން ފުލުހުންނާ ބައްދަލު ކުރައްވައި ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި ވެސް އަންހެނުންނާއި ކުޑަކުދިންނަށް ކުރިމަތިވާ ޖިންސީ ގޯނާގެ މައްސަލަތަކަށް ހާއްސަ ސަމާލު ކަމެއް ދިނުމަށް ވަނީ އެދިވަޑައިގެންފަ އެވެ.