ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މަގާމުން އިސްތިއުފާ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިރޭ އަންގަވައިފި އެވެ.
ރައީސް އޮފީހުން ވަނީ އެކަން ޔަގީން ކޮށްދީފަ އެވެ. އެ އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ މަސައްކަތުގެ މާހައުލުގައި ހިނގައިގެން ނުވާނެފަދަ އަހުލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގެ ތެރޭގައި ހިނގާފައިވާ ކަމުގެ ޝަކުވާ އެ މިނިސްޓްރީގެ މުވައްޒަފުންތަކެއް ވަނީ ރައީސުލްޖުމްހޫރިއްޔާ އަށާއި ޖެންޑާ މިނިސްޓްރީ އަށް ހުށަޅާފަ ކަމަށެވެ.
"މިކަމާ ގުޅިގެން މިނިސްޓަރު އޮފް ޓުއަރިޒަމް އަލްފާޟިލް އަލީ ވަހީދު މަގާމުން އިސްތިއުފާ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މިރޭ އަންގަވާފައި،" އޭނާގެ ޓްވީޓްގައި ވެއެވެ.
މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވުމަށް އަލީ ވަހީދަށް، ރައީސް ސޯލިހު އަންގަވާފައިވާއިރު މިއަދު ހެނދުނުން ފެށިގެން މިނިސްޓަރު އަލީ ވަހީދާ ގުޅޭ ގޮތުން ތަފާތު ވާހަކަތައް ދަނީ ފެތުރެމުންނެވެ. އޭގެ ތެރޭގައި މިނިސްޓްރީގެ ތެރޭގައި އަލީ ވަހީދަށް ތުހުމަތުވާ ބަދުއަހުލާގީ ގިނަ އަމަލުތަކެއްގެ ވާހަކަތަކާއި އޮފީސް މާހައުލުގެ ޖިންސީ ފުރައްސާރައިގެ ވާހަކަތަކެއް ފެތުރުމުގެ އިތުރުން މިނިސްޓްރީގެ ވަޒީފާއަށް އަލީ ވަހީދާ ގުޅުންތައް އޮންނަ ގިނަ އަދަދެއްގެ އަންހެނުން ވެއްދުމާއި އަދި އެމީހުންނާއެކު ނުހަމަ ގުޅުންތަކެއް ހިންގުމުގެ ވާހަކަތައް ވެސް ހިމެނެ އެވެ.
އިސްތިއުފާއާ ގުޅޭ ގޮތުން ވެސް އަދި ކުރެވޭ ތުހުމަތުތަކާ ގުޅޭ ގޮތުން ވެސް އެއްޗެއް ވިދާޅު ނުވެ އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި މިރޭ ވިދާޅުވީ "މިދުވަސްވެސް ހިނގައިދާނެ" ކަމަށެވެ. އަދި އެ ޓްވީޓްގައި އިހުލާސްތެރި ކަމާއެކު ގައުމަށް ހިދުމަތްކޮށް ދެވުނީތީ ފަހުރުވެރިވެ ވަޑައިގަންނަވާ ކަމަށާއި ވަގުތު ޖެހުމުން ހުރިހާ ކަމެއް ސާފުވާނެ ކަމަށާއި ހައްގަށް ނަސްރު ލިބޭނެ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
މިކަން މިއަދު ދިމާވި އިރު މީގެ ކުރިން އަލީ ވަހީދު، މި ސަރުކާރުގެ ބައެއް އަންހެން ވަޒީރުންނަށް ނިސްބަތްކޮށް ހުތުރު ވާހަކަތަކެއް ދެއްކި އޯޑިއޯތަކެއް ވެސް ވަނީ ލީކް ކޮށްފަ އެވެ. އެ އޯޑިއޯތަކުގައި އަލީ ވަހީދު ނިސްބަތްވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާއި ގުޅޭގޮތުން ވަރަށް ބޭއަދަބީ ވާހަކަތައް ދައްކާ އެކަމަނާއަށް ޖިންސީ ފުރައްސާރަކޮށްފައި ވެއެވެ.
އަދި މި ސަރުކާރުގެ ބައެއް އެހެން މިނިސްޓަރުންނަށް ވަރަށް ބޮޑަށް ފުރައްސާރަކޮށް ވެސް ވާހަކަތައް ދައްކާފައި ވެއެވެ.
އެކަމާއި ގުޅިގެންވެސް އަލީ ވަހީދު މަގާމުން ދުރުކުރުމަށް ގިނަ ބަޔަކު ރައީސް ސޯލިހަށް ވަނީ ގޮވާލާފަ އެވެ. އެ އޯޑިއޯގެ މައްސަލަ ބެލުމަށް ނަހުލާ ވަނީ ރައީސް ސޯލިހަށް ދަންނަވާފަ އެވެ. އަދި އެ މައްސަލަ ބައްލަވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވިއެވެ. ނަމަވެސް ފަހުން އެކަމާއި ގުޅޭގޮތުން އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
އަލީ ވަހީދު މަގާމުން އިސްތިއުފާ ދޭން އަންގާފައި މިވަނީ ކޮވިޑް-19 އިގެ ދިގު ބަންދަށްފަހު އަލުން ރާއްޖެ ހުޅުވާލަން ތައްޔާރުވަމުންދަނިކޮށެވެ. މިދިޔަ މާޗް މަހުގެ 27 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ބަންދުކޮށް ފަތުރުވެރިކަން މެދުކަނޑާލާފައި އޮތުމަށްފަހު މިމަހުގެ 15 ގައި ރާއްޖޭގެ ބޯޑަރު ހުޅުވާލާ ފަތުުރުވެރިކަން ފެށުމަށް ވަނީ ނިންމާފަ އެވެ.
އެކަމަށްޓަކައި ސަރުކާރާއި ޓޫރިޒަމް މިނިސްޓްރީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ރާއްޖެ ހުޅުވާލުމުގެ އިސްތިހާރު ވެސް ކުޅެފައި ވަނީ އަލީ ވަހީދެވެ.