އަލީ ވަހީދު

އަލީ ވަހީދު ދައްކަން އުޅެނީ ކޮން ވާހަކައެއް؟

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަކީ ރާއްޖޭގެ މި ފަހުގެ ސިޔާސީ ހަޔާތްދުށް އެންމެ ކާމިޔާބު އެއް ޕޮލިޓީޝިއަނެވެ. އެއީ މަޖިލީހުގެ މެންބަރުކަން ކުރެއްވި އެންމެ ހަގު މެންބަރެވެ. ރާއްޖޭގެ އެންމެ ބޮޑު ތިން ސިޔާސީ ޕާޓީގެ އެންމެ އިސް މަގާމުތައް ފުރުއްވިއެވެ. ޑީއާރުޕީ އާއި އެމްޑީޕީ އަދި ޖުމްހޫރީ ޕާޓީގައި އޭނާ އަކީ އެއް ދުވަސްވަރެއްގައި ވަރުގަދަ ނަމެކެވެ. ރައީސް ސޯލިހްގެ ސަރުކާރު ގެނައުމަށް އަދި ރައީސް ޔާމީންގެ ސަރުކާރު ބަދަލުކުރުމަށް ކުރެވުނު މަސައްކަތުގައިވެސް އޭނާގެ ދައުރު ބޮޑެވެ. މޭޑޭގެ ބިޔަ އެއްވުން ލީޑުކުރައްވާ ކުރެއްވި މަސައްކަތްތަކާއެކު ރާއްޖެއިންް ބޭރުގައި ހިމާޔަތް ހޯއްދަވައިގެން ހުންނެވުމަށް ފަހު ރާއްޖެ ވަޑައިގެންނެވީ އައު ސަަރުކާރުގެ ޓޫރިޒަމް މިނިސްޓަރު ކަމާއި ހަވާލުވެވަޑައިގަތުމަށެވެ. ނަމަވެސް އެ މަގާމުން ވަކިކުރެއްވީ މި ފަހުގެ ތާރީހެއްގައި ސިޔާސީ ބޭފުޅަކަށް ކުރެވުނު އެންމެ ހުތުރު ތުހުމަތުތަކާއެކުގައެވެ.

ޓޫރިޒަމްގައި މަސައްކަތް ކުރެއްވި އެތައް އަންހެން މުވައްޒިފަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވި މަގާމުން ވަކިކުރެއްވީ ރައީސް ސޯލިހް ދެއްވި ފުރުސަތުގައި އަމިއްލަފުޅަށް އިސްތިއުފާ ނުދެއްވުމުންނެވެ. އޭގެ ފަހުން ބޮޑު ހަ ދައުވާއެއް އުފުލާ ކޯޓްގައި ޝަރީއަތް ފެށުނެވެ. ނަމަވެސް ވަރަށް ކުއްލި ގޮތަކަށް ބޭސްފަރުވާއަށް ކަމަށް ވިދާޅުވެ އަލީ ވަހީދު ރާއްޖެއިންް ބޭރަށް ވަޑައިގެންނެވިއެވެ. ވަރަށް ސިއްރުން ހިންގި ޝަރީއަތެއްގައި އޭނާގެ ޕާސްޕޯޓް ދޫކޮށްލީ ޑޮކްޓަރެއްގެ ލިޔެކިޔުމާއި އޭނާއާ ޖާމިނުވާނެ މީހަކުވެސް ދެއްކުމުންނެވެ. ދައުލަތުން ބުނާ ގޮތުން އެކަމާއި ދައުލަތް އިންތިހާ ދެކޮޅު ހަދަމުން ދަނިކޮށެވެ.

ބޭސްފަރުވާއަށް ފަހު އަލީ ވަހީދު ރާއްޖެ ވަޑައިގައެއް ނުގަތެވެ. އެއާއެކު އިންޓަޕޯލް މެދުވެރިކޮށް އޭނާ ރާއްޖެ ގެނައުމުގެ މަސައްކަތް ކުރާ ކަމަށް ފުލުހުން ހާމަކުރިއެވެ. ނަމަވެސް މިދިޔަ މަހުގެ 25 ވަނަ ދުވަހު ޔޫކޭގެ ފުލުހުން އަލީ ވަހީދު ހައްޔަރުކުރިއެވެ. ވިސާގެ މައްސަލައެއްގައެވެ. އެ މަންޒަރު ފެންނަ ވީޑިއޯ އާންމުވެ ނޫސްތަކުގައި ލިޔުމުންވެސް ފުލުހުން ވިދާޅުވީ އަލީ ވަހީދުގެ ހަބަރެއް ނެތް ކަމަށެވެ. އަލީ ވަހީދު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ޔަގީންކޮށްދިނީ އޭގެ 11 ދުވަސް ފަހުން މި މަހުގެ ހަވަނަ ދުވަހުގެ ހަވީރެވެ.

އަލީ ވަހހީދު ހައްޔަރުކުރި ދުވަހަކީ އޭނާގެ ވަކީލުންނާއެކު އޮންލައިންކޮށް ނޫސްވެރިންގެ ބައްދަލްވުމެއް ބާއްވަން ހަމަޖެހިފަައި އޮތް ދުވަހެވެ. ޔޫކޭ ފުލުހުން އޭނާ "އުފުރާލީ" ނޫސްވެރިންގެ ބައްދަލްވުމަށް ނޫސްވެރިންނަށް ދައުވަތު ފޮނުވާ އަލީ ވަހީދު އޭނާގެ ޓްވިޓާ އެކައުންޓުން ޓްވީޓެއްވެސް ކުރައްވާފައިވަނިކޮށެވެ. އޭރުވެސް ގަބޫލު ކުރެވުނު ގޮތުން އެ ބައްދަލްވުމުން ލައްކަ ވާހަކަތައް ބޭރަށް ނިކުންނާން އޮތީ ތައްޔާރުވެއެވެ.

ފުލުހުންގެ ހައްޔަރާއެކު އަލީ ވަހީދު 16 ދުވަހަށް ގެއްލުނެވެ. އެންމެވެސް ހީކޮށްގެން ތިބީ އަލީ ވަހީދު ހައްޔަރުކޮށްފައިވާ ކަމަށް ޔޫކޭ ފުލުހުން ދިވެހި ފުލުހުންނަށް އެންގުމުން ދެން އަލީ ވަހީދު ރާއްޖެ ގެނެވޭނެ ކަމަށެވެ. އަދި އޭނާގެ ޝަރީއަތްތައް ހިންގި އިންސާފު ގާއިމުވާނެ ކަމަށެވެ. ނަމަވެސް މަންޒަރު މުޅީން ބަދަލުވެއްޖެ އެވެ. ހޮނިހިރު ދުވަހުގެ ރޭ 11:56 ގައި އަލީ ވަހީދު ޓްވީޓެއް ކުރެއްވިއެވެ. ފުރަތަމަ ޓްވީޓްގައިވެސް ވިދާޅުވީ އޭނާގެ ހުރީ "ފްރާމް" ކޮށްފައި ކަމަށެވެ. އަދި އަނިޔާވެރިންގެ ކުރިމަތީ ފަހަތަށް ނުޖެހޭނެ ކަމަށެވެ.

"އިރާދަފުޅުން ދައްކަވަން އުޅުނު ވާހަކަ ދައްކާނަން. އެނބުރި އަންނާނަން،" ރާއްޖޭގެ ގައުމީ ދިދައަކާއެކު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

މިހާތަނުން އެއް ގައިމެއް ގައިމުވިއެވެ. އެއީ ސަރުކާރު ޕްްރެޝަރަށް ވައްޓާލާނެ ވާހަކަތަކެއް އަލީ ވަހީދު އެ ދުވަހު ދައްކަވަން އުޅުއްވި ކަމެވެ. ކުއްލި ގޮތަކަށް ޔޫކޭގެ ފުލުހުން އޭނާ ހައްޔަރުކުރީ އެކަމަށް އޭނާ ތައްޔާރުނުވެ ހުއްޓާއެވެ. އެކި ގޮތްގޮތުން ސަރުކާރުގެ ތެރެއިން ލިބެމުން އައި ލުއިތަކުގައި ޔޫކޭގައި ހުންނެވޭނެ ކަމަށް އޭނާ ހުރީ ބައްލަވައިގެންނެވެ. ނަމަވެސް ސަރުކާރު އެއްކުޅި ކުޅިއަށް ކުޅުއްވާ އެޅުއްވި ވަރުގަދަ ފިޔަވަޅުން އަލީ ވަހީދު އެ ހުންނެވީ މިހާރު ރަނގަޅަށް ހަނގުރާމަ ތައްޔާރުވެ ނިކުންނަވައިގެންނެވެ. ނަމަވެސް އަދިވެސް ސާފު ނުވެ އޮތް ކަމަކީ ޔޫކޭގެ ފުލުުހުންގެ ބަންދުން އޭނާ ވީއްލުނު ގޮތެވެ. ޔަގީނުން އެއީ ސަރުކާރުވެސް ވަރަށް ހައިރާންވި ކަމެވެ. އެކަންވެސް އަދި އެނގޭނެ އެވެ.

ފުރަތަމަ ޓްވީޓުން ދެއްވި އިންޒާރަށް ފަހު އިއްޔެވެސް ފުލުފުލުގައި ޓްވީޓް ކުރެއްވިއެވެ. ޖުމްލަ ތިން ޓްވީޓެއް ކުރެއްވިއެވެ. ފުރަތަމަވެސް އިންޒާރު ދެއްވީ ޕްރޮސެކިއުޓަރު ހުސައިން ޝަމީމެވެ. ވިދާޅުވީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ސައްހަ ލިސްޓް ފެށެނީ ޝަމީމާ ހަމައިން ކަމަށެވެ. ރެހެންދި ފްލެޓުން ކަޅު ދަބަސް ހިފައިގެން ނިކުތް މީހުން އޭނާއަށް ނޯޅޭނެ ކަމަށް ވިދާޅުވެ ސިއްރުވެ ފޮރުވިފައި އޮތް ސަފްހާއަކުން ބައެއް ކަހާލެއްވިއެވެ.

"ތިޔަ ފޯނުތަކާއި ލެޕްޓޮޕާއި އިނގިރޭސި ތަހުގީގު ޓީމަށް ރައްދުކޮށްދިނީ އަޅުގަނޑު. ޖަލަށް ލިޔަސް މަރާލިޔަސް އިރާދަފުޅުން މި އަޑު ކަނޑުވާނުލެވޭނެ،" ހިޔާނާތުގައި އިސްކޮށް ހުންނެވި އަހުމަދު އަދީބުގެ ފޯނާއި ލެޕްޓޮޕް އިނގިރޭސި ތަހުގީގަށް ދިން ދިނުން ހަނދާން ކޮށްދެއްވާ އަލީ ވަހީދު ވިދާޅުވިއެވެ.

ދެވަނަ ޓްވީޓް ހާއްސަކުރެއްވީ އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީންގެ ދިފާއަށެވެ. މި ފަހަރު ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް އެމްއެމްޕީއާރުސީގެ މައްސަލައާ ގުޅުވާ ކުރެވޭނެ އެއްވެސް ދައުވާއެއް ނޯންނާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖެއިން ބޭރުގައި ކުރެވުނު ތަހުގީގުގައި ރައީސް ޔާމީންގެ އެކައުންޓްތައް ފުރީޒް ނުކުރެވުނީ އެ ސަބަބާއި ގުޅިގެން ކަމަށެވެ. ދެން ގޮވާލެއްވީ ޔާމީން މިނިވަން ކުރުމަށެވެ.

އޭގެ ފަހުން އަނެއްކާވެސް ހަމަލާ ދެއްވީ ޕީޖީ ޝަމީމަށެވެ. އަދި ޝަމީމަށް އަލީ ވަހީދު އޮޅިފައިވިޔަސް މި ފަހަރު "އުންސުރު ހަމަކޮށްދޭނަން" ކަމަށް ވިދާޅުވެ އިންޒާރެއް ދެއްވިއެވެ.

"ކީރިތި ރަސޫލާއަށް ފުރައްސާރަކުރި އެމްޑީއެން ގެ ޗެއާޕާސަންކަން ކުރިކަން ހަނދާން ނެތް ކަމަށް ވިދާޅުވި މީހަކަށް، ރައްޔިތުންގެ ނޭވާ ހޮޅިން ވެންޓިލޭޓަރުން ވައްކަން ކުރިކަން ނޭނގުނު މީހަކަށް، ފަތިސް ކަމަށް މެންދުރު ޓްވީޓް ކުރާ މީހަކަށް، އަލީ ވަހީދުވެސް އޮޅިދާނެ. އުންސުރު ހަމަކޮށްދޭނަން،"

މިއީ ފޮރުވިފައިވާ އެތައް ވާހަކައެއްގެ ފެށުމެވެ. ވަރަށް ގިނަ ބަޔަކު އިއްތިފާގުވާ ގޮތުގައި ސަރުކާރުގެ ލައްކަ ސިއްރު އަލީ ވަހީދަށް އެނގިވަޑައިގަންނަވާނެ އެވެ. ފަހަރުގައި ޖުޑީޝަރީ މިނިވަންކޮށް ރައީސް ޔާމީން މިނިވަންކުރަަން ގޮވާލަން މާ ރަނގަޅު ބޭފުޅަކަށް އަލީ ވަހީދު ނުވެދާނެ އެވެ. އަދި ދިވެހި ރައްޔިތުންގެ ހައްގުގައި ވާހަކަ ދައްކަން އެހާ ތާހިރު ބޭފުޅަކަށްވެސް އޭނާ ނުދެވާނެ އެވެ. ނަމަވެސް މިހާރުގެ ސިޔާސީ މަސްރަހަށް ޝައުގުވެރި އެތައް ވާހަކައެއް ގެނެސްދީ ތިލަކޮށްދެވޭނެ ބޭފުޅަކަށް އޭނާ ވެވަޑައިގަންނަވާއެވެ.

އަލީ ވަހީދު ދައްކަވަން އެ އުޅުއްވަނީ ކޮން ވާހަކައެއްތޯ ބަލަން ޝައުގުވެރިކަން ހުއްޓެނީ އެ ސަބަބާއި ހުރެއެވެ. އެ ޝައުގުވެރިކަން އިތުރުވާ އެހެން ސަބަބުތައްވެސް އެބަހުއްޓެވެ. އެއް ކަަމަކީ އަލީ ވަހީދު "ފާޅުވުމާ" އެކީ އޭނާގެ މައްސަލައަށް އައި ހަލުވި ކަމެވެ. ހައިކޯޓްގައި އޮތް މައްސަލައަށްވެސް އިއްޔެ ގޮތް ނިންމައިފި އެވެ. އަލީ ވަހީދު "ފިލުވަން" ޖާމިނު ކުރި މި ސަރުކާރުގެ ސްޓޭޓް މިނިސްޓަރަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ކޯޓުން ނިންމައިފި އެވެ. މި ނިންމުން އައުމުގެ ދެ މަސް ކުރީން ޕީޖީ އޮފީހުން ވަނީ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ އަށް ފިޔަވަޅު އަޅައިދީ ޖަލު ހުކުމެއް އިއްވައިދިނުމަށް އޮތީ އެދިފައެވެ. ނަމަވެސް ދަށު ކޯޓްގައި މައްސަލަ ހިރިވެސް ނުލާ އޮތީއެވެ. އަނެއްކޮޅުން ދުވަހުން ދުވަހަށް ތަން ހިންގާނެ މިނިސްޓަރަކުވެސް ނެތް ޔޫތު މިނިސްޓްރީގައި އައްސަދު އެ ގެންދަވަނީ މަސައްކަތް ކުރަމުންނެވެ. ސަރުކާރަށް އޭނާގެ އެއްވެސް މައްސަލައެއް ނެތް ފަދައެވެ.

އަނެއްކޮޅުން އަލީ ވަހީދުގެ ޕާސްޕޯޓް މައްސަލަވެސް އިއްޔެ އޮތީ ނިމިފައެވެ. މައްސަލަ ނިމުނުއިރު ދައުލަތް އަނެއްކާވެސް އިތުރަށް ފެއިލްވީ އެވެ. ހައިކޯޓްގެ އަމުރުން އެނގޭ ގޮތުން ދައުލަތުން ހިފަަހައްޓަން އެދިފައި އޮތީ ބާތިލުކޮށްފައި އޮތް ޕާސްޕޯޓެކެވެ. މަތީ މަރުހަލާއަށް މި މައްސަލަ ދަައުލަތުން ގެންދިޔައީ ކްރިމިނަލް ކޯޓުންވެސް ދައުލަތާއި ދެކޮޅަށް މައްސަލަ ނިންމުމުންނެވެ. އަލީގެ ގައިރު ހާޒިރުގައި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމާ ހައިކޯޓުންވެސް ފުރަތަމަ މައްސަލަ ބޭރުކޮށްލީ އެވެ. އެ ކޯޓުން ބަލާ އިއްޔެ ހުކުމް އިއްވި މައްސަލައަކީ ހައިކޯޓަށް އެ މައްސަލަ ނިންމޭނެ ކަމަށް ކަނޑައަޅާ ސުޕްރީމް ކޯޓުން އަމުރުކުރުމުން ބެލި މައްސަލަ އެކެވެ.

މީގެ އެންމެ ހެއްވާއަކީ ދައުލަތުން ހައިކޯޓުގައި ހުށަހަޅާފައި ވަނީ އަލީ ވަހީދުގެ ޑިޕްލޮމެޓިކް ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރަކަށްވުމެވެ. ޑިޕްލޮމެޓިކް ޕާސްޕޯޓަކީ ދައުލަތުގެ އިސްވެރިންނަށް ދޫކުރާ ޕާސްޕޯޓަކަށް ވީހިނދު، އަލީ ވަހީދަކީ މިހާރު ދައުލަތުގެ އިސް މަގާމެއްގައި ހުންނެވި ބޭފުޅަކަށް ނުވާތީ އެ ޕާސްޕޯޓު މިހާރު ވަނީ ކެންސަލްކޮށްފަ އެވެ. ނަމަވެސް އަލީ ވަހީދުގެ މައްސަލަ ސީރިއަސްކޮށް ބަލާކަން ރައްޔިތުންނަށް ދައްކަން މި "ޑްރާމާ" ވެސް ކުޅެލީއެވެ. އެއީ "ޑްރާމާ" އެއްކަން ފަޅާއެރީ ހައިކޯޓްގެ އިއްޔެ އަމުރުންނެވެ.

އަލީ ވަހީދު ކިޔައިދޭ ވާހަކަތަކުގެ ތެރެއިން ފަހަރަކު ދޮރަކުން ފަހަރަކު ދޮރަކުން ފަސޭހަ ކަމާއެކު ނިކުންވަމުން ރާއްޖެއިން ބޭރަށް ވަޑައިގެންނެވި ގޮތްވެސް ކިޔައިދެއްވާނެ ކަމަށް ބެލެވެއެވެ. އޭރުންވެސް ދައުލަތް ވަރަށް ބޮޑަށް ލަދު ގަންނާނެ އެވެ. އެ ހުރިހާ ވާހަކަތަކެއް އަދި ސިއްރުވެފައި ހުއްޓަސް މިހާތަނަށް ހާމަވެފައިވާ މަދު ކަންތައްތަކުންވެސް ދައުލަތުގެ އިހުމާލު ފެންނަން އޮތީ މުޅި ރައްޔަތް ލަދު ގަންނަ މިންވަރެވެ.

މި ވާހަަތަކުގެ ތެރެއިން އެ ވަރަށް ދައުލަތް އަލީ ވަހީދުގެ "ދަށުގައި" އޮނަން ޖެހޭ ސަބަބުތައްވެސް އޭނާ ސާފުކޮށްދެއްވާނެ ކަމަށް ބެލެވެއެވެ. އޭރުން އަދި މާ ގިނަ ވާހަކަތައް ބޭރަށް ނިކުންނާނެ އެވެ. ފަހަރުގައި އެއީ ރަައީސުލްޖުމްހޫރިއްޔާއާ ގުޅޭ ވަރަށް ބޮޑެތި ވާހަކަތަކަށްވެސް ވެދާނެ އެވެ. އަދި ބައެއް ވަޒީރުންނަށް ލަދުން އިސްއުފުލާލަންވެސް ނުކުރޭ ފަދަ ވާހަކަތަކަކަށްވެސް ވެދާނެ އެވެ.

ރައީސްގެ ބިރެއް ނެތް

އަލީ ވަހީދުގެ މައްސަލަ ހުރިހާ ގޮތަކުންވެސް ތަފާތެވެ. އަލީ ވަހީދަށް ކުރެވިފައިވަނީ މި ފަހުގެ ތާރީހެއްގައި ސިޔާސީ ބޭފުޅެއްގެ މައްޗަށް ކުރެވުނު އެންމެ ސީރިއަސް އަދި އެންމެ ހުތުރު ތުހުމަތު ތަކެވެ. މައްސަލަ ތަހުގީގުކޮށް ޕްރޮސެކިއުޓް ކޮށް ނިންމާލިއިރު ހަތް ދައުވާއެއް އޭނާގެ މައްޗަށް ކުރެވުނެވެ. ބޮޑެތި ޖަލު ހުކުމް އަންނާނެ ދައުވާތަކެވެ.

ނަމަވެސް މިވަރުގެ ދައުވާތަކެއް ކުރެވިފައިވަނިކޮށް ފުރަތަމަވެސް އޭނާގެ ދިފާއުގައި ވާހަކަ ދެއްކެވީ ރައީސް ސޯލިހެވެ. މުވައްޒަފުންގެ ވާހަކަ އަޑުއައްސަވާފައި ކީރިތި ކުރެއްވި ރައީސްގެ ވާހަކަ އައީ އެ ފަހަރު އައީ ދިމާ އިދިކޮޅަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި "އަބަދުވެސް އެދިވަޑައިގަންނަވަނީ އަލީ ވަހީދަށް ރަނގަޅު ގޮތެ" ވެ. އަދި އޭނާގެ މައްޗަށް އޮތް ހުރިހާ ތުހުމަތުތަކެއް އޮއްވާމެ ރައީސް ވިދާޅުވަނީ "އަލީ ވަހީދަކީ ސިޔާސީ މުސްތަގުބަލް އޮތް ވަރަށް ކުޅަދާނަ ޕޮލިޓީޝަނެ" ކެވެ. އަދި އެވަރުންވެސް ނިންމައެއް ނުލައްވަ އެވެ. އަލީ ވަހީދުގެ މުސްތަގުބަލު އޭނާ އެދިވަޑައިގަންނަވާ ގޮތަކަށް ކުރިއަށް ގެންދަން ފުރުސަތު ހޯއްދަވާ ދެއްވާނެ އެވެ. އެކަން ކުރައްވަންވެސް ޖެހިވަޑައިގަންނަވާ ކަމަށެވެ.

އަޅުގަނޑު އަބަދު ވެސް އަލީ ވަހީދަށް ރަނގަޅު ގޮތްތައް އެދެން. އަލީ ވަހީދަކީ ސިޔާސީ މުސްތަގުބަލެއް އޮތް، ހަމަ ކުޅަދާނަ ޕޮލިޓީޝަނެއް. އެހެންވީމާ އަލީ ވަހީދުގެ މުސްތަގުބަލު އަލީ ވަހީދު އެދިވަޑައިގަންނަވާ ގޮތަށް ކުރިއަށް ދިޔުމުގެ ފުރުސަތު ހޯދައިދިނުމަށް އެއީ އަޅުގަނޑުމެން އެންމެން ވެސް ހަމަ، ކުރާނެ ކަމެއް
އިބްރާހިމް މުހައްމަދު ސޯލިހް | ރައީސުލްޖުމްހޫރިއްޔާ

އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ އަލީ ވަހީދުގެ ދިފާއުގައި ނިކުންނެވިއެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕަށް ރައީސް ނަޝީދު ދޫކޮށްލެވި މެސެޖެއްގައި ވިދާޅުވެފައިވާ ގޮތުގައި އަލީ ވަހީދުގެ މައްސަލައާ ގުޅޭ ބަޔާންތައް ބެއްލެވި އެވެ. އަދި އެ ބަޔާންތަކާމެދު އަޖައިބުވެ ވަޑައިގަތެވެ. އަލީ ވަހީދުގެ ދިފާއު ކުރައްވާ ނަޝީދު ވިދާޅުވި ގޮތުގައި އަލީ ވަހީދުގެ މައްޗަށް ބޮޑު ދައުވާއެއް ކުރައްވާތީ އެމަނިކުފާނު ކަންބޮޑުވެވަޑައިގަންނަވަ އެވެ. އެކި މީހުނަށް އެކި ގޮތް ހަދަމުންދާ މަންޒަރު ފެނިވަޑައިގަންނަވާ އެވެ.

"ތިނަދޫގައި ޖިންސީ ގޯނާކޮށް އަންހެން މީހާ މަރާލި މީހާ އަށް ވެސް ކޮށްފައިވަނީ ދެ ދައުވާ. އެހެން ކިތަންމެ މީހުންނަށް އެއްވެސް ދައުވާއެއް ނުކޮށް އެބަ ދޫކޮށްލާ،" ނަޝީދު ވިދާޅުވެފައި ވެއެވެ.

އެހެން ކަމުން ރައީސް ސޯލިހް އާއި ރައީސް ނަޝީދު "ކޮމްޕްރޮމައިސް" ވާފަދަ ބޮޑެތި ވާހަަތަކެއް އަލީ ވަހީދުގެ އަތުގައި އޮތް ކަމަށް ކުރެވޭ ތުހުމަތު ބޮޑުވިއެވެ. އެ ތުހުމަތަކަށް މިދިޔަ މަހުގެ 11 ވަނަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލްވުމުގައި ރައީސް ޖަވާބު ދެއްވިއެވެ. އެ ދުވަހުވެސް ރައީސް ފުރަތަމަ ވިދާޅުވެ ދެއްވީ އަލީ ވަހީދުގެ މައްސަލަ އެނގިވަޑައިގަތުމުން އަމަލު ކުރެއްވި ގޮތެވެ. އަދި އެޅުއްވި ފިޔަވަޅުތަކުގެ ހަރުދަނާ ކަމެވެ. ދެން ވިދާޅުވީ އެއްވެސް މީހެއްގެ އަތުގައި އެމަނިކުފާނު ކޮމްޕްރޮމައިސްވާނެ އެއްވެސް އެއްޗެއް، އެއްވެސް ވާހަކައެއް ނޯންނާނެ ކަމެވެ. އޮތް ނަމަ ހާމަކުރައްވާށެވެ.

"އަޅުގަނޑު ކޮންޕްރޮމައިޒްވާ ކަހަލަ އެއްވެސް އެއްޗެއް އެއްވެސް ބޭފުޅަކު އަތަކު ނުހުންނާނެ. ހާމަކުރައްވާ، އެއީ ޔަގީން ކަމެއް،"

ނަމަވެސް "އަލީ ޑްރާމާ" މިހާރު އައިސް އޮތް ހިސާބުން ދެން އޮތީ ޑްރާމާގެ ކްލައިމެކްސްކަން ވަރަށް ބޮޑަށް ޔަގީނެވެ. އެ ބައި ނިމުމުން އެ "ކޮމްޕްރޮމައިސް" ވާފަދަ ވާހަކަތައް ހުރިނަމަ އެކަމެއް އޮންނާނީ އެނގި ހާމަވެފައެވެ. އަލުން އަލީ ވަހީދު "ފާޅުވެ" ހަރަކާތްތެރިވާން ފެށި ގޮތުން ޔަގީނުންވެސް ދައުލަތް ބިރުގަނެއްޖެ އެވެ. އެކަމުން އަންގައިދެނީ އަލީ ވަހީދު ކިޔައިދޭން އުޅޭ ވާހަކަތަކުގެ ބޮޑު ކަމެވެ. ޖަލަށްލިޔަސް، މަރާލިޔަސް މިފަހަރު އޭނާ އެ ހުރީ އެ ހުރިހާ ވާހަކަތަކެއް ކިޔައިދޭނެވެ. އިދިކޮޅަށް ހުދުވާ އެއްލައިގެން އިދިކޮޅުގެ ހިމާޔަތް ލިބޭނެ ކަމަށް ބަލައިގެންނެވެ. އެ ވާހަކަތަކާއެކު ދެން ސިޔާސީ މައިދާނަށް އަންނަ ފުރޮޅުންތައް ވަރަށް ޝައުގުވެރިވާނެ ކަމަށް ބެލެވެއެވެ.