މި ސަރުކާރުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަކީ އޭރު އެންމެ ނުފޫޒު ގަދަ އެއް މިނިސްޓަރެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދާއި ގާސިމް އިބްރާހިމްގެ ހާއްސަ ތާއީދެއް އޮތުމުން އަލީ ވަހީދު ވެވަޑައިގެންނެވީ މާ ބާރު ގަދަ ބޭފުޅަކަށެވެ. އަދި ސަރުކާރުގެ ދުލަކީ ވެސް އޭނާ އެވެ. ކޮވިޑްގެ ބަލާއާފާތާ ގުޅިގެން ސިފައިންނާ ނުބައްސާ ސަރުކާރުން ފެށި ބޮޑު އޮޕަރޭޝަންގައި ވެސް އަލީވަހީދަކީ ގާތްގަނޑަކަށް "ވެރިޔާ" އެވެ. ވަރަށް ގިނަ ބާރާއި އިމްތިޔާޒާއި ހާއްސަ ހައިސިއްޔަތުތަކެއް އޮވެފައި ހެލޭ ދުލެއް ވެސް އޮތުމުން އޭނާ އާއި އޭނާގެ ދައުރު ވެސް ފެނުނީ އެހާ ބޮޑުކޮށެވެ.
ނަމަވެސް ކުއްލި ގޮތަކަށް އަލީ ވަހީދާ ގުޅޭ ވަރަށް ސީރިއަސް ބޮޑެތި ތުހުމަތުތަކެއް ބޭރަށް ނުކުތުވެ. ވަޒީރުންތަކަށް ފުރައްސާރަ ކުރެއްވުމާއި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއަށް ޖިންސީ ފުރައްސާރަ ކުރެއްވީ އެވެ. ދިމާއަށް ފެންނާން އޮތް އެކަމުން ވެސް އަލީ ވަހީދު ރެކިވަޑައިގެން ހުންނަވަނިކޮށް ދެން އައީ ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ އާއި ގޯނާ ކުރެއްވި ހަޑިހުތުރު މައްސަލައެކެވެ. އޭގެ ގިނަ ކަންކަން ހިނގީ ކޮވިޑްގެ މަސައްކަަތަށް ދައުލަތުން ހިފާފައި ހުރި މާގިރީގައިކަން ފަޅާ އަރައި ސަރުކާރު ޕްރެޝަރަށް ގޮސް އިސްތިއުފާ ދެއްވަން އަލީ ވަހީދަށް އެންގެވި އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި 24 ގަޑިއިރުގައި އެކަން ނުކުރެއްވުމުން ވަކި ކުރެއްވީ އެވެ.
އިސްތިއުފާ ދެއްވަން ރައީސް ސޯލިހު، އަލީ ވަހީދަށް އެންގެވީ ޖިންސީ ގޯނާ ލިބުނު މުވައްޒަފުން ރައީސް އޮފީހަށް ގޮސް ވާހަކަ ކިޔައި، އެ ވާހަކަ އައްސަވައި ރައީސް ކީރިތި ކުރައްވާން ޖެހި ވަޑައިގަތުމުންނެވެ. އެ މީހުން ވަނީ، ރަނގަޅަށް ހަމަ އެއް ކަމެއް ވެސް ނުކުރާ ޖެންޑާ މިނިސްޓްރީގެ މިނިސްޓަރު، އައިޝަތު މުހައްމަދު ދީދީއަށް ވެސް އެ ވާހަކަތައް ކިޔައި ދީފަ އެވެ. އެވެސް ރަނގަޅު އެއް ކަމެއް ނުކުރައްވާ ހިހޫ ތަނުގައި އުޅުއްވާ ބޭފުޅެކެވެ.
އަލީ ވަހީދުގެ މައްޗަށް ކުރި ތުހުމަތާއި ގުޅިގެން ތަފާތު އެކި ވާހަކަތައް ދެކެވުނު ނަމަވެސް ފުލުހަށް ހާޒިރުކޮށް ބަޔާނެއް ނެގީ އޭގެ 19 ދުވަސް ފަހުންނެވެ. އޭގެ ކުރީން ޖުލައި 11، 2020 ގައި އަލީ ވަހީދު އުޅުއްވާ ގެ ބަލައި ފާސް ކޮށް ބައެއް ތަކެތި ފުލުހުން ގެންދިޔަ އެވެ. އަލީ ވަހީދަށް ކުރެވުނު ބޮޑެތި ތުހުމަތުތަކާއި ގުޅޭގޮތުން އޭނާ ފުރަތަމަ ވާހަކަ ދެއްކެވީ ވެސް ޖުލައި 19، 2020 ގައި ފުލުހަށް ހާޒިރު ކުރުމުންނެވެ. އެ ރޭ މީޑިއާއިން ކުރި ހުރިހާ ސުވާލަކަށް ވެސް އޭނާ ޖަވާބު ދެއްވިއެވެ. ވިދާޅުވި ގޮތުގައި އެއީ "އުފައްދާފައިވާ ތުހުމަތެ" ކެވެ. "ހިންގަން އުޅެނީ ބޮޑު ޖަރީމާ" އެކެވެ. ފަހަތަށް ޖެހި ވަޑައި ނުގެން ޝަރީއަތާ ކުރިމަތިލައްވާނެ އެވެ. ބިރުގަންނަން ޖެހޭ އެއްވެސް ކަމެއް ނެތެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި މިއީ ބަޔަކު ރާވައިގެން ހިންގާ ޖަރީމާއެއް އަޅުގަނޑާ ދެކޮޅަށް. އަޅުގަނޑު އެދެނީ ވީހާވެސް އަވަހަކަށް އަޅުގަނޑަށް އިންސާފު ލިބިގެން ދިއުން. އިރާދަފުޅުން އަޅުގަނޑުގެ ކުށެއް ނެތްކަން ސާބިތު ވެގެން ވެސް ދާނެ. މިދުވަސް ވެސް ހިނގައިދާނެ، އަބަދަކު ތޫފާނުގެ ވައި މިހެން ނުހުންނާ،" ޖުލައި 19، 2020 ގައި ފުލުސް ކުރިމަތީން އޭނާ ވިދާޅުވި އެވެ.
ޖުލައި 12، 2020 އިން ފެށިގެން އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓާ ހަތް ދައުވާއެއް އުފުލަން ކޯޓަށް ފޮނުވީ ނޮވެންބަރު 18، 2020 ގައެވެ. އެއީ ޖިންސީ ކުށުގެ ގާނޫނުގެ 16 ވަނަ މާއްދާގެ ދަށުން ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާ 15 ވަނަ މާއްދާގެ ދަށުން ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ގާނޫނުލްއުގޫބާތުގެ 132 ވަނަ މާއްދާގެ ދަށުން ބޭ އަދަބީ ގޮތުގައި ޖިންސީ ގުނަވަން ދެއްކުމުގެ ކުށުގެ ދައުވާ އާއި ޖިންސީ ކުށުގެ ގާނޫނުގެ 18 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާ ކުރުމުގެ ދައުވާ އާއި އެ ގާނޫނުގެ 19 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާ ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ގާނޫނުލްއުގޫބާތުގެ 412 ވަނަ މާއްދާ އާއި އެ ގާނޫނުގެ 81 ވަނަ މާއްދާގެ ދަށުން ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދެ ދައުވާ އެކެވެ. މިއީ މި ފަހުން ސިޔާސީ ބޭފުޅެއްގެ މައްޗަށް މިފަދަ ސީރިއަސް ތުހުމަތުތަކެއް ކުރި ފުރަތަމަ ފަހަރެވެ.
ޝަރީއަތް ފެށީ މި އަހަރުގެ ޖަނަވަރީ 24 ގައެވެ. ސިއްރުން ފެށި އެ ޝަރީއަތުގައި ހުރިހާ ތުހުމަތަކަށް އަލީ ވަހީދު އިންކާރު ކުރެއްވި އެވެ. އެ ނޫން ކަމެއް އެ ޝަރީއަތަކުން ސާފެއް ނުވިއެވެ. އޭގެ ފަހަށް ފެބްރުއަރީ 9، 2021 ރޭ ކުއްލި ގޮތަކަށް އިވުނީ އަލީ ވަހީދު ރާއްޖެއިން ބޭރަށް ވަޑައިގެންނެވި ވާހަކަ އެވެ. އެކަން "ފަޅާއަރުވާލީ" ވެސް ނޫސްވެރިންނެވެ. އެކަން ހިނގާފައިވާ ގޮތް ސާފުވިއިރު ކޯޓުން އޮތީ އަލީ ވަހީދު ފުރުމާ ދިމާކޮށް ޕާސްޕޯޓް ކެންސަލް ކޮށްފަ އެވެ. އެ ވާހަކަތައް އާންމުންގެ ތެރެއަށް ބޭރުވީ ކޮންމެވެސް ދިމާއަކުން ކޯޓް އަމުރު ބޭރު ކޮށްލުމުންޏެވެ. އެ އަމުރުގައި އޮތް ގޮތުން ޕާސްޕޯޓް އަމުރު ބާތިލު ކުރަން އެދުނީ ވެސް ދައުލަތުންނެވެ. ޕީޖީން އެކަން ދޮގު ކުުރުމުން އެއީ ލިޔުމުގައިވާ ކުށެކޭ ބުނެ ކޯޓުން އެކަން އިސްލާހު ކުރި އެވެ.
ކްރިމިނަލް ކޯޓުން އޭރު ބުނި ގޮތުގައި އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓީ ބޭހަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމަށް އެދިވަޑައިގަތުމުންނެވެ. ކޯޓުން މަސައްކަތް ކުރީ އެ ނިންމުން އައީ ޑޮކްޓަރުންގެ އިރުޝާދާ ލަފާ އަދި ޖާމިނު ވާނެ މީހަކު ހަމަޖެއްސުމުން ކަމަށް ބުނެ މައްސަލަ އޮއްބާލާށެވެ. އަނެއްކޮޅުން ސަރުކާރުން ބުނީ އަލީ ވަހީދު ބޭރަށް ވަޑައިގެންނެވިކަން އެނގުނީވެސް ނޫހުން ކަމަށެވެ.
އަލީ ވަހީދު ބޭރަށް ފުރުވާލަން އަމުރު ނެރުނީ ކްރިމިނަލް ކޯޓްގެ ގާޒީ ހަސަން ސައީދެވެ. އެ ކަމާއި ގުޅުވައި އޭނާގެ މައްސަލަ ބަލަން ޖޭއެސްސީއަށް ހުށަހެޅި އެވެ. އަދި ގާޒީ ހަސަން ސައީދު ކުރައްވާފައި ވަނީ ގާޒީއަކު ކުރައްވައިގެން ނުވާނެ ކަމެއް ކަމަށް ބުނެ ޖޭއެސްސީން ބަޔާން ނެރުނެވެ. އެކަމަކު ބައެއް އެހެން ގާޒީން މަގާމުން ވަކިކުރަން ވަރަށް ހަރަކާތްތެރިކޮށް އުޅުނު ޖޭއެސްސީ މި ފަހަރު ހިނގައިގަންނަ ގޮތެއްވެސް ނުވި އެވެ.
އަލީ ވަހީދަށް ބޭހަށް ދިން މުއްދަތު ހަމަވެއްޖެ އެވެ. ރާއްޖެ ވަޑައެއް ނުގެންނެވި އެވެ. އޭގެ ބަދަލުގައި އޭނާ ގެންދަވަނީ އެކި ގައުމުތަކަށް ދަތުރު ކުރައްވަމުންނެވެ. ތުރުކީއަށް ފަހު މިހާރު ހުންނެވީ އިނގިރޭސިވިލާތުގަ އެވެ. ބޭރުގައި ހުންނަވައިގެން އޮންލައިން ޝަރީއަތުގައި އަލީ ވަހީދަށް ބައިވެރިވެވޭނެ އިންތިޒާމެއް ހަމަޖައްސަވައި ދެއްވުމަށް އޭނާ ކްރިމިނަލް ކޯޓުގައި އެދި ވަޑައިގަތެވެ. އަދި އެހާ ފަސޭހައިން އެކަންވެސް ވެއްޖެ އެވެ. އެކަމަކު އެއީ އެ ކޯޓުން މިހާތަނަށް ކޮށްފައި އޮތް ކަމެއް ވެސް ނޫނެވެ. އުސޫލު އޮތް ގޮތެއް ވެސް ނޫނެވެ. އަދި ދައުލަަތް ވެސް ތަކުރާރުކޮށް އެކަމާއި އިއުތިރާޒު ކުރި އެވެ. ނަމަވެސް އެއީ ގޮތް ނިންމިއްޖެ ކަމެއް ކަމަށް ވިދާޅުވެ ގާޒީ ހަސަން އެ ބަހުސް ވެސް ހުއްޓުވިއެވެ.
އަނެއް ކަމަކީ އަލީ ވަހީދު ޝަރީއަތުގައި ބައިވެރިވަނީ އިނގިރޭސީ ވިލާތުގައި ހުންނަ ދިވެހި އެމްބަސީގައި ހުންނަވައިގެނެވެ. އޭނާގެ މައްސަލަ ބޮޑު ޑްރާމާ ސީރީޒަކަށް ބަދަލުވެ، ސީރީޒްގެ ޑައިރެކްޓަރާއި ޕްރޮޑިއުސަރަކީ ކާކުތޯ ސުވާލު އުފައްދާ ހިސާބަށް މިކަން ހިނގައްޖެ އެވެ. ފަހަރަކު ކަމެއް ފަހަރަކު ކަމެއް އަލީ ވަހީދަށް ފަހިކޮށް ހިނގަމުންދާތީ އެވެ. ދައުލަތަށް އެއްވެސް ކަމެއް ކާމިޔާބުނުވެ މުޅީން ވެސް އަލީ ވަހީދުގެ ކޮޅަށް ކަންކަން ނިމެމުން ދާތީ އެވެ.
އެކަމަކު އެތައް ހަގީގަތެއް އެ އޮތީ ސާފުކޮށެވެ. އޭނާގެ ޖިންސީ ގޯނާ އެތައް މުވައްޒަފަކަށް ލިބުނު ކަމަށް އެ މީހުން އެތިބަ ބުނަނީ އެވެ. ރައީސް ސޯލިހާއި، ޖެންޑާ މިނިސްޓަރާއި ޕީޖީ ޝަމީމް އަރިހުގައި ވެސް އެ މީހުން ރުއީ އެވެ.
ބޭހަށް ކަމަށް ބުނެ އަލީ ވަހީދު ފުރުވާލީ އެވެ. އެތައް ކަމެއް އޮއްވާ ކޯޓް އަމުރު ވެސް ބާތިލު ކޮށްލީ އެވެ. މުއްދަތު ހަމަވުމުން އޭނާ ވަޑައެއް ނުގެންނެވި އެވެ. ޖާމިނުވީ މީހާ ވެސް ހުރި ގޮތަަށް އެބަހުއްޓެވެ. އެވެސް ދައުލަތުގެ ވަރުގަދަ ސިޔާސީ މަގާމެއްގައެވެ. އެކަން ބަލައިދޭން ކޯޓަށް ހުށައެޅި މައްސަލަ ކުރިއަކަށް ނުދެ އެވެ. މައްސަލަ ބައްލަވާ ފަނޑިޔާރަކަށްވެސް ވީ ފުރުވާލާން ކޯޓްް އަމުރު ނެރެ ދެއްވި ފަނޑިޔާރެވެ. ބޭރުގައި ހުރެގެން ޝަރީއަތްތަކުގައި ބައިވެެރިވޭނެ ކަމަށް ނިންމާ މުޅީން އާ އުސޫލެއް އަލީ ވަހީދަށް ގާއިމު ކޮށްދެއްވި އެ ފަނޑިޔާރެވެ. ހަރަކާތްތެރި ޖޭއެސްސީ މުޅީން ހުއްޓިއްޖެ އެވެ. މިވަރުން މިއީ ބޮޑު ޑްރާމާއެއްކަން ހުރިހާ ރައްޔިތުންނަށް ސާުފުވެ އެވެ.
އަލީ ވަހީދުގެ ޝަރީއަތަކީ ސިޔާސީ ޑްރާމާއެކެވެ. ސިޔާސީ ގޮތުން ބާރާއި ނުފޫޒު ގަދަ ބަޔަކު އަޑީގައި ތިބެ އޭނާއަށް އެކި ގޮތްގޮތުން އެހީވާ ކަމުގެ ތުހުމަތު އެބައޮތެވެ. އަލީގެ މައްޗަށް އެތައް ތުހުމަތެއް އޮއްވާ އޭނާއަށް އެހީތެރިވާ ބާރުގަދަ ބޭފުޅުންތަކެއް ތިއްބެވިކަމަށް ތުހުމަތު ވާ ގޮތަށް ބައެއް ބޭފުޅުން ސީދާކޮށާއި ނުސީދާކޮށް ވާހަކަ ދައްކަވަ އެވެ.
އެއް ބޭފުޅަކީ ރައީސް ސޯލިހްވެ. އަލީ ވަހީދު މަގާމުން ދުރުކޮށް ބޮޑެތި ތުހުމަތެއް ކުރެވިފައި ވަނިކޮށް ރައީސް ސޯލިހު ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި އަލީ ވަހީދާ ގުޅޭގޮތުން ވާހަކަ ދެއްކެވި އެވެ. މުވައްޒަފުންގެ ވާހަކަ އަޑުއައްސަވާފައި ކީރިތި ކުރެއްވި ރައީސްގެ ވާހަކަ އައީ ދިމާ އިދިކޮޅަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި "އަބަދުވެސް އެދިވަޑައިގަންނަވަނީ އަލީ ވަހީދަށް ރަނގަޅު ގޮތެ" ވެ. އަދި އޭނާގެ މައްޗަށް އޮތް ހުރިހާ ތުހުމަތުތަކެއް އޮއްވާމެ ރައީސް ވިދާޅުވަނީ "އަލީ ވަހީދަކީ ސިޔާސީ މުސްތަގުބަލް އޮތް ވަރަށް ކުޅަދާނަ ޕޮލިޓީޝަނެ" ކެވެ. އަދި އެވަރުންވެސް ނިންމައެއް ނުލައްވަ އެވެ. އަލީ ވަހީދުގެ މުސްތަގުބަލު އޭނާ އެދިވަޑައިގަންނަވާ ގޮތަކަށް ކުރިއަށް ގެންދަން ފުރުސަތު ހޯއްދަވާ ދެއްވާނެ އެވެ. އެކަން ކުރައްވަންވެސް ޖެހިވަޑައިގަންނަވާ ކަމަށެވެ.
އަޅުގަނޑު އަބަދު ވެސް އަލީ ވަހީދަށް ރަނގަޅު ގޮތްތައް އެދެން. އަލީ ވަހީދަކީ ސިޔާސީ މުސްތަގުބަލެއް އޮތް، ހަމަ ކުޅަދާނަ ޕޮލިޓީޝަނެއް. އެހެންވީމާ އަލީ ވަހީދުގެ މުސްތަގުބަލު އަލީ ވަހީދު އެދިވަޑައިގަންނަވާ ގޮތަށް ކުރިއަށް ދިޔުމުގެ ފުރުސަތު ހޯދައިދިނުމަށް އެއީ އަޅުގަނޑުމެން އެންމެން ވެސް ހަމަ، ކުރާނެ ކަމެއްއިބްރާހިމް މުހައްމަދު ސޯލިހް | ރައީސުލްޖުމްހޫރިއްޔާ
އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ އަލީ ވަހީދުގެ މައްސަލާގައި ވާހަކަފުޅު ދައްކަވާފަ އެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕަށް ރައީސް ނަޝީދު ދޫކޮށްލެވި މެސެޖެއްގައި ވިދާޅުވެފައިވާ ގޮތުގައި އަލީ ވަހީދުގެ މައްސަލައާ ގުޅޭ ބަޔާންތައް ބެއްލެވި އެވެ. އަދި އެ ބަޔާންތަކާމެދު އަޖައިބުވެ ވަޑައިގަތެވެ. އަލީ ވަހީދުގެ ދިފާއު ކުރައްވާ ނަޝީދު ވިދާޅުވި ގޮތުގައި އަލީ ވަހީދުގެ މައްޗަށް ބޮޑު ދައުވާއެއް ކުރައްވާތީ އެމަނިކުފާނު ކަންބޮޑުވެވަޑައިގަންނަވަ އެވެ. އެކި މީހުނަށް އެކި ގޮތް ހަދަމުންދާ މަންޒަރު ފެނިވަޑައިގަންނަވާ އެވެ.
"ތިނަދޫގައި ޖިންސީ ގޯނާކޮށް އަންހެން މީހާ މަރާލި މީހާ އަށް ވެސް ކޮށްފައިވަނީ ދެ ދައުވާ. އެހެން ކިތަންމެ މީހުންނަށް އެއްވެސް ދައުވާއެއް ނުކޮށް އެބަ ދޫކޮށްލާ،" ނަޝީދު ވިދާޅުވެފައި ވެއެވެ.
އެއީ މިވަގުތު ސިޔާސީ މައިދާނުގައި އެންމެ ނުފޫޒުގަދަ ސިޔާސީ ދެ ބޭފުޅުން އަލީ ވަހީދާމެދު ދެކެ ވަޑައިގަންނަވާ ގޮތެވެ. މި ވާހަކަތަކާއެކު މި މައްސަލަ އިންސާފުވެރިކަމާއެކު ކުރިއަށްދާނެ ކަމަށް ދެކުން ބައެއް މީހުންގެ ނަޒަރުގައި އެއީ މޮޔަ ކަމެކެވެ. ދެ ރައީސުން އެ ދެއްވަނީ އަލީ ވަހީދުގެ ދިފާއުގައި ކުރެވެން އޮތް ހުރިހާ ކަމެއް ކުރައްވާނެ ކަމުގެ ޔަގީން ކަމެވެ. އަދި ދެ ރައީސުންގެ އެ ވާހަކަތަކަށް ފަހު އަލީ ވަހީދަށް ދެރައެއްވާ ގޮތަށް ހަމަ އެއް ކަމެއް ވެސް އަދި ނުހިނގަ އެވެ.
މި މައްސަލާގައި މިހާރު އެތައް ބައެއްގެ ތުހުމަތާއި ނުރުހުން ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހަށް ވެސް އެބައޮތެވެ. ބައެއް މީހުންގެ ނަޒަރުގައި މި ޑްރާމާގެ ޑައިރެކްޓަރާއި ޕްރޮޑިއުސަރަކީ ކޮންމެ ބޭފުޅަކަށް ވިޔަސް ސްކްރީންޕްލޭ ލިޔެ ޝައުގުވެރިކޮށް ޑްރާމާ ކުރިއަށް ގެންދަނީ ޕީޖީ އިސްވެ ހުންނަވައިގެނެވެ.
އެ ތުހުމަތު ޕީޖީ ޝަމީމް ދޮގު ކުރައްވައެވެ. ޝަމީމް ވިދާޅުވި ގޮތުގައި މައްސަލަ ވަކި ގޮތަކަށް އަނބުރާލަން ޕީޖީ އޮފީހުން އެއްވެސް ކަމެއް ނުކުރާނެ އެވެ. އަދި މިހާތަަށް އެއްވެސް ކަމެއް ނުވެސް ކުރެ އެވެ. އޭނާ ގަބޫލު ކުރައްވާ ގޮތުގައި އަލީ ވަހީދުގެ މައްސަލައަކީ ވަރަށް ސީރިއަސް މައްސަލަކެވެ. މައްސަލާގައި ޕްރޮސެކިއުޓަރުންގެ ޓީމުގައި ހިމެނިވަޑައިގަންނަވަނީ ވަރަށް އިތުބާރު ކުރައްވާ މަސައްކަތަށް ފަރުވާ ކުޑަވެ ގޯހެއް ނުހައްދަވާނެ އަދި އެންމެ އިތުބާރު ކުރެއްވޭ ބޭފުޅުންނެވެ.
"އަޅުގަނޑު ދޭނެ ޔަގީން ކަމަކީ މިކަމުގައި އަޅުގަނޑު ނޫނީ އަޅުގަނޑުމެން [ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީސް] އެއްވެސް ގޯހެއް ހަދާފައި ނުވާނެކަން. މި މައްސަލާގައި އެ ތިއްބެވީ އަޅުގަނޑު އެންމެ އިތުބާރުކުރާ ޓީމު. މިކަމުގެ ހަގީގީ ސީރިއަސްކަން އެނގިވަޑައިގަންނަވާ ބޭފުޅުން. އަޅުގަނޑަށް ޔަގީން ފަރުވާ ކުޑަވެގެން ކުޑަވެސް ގޯހެއް ނުހައްދަވާނެކަން،" ޝަމީމް ވިދާޅުވި އެވެ.
އަޅުގަނޑު ދޭނެ ޔަގީން ކަމަކީ މިކަމުގައި އަޅުގަނޑު ނޫނީ އަޅުގަނޑުމެން [ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީސް] އެއްވެސް ގޯހެއް ހަދާފައި ނުވާނެކަން. މި މައްސަލާގައި އެ ތިއްބެވީ އަޅުގަނޑު އެންމެ އިތުބާރުކުރާ ޓީމު. މިކަމުގެ ހަގީގީ ސީރިއަސްކަން އެނގިވަޑައިގަންނަވާ ބޭފުޅުން. އަޅުގަނޑަށް ޔަގީން ފަރުވާ ކުޑަވެގެން ކުޑަވެސް ގޯހެއް ނުހައްދަވާނެކަންހުސައިން ޝަމީމް | ޕްރޮސެކިއުޓަރު ޖެނެރަލް
އަވަސްއިން އެކި ގޮތްގޮތުން ހޯދި މައުލޫމާތުން އެނގުނު ގޮތުގައި ޕީޖީ ޝަމީމް ހިމެނިވަޑައިގަންނަވާހެން މައްސަލާގައި ހިމެނޭ ޕްރޮސެކިއުޓަރުން ވަނީ އަލީ ވަހީދުގެ އަނިޔާ ލިބުނު ހުރިހާ މުވައްޒިފުންނާއި ބައްދަލު ކޮށްފަ އެވެ. އެ މުވައްޒިފުން ވަނީ ކޯޓްގައި ހެކިބަސް ދޭނެ ކަމުގެ ޔަގީންކަން ވެސް ދީފައެވެ. ނަމަވެސް އެއިން ކަމަކާ ގުޅޭ ގޮތުން ޝަމީމް ވާހަކައެއް ނުދައްކެވައެވެ. ސުވާލު ކުރުމުން ދެއްވާ ޖަވާބަކީ ވަކި މީހަކު ސަލާމަތް ކުރަން ނުވަތަ ނުކުރަން ވެސް އެއްވެސް މަސައްކަތެއް ނުކުރާނެ އެވެ.
"މިއީ ޕާސަނަލް ކަމެއް ނޫން. އަޅުގަނޑު މި މަަސައްކަތް ކުރަނީ މަގާމުގެ މަސްއޫލިއްޔަތުގެ ގޮތުން ކުރާ ކަމެއްގެ ގޮތުގައި. ބޭނުމަކީ އިންސާފުވެރި ހައްލެއް ހޯދުން. އެހިސާބަށް ދެވެންދެން ކުރަން ހުރި ހުރިހާ މަސައްކަތެއް އަޅުގަނޑު ކުރާނަން،"
މި މައްސަލާގައި ޖުޑިޝަރީގައި ހަރަކާތްތެރިވާ ބައެއް އިސް ބޭފުޅުންނާއި ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންގެ ފަރާތުން ވެސް މައުލޫމާތު ހޯދި އިރު އޭގެ ގިނަ ބޭފުޅުން ވިދާޅުވި ގޮތުގައި މައްސަލަ ހިނގަނީ ސަރުކާރުގެ ނުފޫޒު ގަދަ ބައެއް ބޭނުންވާ ގޮތަކަށެވެ. އެކަން ޔަގީން ކުރެވޭނެ ހުރިހާ ކަމެއް އަލީ ވަހީދުގެ ޝަރީއަތުގެ ތެރެއިން ވަނީ ފެނިފަ އެވެ.
"ފުރަތަމަ ކަމަކަށް މިވަރުކަމެއް އޭނާ [ގާޒީ ހަސަން ސައީދު] އަމިއްލައަށް ނުކުރައްވާނެ. އެވަރުގެ ކަންތައްތަކެއް މި ފެންނަނީ. މާނައަކީ ސަރުކާރުގެ ތެރެއިން ނުފޫޒު ގަދަ ބައެއްގެ ބްލެސިން އޮވެގެނޭ މިކަންކަން ކުރެވޭނީ. އަލީ ވަހީދަށް ވާގިދޭ ބާރުގަދަ އަތެއް ނުވަތަ އަތްތަކެއް ސަރުކާރުގައި ވޭ. ދެން ބަލަން ތިއްބަވާ ފަނޑިޔާރަށް ވެސް ހިފަހައްޓާލެވޭނެ ހިސާބެއް އޮންނާނެ. އެކަމު ޔަގީން ކަމަކީ މިހާރު ވެސް ފަނޑިޔާރެއް އެކަނިމާއެކަނި ނުކުރައްވާނެ ކިތަންމެ ކަމެއް މީގެ ތެރެއިން ފެނިގެންގޮސްފި،" އެއް ބޭފުޅަކު ވިދާޅުވި އެވެ.
ދެން ފާހަގަކުރެވޭ ކަމަކީ މައްސަލަ ބައްލަވާ ފަނޑިޔާރާއި ގުޅޭ ކަންކަމެވެ. މިހާރު ވެސް ޖޭއެސްސީގައި ހަސަން ސައީދުގެ ދެތިން މައްސަލައެއް އެބަ އޮތެވެ. ޖޭއެސްއީން ވަރަށް ސީރިއަސްކޮށް ބަލާ އެއް މަައްސަލަކީ ފެމިލީ ކޯޓްގެ އިސް ފަނޑިޔާރަކަށް ހަސަން ސައީދު ހުންނެވި ދުވަސްވަރު ސިންގަޕޫރުގައި އޮތް ކައިވެނި ހަފުލާއަކަށް ދިވެހި ފަނޑިޔާރުން ފޮނުއްވި މައްސަލައެކެވެ. އެކަން ޖޭއެސްސީގެ އޮފިޝަލަކު ޔަގީން ކޮށްދެއްވައެވެ. ދެން އޮތީ އަލީ ވަހީދު ޕާސްޕޯޓް ދޫކުރި އަމުރު ނެރުނު މައްސަލައެވެ. ދެ މައްސަލަ ވަރަށް ސީރިއަސްކޮށް ބަލާ ކަމަށް ބުނުން ފިޔަވައި ޖޭއެސްސީއަށް ކުރެވުނު ކަމެއް ނެތެވެ. ރެއާއި ދުވާލުން ތަހުގީގު ނިންމާ އެތައް ފަނޑިޔާރުންނެއް ވަކިކުރަން ފާސްކޮށް މަޖިލީހަށް ފޮނުވި ކޮމިޝަން ކުއްލިއަކަށް ވާގިނެތި ހަރަކާތް ވެސް ހުއްޓިއްޖެ އެވެ.
"ހަސަންއާ ބެހޭގޮތުން އެބަލާ ވެޑިންއަކަށް ފަނޑިޔާރަކު ސިންގަޕޫރަށް ފޮނުވި މައްސަލައަށް އެކަނި ބެއްޔަސް ހަސަން މަގާމުން ދުރުކުރަން ފުދޭ. އެވަރު ކަމެއް ކުރެވޭނީ ކަން އޮންނަގޮތް ވެސް އެނގިވަޑައި ނުގަންނަވާތީ. ފަނޑިޔާރެއްގެ ފެންވަރު ވެސް ނެތީތީ. ނަމަވެސް އެއްވެސް މައްސަލައެއް ނުބެލި އެ ދިގު ދަންމަނީ. ނަމަވެސް މިހާރު ވެސް ތިޔަބޭފުޅުން ބައްލަވަން ތިއްބަވާ. އެ ބޭނުންވާ ގޮތަކަށް މި މައްސަލަ [އަލީ ވަހީދުގެ މައްސަލަ] ނިންމީމަ ދެން ވަރަށް ފަސޭހައިން ފަނޑިޔާރުގެ މައްސަލަ ބަލާ މަގާމުން ވެސް ދުރުކުރާނެ،" މަތީ ކޯޓްގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅަކު ވިދާޅުވިއެވެ.
ޕީޖީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ގާޒީ ހަސަން ސައީދު އިތުރު މައްސަލައެއް ޖޭއެސްސީއަށް ހުށަނާޅާ އޮތީ މިހާރު ހުރި މައްސަލަތައް ކޮޅެއްގައި ޖެހެންދެނެވެ. އެ މައްސަލަ ހުށައަޅައިފިނަމަ އިތުރަށް ލަސްވާން ނޭންދޭތީ އެވެ. މި މައްސަލާގައި ވެސް ޝަމީމް ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ. އޭނާ ވިދާޅުވާ ގޮތުގައި ދަށު ކޯޓުން ކޮންމެ ގޮތަކަށް ނިމުނަސް މަތީ މަރުހަލާއަށް ގެންދަން ފަހެއް ނުޖެހޭނެ އެވެ. މިހާރުވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ އެގޮތަށެވެ. ޝަމީމް އެ އިޝާރާތް ކުރަނީ އޮންލައިންކޮށް ޝަރީއަތް ހިންގާ މައްސަލަ ހައިކޯޓަށް ގެންދިޔަ ގެންދިއުމާއި އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން އަމުރު ނުދިން މައްސަލަ ހައިކޯޓަށް ގެންދިޔަ ގެންދިއުމަށެވެ. ނަމަވެސް ޕާސްޕޯޓް މައްސަލަ މިހާރު އެ އޮތީ ހައިކޯޓުން ބޭރުވެފައެވެ.
ކަން އޮތީ ކޮންމެ ގޮތަކަށް ނަމަވެސް އަލީ ވަހީދުގެ މައްސަލަ ހުރިހާ ގޮތަކުން ވެސް ތަފާތު ވެއްޖެކަން ރައްޔިތުންނަށް އެބަ އެނގެއެވެ. އެހެން ވުމުގައި ލައްކަ ގިނަ ސަބަބު ނޫނީ ބޮޑު އެއް ސަބަބު ފޮރުވިފައި އޮންނާނެ އެވެ. ސީރިއަސް ތުހުމަތެއް ކުރެވިފައި ވަނިކޮށް ރައީސް ސޯލިހް އަލީ ވަހީދަށް ތައުރީފު ކުރެއްވުމާއި ރައީސް ނަޝީދުގެ ކަންބޮޑުވުން ފާޅު ކުރެއްވުމުގެ ފަހަތުގައި ކޮންމެވެސް ސަބަބެއް އޮންނާނެ އެވެ.
އަދި ޖުމްހޫރީ ޕާޓީގެ ރައީސް ކަމުން އަލީ ވަހީދު ވަކިކުރުމާއި ފިޔަވަޅު އެޅުމުގައި ގާސިމް އިބްރާހިމް ފަހަތު ފަޔަށް ބުރަވެވަޑައިގަންނަވާ ސަބަބުތަކެއް ވެސް ހުންނާނެ އެވެ. އެމަނިކުފާނުގެ އަނބިކަނބަލުންނަށް އިޝާރާތްކޮށް އެތައް ހުތުރު ވާހަކަތަކެއް ދައްކާ އޯޑިއޯތަކާއި ނަހުލާ އާއި އަލީ ވަހީދު ވާހަކަ ދައްކާ އޯޑިއޯތަކެއް ލީކުވެ ދިޔައިރު ވެސް ގާސިމް ހަނު ހުންނެވުމުގައި ސަބަބެއް ވާނެ އެވެ. އަދި އަލީ ދުރުކުރަން ކައުންސިލަށް ހުށައަޅާފައި މައްސަލައިގެ މަތީގައި އިށީންދެވަޑައިގެން ޖޭޕީގެ ކައުންސިލް ހުއްޓުވާފައި ބާއްވާނެ ބޮޑު ސަބަބެއް އޮންނާނެ އެވެ.
އެކަމަކު އެކަންކަން ފޮރުވައިގެން ތިބެވޭނީ ކޮންމެވެސް ހިސާބަކަށެވެ. ކޮންމެވެސް ދުވަހަކުން އެ ސަބަބުތައް ބޭރަށް ނުކުންނާނެ އެވެ. އޭރުން މި ޑްރާމަށް ފަންޑުކުރި ޕްރޮޑިއުސަރާއި ޑައިރެކްޓަރާއި ސްކްރީން ޕްލޭ ލިޔެދިން ހުނަރުވެރިން ވެސް ހާމަވާނެ އެވެ. އަދި އަލީ ވަހީދުގެ މައްސަލަ ޑްރާމާ ސީރީޒަކަށް ބަދަލުކޮށް އޭނާ ސަލާމަތްކުރަން އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން މަސައްކަތް ކުރަން ޖެހުނު ސަބަބުވެސް އޮންނާނީ ހާމަވެފައެވެ.