ރިޕޯޓް

ޓޫރިޒަމަށް ވަޒީރަކުލުން ލަސްވަނީ ކީއްވެ؟

ޓޫރިޒަމް މިނިސްޓަރުކަމުން އަލީ ވަހީދު ވަކިކުރެއްވިތާ 28 ދުވަސްވީ އެވެ. ޖުލައި މަހުގެ ނުވަނަ ދުވަހު އަލީ ވަހީދު މަގާމުން ވަކިކުރެއްވީ މަގާމުން އިސްތިއުފާ ދިނުމަށް އެންގެވުމުން އެކަން ނުކުރެއްވުމާއި ގުޅިގެންނެވެ. ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒިފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރި ކަމުގެ ބޮޑެތި ތުހުމަތުތަކެއް އަލީ ވަހީދުގެ މައްޗަށް ކުރެވުމާއެކު ރައީސް ސޯލިހު ވަނީ އެ މުވައްޒިފުންގެ ވާހަކަތައް އަޑުއައްސަވާފައެވެ.


އަލީ ވަހީދަށް މަގާމުން އިސްތިއުފާދޭން އެންގެވީ އޭގެ ފަހުންނެވެ. އަދި އެ މައްސަލަ ފުލުހުން ވަނީ ތަހުގީގު ކުރަން ފަށާފަ އެވެ.

އަލީ ވަހީދަށްފަހު އެ މިނިސްޓްރީގެ ހިންގުން ވަގުތީ ގޮތުން ހަވާލު ކުރެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްއަށެވެ. ފައްޔާޒަކީ ރައީސް ސޯލިހު ވަރަށް އިތުބާރު ކުރައްވާ ވަޒީރެކެވެ.

ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް ބޮޑެތި އަސަރުތަކެއްކޮށް މުޅި އިގްތިސޯދު ފުން އަދަވަޅަކަށް ވެއްޓިފައިވާ މިފަދަ ދަނޑިވަޅެއްގައި ޓޫރިޒަމް މިނިސްޓަރަކު އައްޔަން ނުކުރެވި މަސް ދުވަސް ހޭދަވެގެން ދިއުމަކީ ގިނަ ބައެއްގެ ބޮޑު ކަންބޮޑުވުމެކެވެ. އަދި މިއީ ސަރުކާރުގެ ހިންގުން "ދޯދިޔާ" ކަން ހާމަކޮށްދޭ ވެސް ކަމެކެވެ.

ސްލޮޓް ޖުމްހޫރީ ޕާޓީއަށް

އަލީ ވަހީދު ޓޫރިޒަމް މިނިސްޓަރު ކަމަށް ވަޑައިގެންނެވީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގަ އެވެ. އަލީ ވަހީދަށް ފަހު ދެން ވެސް ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމަށް ވަޑައިގަންނަވާނީ އެ ޕާޓީގެ މެންބަރެއްކަން ވަނީ ޔަގީން ކުރެވިފަ އެވެ.

ރައީސް ސޯލިހު ވަނީ ކޯލިޝަން ސަރުކާރު ދަމަހައްޓަވާނެ ކަމަށާ ޕާޓީއަށް ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް ސްލޮޓްތައް ދެއްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވާފަ އެވެ.

"ކޯލިޝަން ދަމަހައްޓަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން، ކޯލިޝަން ތެރޭގައި ޕާޓީތަކުގެ ހިއްސާ ދަމަހައްޓައި ދޭނަން،" ޖޫން މަހުގެ 23 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި ރައީސް ސޯލިހު ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި އަލީ ވަހީދު މަގާމުން ވަކިި ކުރެއްވުމަށް ފަހު ޓޫރިޒަމް މިނިސްޓަރު ކަމަށް ދެން ގެންނަވާނީ ވެސް ޖުމްހޫރީ ޕާޓީން ހުށައަޅާ ބޭފުޅެއް ކަމަށް ރައީސް ސޯލިހު ވަނީ ކޯލިޝަން ލީޑަރުންނަށް ދަންނަވާފަ އެވެ. މައުލޫމާތު އެނގިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވި ގޮތުގައި ގާސިމް އިބްރާހިމަށް ގުޅުއްވާ ރައީސް އެކަމުގެ ޔަގީންކަން ދެއްވާފައިވެ އެވެ. އަދި ރައީސް އެދިވަޑައިގަތުމުން ޖުމްހޫރީ ޕާޓީން ޓޫރިޒަމް މިނިސްޓަރު ކަމަށް ބޭފުޅެއްގެ ނަންވެސް ފޮނުވާފައިވެ އެވެ.

ޖޭޕީން ހުށައެޅީ ޑރ. މައުސޫމްގެ ނަން

އަވަސްއާ ވާހަކަދެއްކި ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅަކު ވިދާޅުވި ގޮތުގައި ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ފަރާތްޕުޅުން ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމަށް ފޮނުއްވާފައި ވަނީ ކުރިންވެސް ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމު ފުރުއްވި ޑރ. އަބްދުﷲ މައުސޫމްގެ ނަމެވެ. މިހާރު ސިންގަޕޫރުގައި ހުންނަވާ ރާއްޖޭގެ ސަފީރު، މައުސޫމްގެ ނަން ފޮނުއްވި ފަހުން ދުވަސްތަކެއް ވެފައިވެ އެވެ.

"ރައީސް ޔަގީންކަން ދެއްވި ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގެ ގޮތުގައޭ ޓޫރިޒަމް މިނިސްޓްރީ އޮންނާނީ. އެހެން ވިދާޅުވީމަ ލީޑަރު [ގާސިމް އިބްރާހިމް] ވަނީ ނަމެއް ވެސް ފޮނުވާފައި. އެއީ މައުސޫމްގެ ނަން،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މައުސޫމް މަގާމަށް އައްޔަން ނުކުރެވި ލަސްވަމުން ދަނީ މައުސޫމަށް ރާއްޖެ ވަޑައިނުގެންވިގެނެވެ. މި ދުވަސްވަރަކީ ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ގިނަ ގައުމުތަކެއްގެ ބޯޑަރު ބަންދުކޮށްފައިވާ ދުވަސްވަރަކަށް ވާތީ އޭނާއަށް ރާއްޖެ ވަޑައިގަތުމުގައި އުނދަގޫވެފައި ވަނީ އެވެ. އަދި މައުސޫމުގެ ނަމާމެދު ރައީސްގެ އިއުތިރާޒެއް ވެސް ނެތެވެ.

ޖޭޕީން އެހެން ވާހަކައެއް

އަވަސްއާ ވާހަކަދެއްކި ޖުމްހޫރީ ޕާޓީގެ އިސް ބައެއް ބޭފުޅުން އެހެން ވާހަކައެއް ވެސް ވިދާޅުވެ އެވެ. އެ ބޭފުޅުން ވިދާޅުވާ ގޮތުގައި މި ސަރުކާރުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ނުފޫޒު ވަރަށް ގަދައެވެ. އެހެން ކަމުން ރައީސް ސޯލިހުގެ ކެނބިނެޓަށް ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށް ރައީސްގެ އިތުރުން ޝާހިދުގެ ތާއީދު ވެސް އޮންނަން ޖެހެ އެވެ. އެކަމާ އެ ބޭފުޅުން ކަންބޮޑުވުން ފާޅު ކުރެއްވަ އެވެ.

"ބައްލަވާ ކަންކަން ހުންނަ ގޮތް. މިނިސްޓަރު ކަމަށް ވަޑައިގެންނެވީ މިނިސްޓަރު ޝާހިދުގެ ވަރަށް ބޮޑު ބްލެސިންއެއް އޮވެގެން. ޓޫރިޒަމް މިނިސްޓަރެއް އައްޔަން ނުކުރެވި ލަސްވުމުގައި އެއީވެސް ސަބަބެއް،" ގާސިމްގެ ވަރަށް އަރިސް ބޭފުޅަކު ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީން ފޮނުވި ވަރަށް ގިނަ ބޭފުޅުންނަށް އަދިވެސް ސަރުކާރުގެ މަގާމުތައް ހަމަޖެހިފައެއް ނުވެއެވެ. އެކަމުގެ ފަހަތުގައި ވެސް ވަނީ ވެސް އެފަދަ ކަމެއް ކަމަށް އެ ބޭފުޅުން ތުހުމަތު ކުރައްވަ އެވެ. އަދި އެކަމާ ގާސިމް، ރައީސާ ވާހަކަ ދައްކަވާފައިވާ ކަމަށް ވެސް ވެއެވެ.

އެ ޝަކުވާ ކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި ޝާހިދު މައުސޫމަށް "ރުހުން" ދެއްވާފަ އެވެ. އެހެންވީމަ މައުސޫމް އެ މަގާމަށް އައްޔަން ކުރައްވާނެ ކަމަށް ބެލެވެ އެވެ.

ލީޑަރުންގެ މަޝްވަރާއެއް ނެތް

ޓޫރިޒަމް މިނިސްޓަރެއް ނެތި ގިނަ ދުވަސްތަކެއް ވެގެން ދިއުމަކީ ކޯލިޝަން ލީޑަރުންގެ ވެސް ކަންބޮޑުވުމެކެވެ. ހާއްސަކޮށް އިގްތިސޯދީ ގޮތުން ރަނގަޅު ފިޔަަވަޅުތަކެއް އަޅަން ޖެހިފައިވާ މިފަދަ ވަގުތެއްގައި އިގްތިސޯދީ އެންމެ މުހިންމު ދާއިރާގައި މިނިސްޓަރެއް ނެތުމަކީ ވަރަށް ބޮޑު މައްސަލައެކެވެ.

ބައެއް ލީޑަރުންގެ ވިސްނުންފުޅުގައި މިފަދަ މައްސަލައެއްގައި ރައީސް ސޯލިހު، ކޯލިޝަންގެ ލީޑަރުންނާ މަޝްވަރާ ނުކުރެއްވުމަކީ ވެސް ކަންބޮޑުވުމެކެވެ. މިހާތަނަށް ވެސް އެ މައްސަލާގައި ކޯލިޝަންގެ ލީޑަރުންނާ މަޝްވަރާއެއް ނެތެވެ.

"އެއްވެސް މަޝްވަރާއެއް ނުކުރައްވާ ލީޑަރުންނަކާ. ކުރިން ވައުދުވީ ގޮތަށް މުހިންމު މައްސަލަތަކުގައި ވެސް ލީޑަރުންނާ މަޝްވަރާ ނުކުރެވި މިދަނީ،" މައުލޫމާތު އެނގޭ ބޭފުޅަކު ވިދާޅުވި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު އިއްޔެ ވިދާޅުވި ގޮތުގައި ޓޫރިޒަމް މިނިސްޓަރަކު އައްޔަން ކުރެއްވުމުގެ މަސައްކަތް ރައީސް ކުރައްވަމުން ގެންދަވަ އެވެ. އަދި އެ މަސައްކަތް ދެން ލަހެއް ވެސް ނުވާނެ އެވެ.

އާ މިނިސްޓަރަށް ގޮންޖެހުންތަކެއް؟

ޓޫރިޒަމް މިނިސްޓަރު ކަމަށް ކޮންމެ ބޭޅަކު. ވަޑައިގެންނެވި ނަމަވެސް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ބައެއް ބޭފުޅުން ދެކެވަޑައިގަންނަވައެވެ. އެފަދަ ބައެއް ބޭފުޅުންގެ ނަޒަރުގައި ޓޫރިޒަމް މިނިސްޓަރު ކަމަށް ވަޑައިގަންނަވަންވާނީ ސިޔާސީ ގޮތުން ވަރަށް ވަރުގަދަ ބޭފުޅެކެވެ. އެހެން ނޫނީ އެ މިނިސްޓްރީ ނުހިންގެވޭނެ އެވެ.

"މިސާލަކަށް އަލީ ވަހީދަކީ ސިޔާސީ ގޮތުން ވަރަށް ވަރުގަދަ ހެވީ ވެއިޓެއް. ހުރިހާ ދިމާއެއްގެ ބޭފުޅުންނާ ލިންކު އަޅުވައިގެން އުޅުއްވާ ބޭފުޅެއް. އެހެން ގޮތަކަށް ދަންނަވާނަމަ ސިޔާސީގޮތުންވެސް ގުުޅުންތައް ވަރުގަދަ ބޭފުޅެއް. އެހެންވީމަ މައުސޫމް ކަހަލަ ބޭފުޅަކަށް ގޮންޖެހުން ބޮޑުވާނެ،" ކޯލިޝަންގެ މައި ޕާޓީގެ އިސް ބޭފުޅަކު ވިދާޅުވިއެވެ.

އެހެން ބައެއް ބޭފުޅުންގެ ނަޒަރުގައި މައުސޫމަކީ މަޑުމައިތިރި އަދި ސިޔާސީ ގޮތުން އެހެން ޕާޓީތަކާއި މައްސަލަތަކެއް ނެތް ބޭފުޅަކަށްވާތީ ގިނަ އެޑްވާންޓޭޖްތަކެއް ވެސް މައުސޫމަށް އެބަހުއްޓެވެ. މައުސޫމަކީ ދާއިރާގެ ތަޖުރިބާ ކާރެކެވެ. ކުރިން ވެސް ޓޫރިޒަމް މިނިސްޓްރީ ހިންގެވި އެވެ. އަދި ފަހުން ރާއްޖޭގެ އެންމެ ބޮޑު އެއް ރިސޯޓް ސަން އައިލެންޑް ވެސް ހިންގެވި އެވެ. ނަތީޖާ ވެސް ރަނގަޅެވެ. އެހެން ކަމުން މައުސޫމާއެކު ރާއްޖޭގެ ފަތުރުވެރިކަން އެހެން ހަރުފަތަކަށް ގެންދެވިދާނެ ކަމަށް ގަބޫލުކުރައްވާ ބޭފުޅުން ވެސް އުޅުއްވައެވެ.

"މައްސަލަތަކެއް، ގޮންޖެހުންތަކެއް ދިމާވެދާނެ. ނަމަވެސް އަޅުގަނޑުގެ ނަޒަރުގައި އެޑްވާންޓޭޖްތައް ވެސް އެބަހުރި،"