ރިޕޯޓް

ބޮޑު ބޭޒާރެއް: ސަރުކާރު ހަދާއެއްޗެއް އެނގިދާނެތާ!

އިރުއަރައިގެން މިއުޅެނީ ކޮންކަހަލަ ދުވަހަކަށް ހެއްޔެވެ؟ ވެނިސްޑޭ ހުސްކޮށްލާފައި ރިސޯޓަށް ޕާޓީ ހަދާލަން ދާން ރޭވުމުން ފެށިގެން ކޮރަޕްޝަންގެ ބޮޑު ސައްލާއަކަށް ބައްދަލުވުން ބަދަލުވެ އެވެ. އަދި ޖިންސީ ފުރައްސަރާ އާއި ބޭއަދަބީ ބަސްތަކުގެ ހާއްޔަކަށް ޓޫރިޒަމް މިނިސްޓަރުގެ "ކޮޓަރި" ވެގެން ދިޔައީ އެވެ. އެ ކޮޓަރީގެ ދޮރޮޅު ހުޅުވި ވާހަކަތައް ބޭޒާރުވުމުން އެންމެން ބުނާނެ އެއްޗެއް ނޭނގި ބަސް ހުއްޓުނީ އެވެ. ދޫ ފަސޭހަ، އަދި ވާހަކަ ދެއްކެވުމުގައި ފުދޭ، ޒުވާން ވަޒީރަށް އެކަމުގައި ދެން ދިފާއުގައި ދައްކާނެ ވާހަކަ ވެސް ނެތުނީ އެވެ!

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަކީ ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ވަރަށް ހަލުއި ސިޕީޑްގައި ގަދައަށް މަސައްކަތް ކުރައްވާ މިނިސްޓަރެއްގެ ގޮތުގައި ފާހަގަ ވެފައިވާ މިނިސްޓަރެކެވެ. އެކަމަކު، ކަންކަމުގައި ވިދާޅުވާ ބަސްތަކާއި ގެންގުޅުއްވާ އުސޫލުތަކުން އެހާ އަވަހަށް ހޫނު ފެނަށް ވެސް ވެއްޓޭ މިނިސްޓަރަކަށް އަލީ ވަހީދު ވެ ވަޑައިގަންނަވަ އެވެ. އެކަމަކު، މިފަހަރު އަލީ ވަހީދު މި ވެއްޓުނީ އެރޭ ވަރަށް ވުރެ މާ ފުން ވަޅަކަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު ޓޫރިޒަމް މިނިސްޓްރީގެ ތެރޭގައި އިހުއްސުރެ މިނިސްޓަރު އަލީ ވަހީދުގެ އެންމެ އެކުވެރި އައްސަދު އަލީ (އަޑުބަރޭ) އާއި އެހެން ވެސް ސިޔާސީ ރައްޓެހިންނާއެކު ޖެއްސެވި "ސަކަރާތާ"އި ދެއްކެވި ވާހަކަތައް މިހާރު "އިރުރައިގެން" މިއުޅޭ ގޮތަށް އެންމެންގެ ކަންފަތަށް އިވިގެންދާނެ ކަމަށް އަލީ ވަހީދު ހިޔާލަތަށް ގެންނެވިފައި ނޯންނާނެކަން ގައިމެވެ. ނޫނީ އެއީ އެހެން ވެދާނެ ކަމަށް ގަބޫލު ކުރެއްވިފައި އޮންނާނެ ކަމަކަށް ވެސް ގައިމު ނުވާނެ އެވެ.

އެކަމަކު އެކަންވެ ނިމިއްޖެ އެވެ؛ މިނިސްޓްރީގެ ހަތަރުފާރުގެ އެތެރެއިން "ވިސިލް ބްލޯވާ" އެއް ޓްވިޓާގެ ތެރެއަށް ނުކުމެ ބުރިބުރިއަށް އަލީ ވަހީދުގެ ހުތުުރު އޯޑިއޯތައް ލީކްކޮށް ބޭޒާރުކޮށްލީ އެވެ.

އޯޑިއޯތައް ފެށިގެން އައީ ދެ މިނިސްޓަރަކާ ދެމެދު އަލީ ވަހީދު ގެންގުޅުއްވި ހަޑި ހުތުރު ބަސްތަކާއި އާޑަ ފުރައްސާރަ އާއި މަލާމާލަތްތަކުންނެވެ. އެއީ ހެލްތް މިނިސްޓަރު އަބްދުﷲ އަމީނާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއަށް ކުރި ފުރައްސާރަ އާއި މަލާމާތެވެ.

އެއް ކެބިނެޓެއްގައި އެއް އަމާޒަކަށް ހުންނަވައިގެން އައިޝަތު އަލީގެ ޕްލޭންތަކާއި އުސޫލުތައް ފެއިލްކޮށްލައްވާނެ ކަމަށް އަލީ ވަހީދު ވިދާޅުވެ އެވެ. އަމީނަކީ "ހެދިކާ މިނިސްޓަރު" ކަމަށް ސިފަ ކުރައްވާ އެއީ ހަމައެކަނި "ހެދިކާ ކާން" ހުންނަވާ މިނިސްޓަރެއް ކަމަށް ވެސް ވިދާޅުވެ އެވެ.

ވިސިލް ބްލޯވާގެ ލީކްތައް އެހާ ހިސާބަށް ދިއުުން ކަވަރަޕެއް ހައްދަވަން އަލީ ވަހީދު މަސައްކަތް ކުރެއްވީ ވަރަށް "ކޮންފިޑެންސް" އޮވެގެން ކަމަށް ބެލެވެ އެވެ. އެހެންވެ އެއަށް ރިއެކްޓް ކުރެއްވި އެވެ. އެއީ ސައްހަ އޯޑިއޯއެއް ނޫން ކަމަށް ވިދާޅުވެ އެވެ. އެކަމަކު ސައްހަ ނުވާ ސަބަބު މީގެ ކުރިން "އލހމދ" ވިދާޅުވެ ދެއްވި މިންވަރަށް ވެސް އަލީ ވަހީދަށް ވިދާޅެއް ނުވެވުނެވެ.

ދެން ބޭނުން ކުރެއްވީ އާންމުކޮށް ސިޔާސީ ބޭފުޅުން އެފަދަ ހާލަތަކަށް ވެއްޓުމުން ނަންގަވާ ދިފާއުގެ ބަސްތަކެވެ. "ރާވައިގެން އަބުރު ކަތިލަނީ" އެވެ. "މި އަޒުމެއް ނުގުޑާނެ" އެވެ. -- މިދިޔަ ސަރުކާރު އޮތްއިރު އަލީ ވަހީދަކީ ވެސް ވަރަށް ގިނަ ވާހަކަ ދެއްކެވި ބޭފުޅެކެވެ. އޭރު އެހެން މީހުންގެ އަބުރެއް ވެސް، އެއިން މީހެއްގެ އަބުރެއް ވެސް ނޯވެ އެވެ.

އޯޑިއޯތައް ސައްހަ ނޫން ކަމަށް އަލީ ވަހީދު، ވިދާޅުވިޔަސް، އެއީ އަލީ ވަހީދުގެ އަޑުކަން "ފޮރެންސިކަށް ވެސް ކަަށަވަރު ކޮށްދެވޭނެ ވަރަށް" މިހާރު ވެސް ޔަގީން ކަށަވަރު ވެއެވެ. އަދި ފަހުން އައި އެއް އޯޑިއޯއަކީ އެކަން ވަރުގަދައަށް އެސްޓަބްލިޝް ކޮށް ދިން ކަމަކަށްވި އެވެ.

އެއީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއަށް ކުރެއްވި ފޯނު ކޯލެއްގެ އޯޑިއޯ އެވެ. އަމިއްލަ ޕާޓީ ލީޑަރުގެ ލޯބިވާ އަނބިކަނބަލުންނަށް ގުޅުއްވައި އަލީ ވަހީދު "ފްލާޓް" ކުރައްވަ އެވެ. ފުރަތަމަ ވެސް މީހުން ސިފަ ކުރީ އެއީ ޖިންސީ ފުރައްސާރައެއްގެ ގޮތުގަ އެވެ. އެއަށްފަހު ރޭ ލީކްވި އޯޑިއޯގައި "ފްލާޓް" އެހެން ލެވެލަކަށް ގެންދަވާފައި ވެއެވެ. ގައިމުވެސް އެ އޯޑިއޯގައި އަލީ މާ ފޮޅުވީއެއް ނޫނެވެ. އެކަމަކު އެއީ ޖިންސީ ފުރައްސާރަ ނޫން އެހެން އެއްވެސް އެއްޗަކައް ވާނެ ހެއްޔެވެ؟

އަލީ ވަހީދާއެކު "ޖނސ އމލއ" ހިންގަން މިނިސްޓަރު ނަހުލާއަށް ދައުވަތު ދީފައިވާ ކަމުގެ ވާހަކައިން ފެށިގެން އެކަމުގައި އެހެން މީހުން ވެސް ބައިވެރިކުރާނެ ވާހަކައާއެކު ހީސަކަރާތް ޖަހަ އެވެ. -- މިއީ ފިރިހެނުންތަކެއް އުކުވެއްޖެނަމަ ވާހަކަ ހުންނާނެ ގޮތް ކަމަށް ބުނެ ދޫކޮށްލެވޭ ވަރަށްވުރެ މާ މަތިން ދިޔަ ވާހަކަތަކެވެ --

މި ސަރުކާރަކީ "ޒީރޯ ޓޮލަރެންސް" ގެ ސަރުކާރެވެ. މި ސަރުކާރުގައި "ޒީރޯ ޓޮލަރެންސް" މި ސަރުކާރުގައި އެންމެ ގިނައިން ބޭނުންފުޅު ކުރެއްވި އެއް ވަޒީރަކީ އަލީ ވަހީދެވެ. އަދި އެއީ ލަފުޒަކީ ޖިންސީ ފުރައްސާރައަށް ވެސް ކޮރަޕްޝަނަށް ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވާ ޖަވާބުގެ ސްލޯގަނެވެ.

ޓޫރިޒަމް މިނިސްޓްރީގައި ޖެހިފައި އޮތް ކޮރަޕްޝަންގެ ލައްގަނޑު ފިލުވައިލަން އަމާޒު ހިއްޕެވި އަލީ ވަހީދު އިންނެވި އެ ސައްލާގައި އެކުވެރި އަޑުބަރޭ ދައްކަވަނީ ކޮރަޕްޝަނެއްގެ ވާހަކަ އެވެ. ސުޕްރީމް ކޯޓަށް ހެޔޮ އަގުގައި "ބްރޭންޑް ނިއު" ވެހިކަލްތަކެއް ގަތް ވާހަކަ އެވެ. އެކަމުގައި ސުޕްރީމް ކޯޓުގެ އެސްޖީ އާއި ޓްރާންސްޕޯޓަށް ނުރުހުން ވެސް އަމާޒުކުރި އެވެ.

އެކަމަކީ ހިނގާފައިވާ ކަމެއްކަން މިހާރު ލިބިފައިވާ ލިޔުންތަކުން އެބަ އެނގެ އެވެ. އެ ވެހިކަލްތަކުގެ މައްސަލާގައި ސުޕްރީމް ކޯޓުން ޓްރާންސްޕޯޓް މިނިސްޓްރީއަށް ވެސް ގޮސްފައިވެ އެވެ. މީގެ އިތުރުން ކޮންމެ ވެސް ކަމެއްގެ ތެރެއިން އަށް ލައްކަ ރުފިޔާގެ ކަޓެއް ނަގައިގެން ދަރަނިތައް ދައްކާ ވާހަކަ ވެސް އަޑުބަރޭ ވިދާޅުވެ އެވެ. އެ ހުރިހާ ވާހަކައަކަށް ވެސް އަލީ ވަހީދުގެ ރުހުން އޮތްކަން އޭނާގެ ވާހަކަތަކުން އެނގެ އެވެ. -- އަޑުބަރޭ އަކީ ވެސް ބާރުގަދަ ސްޓޭޓް މިިނިސްޓަރެކެވެ.

ގޭސްގަނޑެއް؟ އިންތިހާބާ ކޮން ކަމެއް؟

އޯޑިއޯތައް އާންމުވެ ބޭޒާރުވާން ފެށުމާއެކު އަޑުބަރޭ ވެސް ވަނީ އެހެންވެސް ސިޔާސީ މީހުން އުޅޭ ގޮތަށް އައްޑަނައާއެކު ޓްވިޓާއަށް ނުކުންނަވާފަ އެވެ. އޭނާ ވިދާޅުވާ ގޮތުގައި "މިއީ އެފްއޭއެމްގެ އިންތިހާބާ ދިމާކޮށް ހިންގާ ގޭސްގަނޑެ"ކެވެ. އޭނާއަކީ ބްލެކްމެއިލް ކުރެވޭނެ މީހެއް ނޫނެވެ. އޯޑިއޯ ތަހުގީގު ކުރަންވީ އެވެ. އަޑުބަރޭގެ ތުހުމަތު އަމާޒުވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލަށެވެ. ސިޔާސީ ބަޔަކާ ގުޅިގެން ބައްސާމް، މަގާމު ދިފާއު ކުރަން ކުރާ ކަމެއްގެ ގޮތުގަ އެބވެ. މިނިސްޓަރު އަލީ ވަހީދާއި ދެބޭފުޅުން ވެގެން އެހެން ބަޔަކު "ރޮލައިކައި" ޖިންސީ ފުރައްސާރައާއެކު އަޑަ މަލާމާތާއި ފުރައްސާރަ އަމިއްލައަށް ކުރެއްވުނު ކަމަކަށް އެެއްބަސްވެ ވަޑައިގަންނަވާކަށް ކެރިވަޑައެއް ނުގަތެވެ.

ޔޫރަޕް ދަތުރެއް ދާދިފަހުން އަލީ ވަހީދާއި އަޑުބަރޭ އަދި ބައްސާމް އެކުގައި ކުރެއްވި އެވެ. އެކަމަކު، ބައްސާމްއާ ދެކޮޅަށް އަލީ ވަހީދު ހުންނަވައިގެން ކެންޑިޑޭޓެއް ނެރެން އުޅުއްވާ ކަމުގެ އަޑުތައް އޭގެ ފަހުން ފެތުރުނެވެ. ނަމަވެސް ފުރަތަމަ ޑިވިޝަންގެ ހުރިހާ ކުލަބެއްގެ ތާއީދު ދިނީ ބައްސާމަށެވެ. ކަލަބެއްގެ ތާއީދެއް ނެތި، އެ އިންތިހާބުގައި ވާދަ ނުކުރެވޭނެއިރު އެހެން ކެންޑިޑޭޓެއްގެ ސުވާލެއް ވެސް މިތާކު ނެތެވެ. ދެން ކޮން އިންތިހާބީ ގޭހެއް ހެއްުޔެވެ؟

އޯޑިއޯތަކުގައި ދައްކާ ވާހަކައަކާއި އެފްއޭއެމްގެ އިންތިހާބަކާ އެއްވެސް ގުޅުމެއް ވެސް ނެތެވެ. އެހެންކަމުން އަޑުބަރޭ ދެއްކެވި ހުއްޖަތް ގަބޫލުކުރަން ދިވެހި ރައްޔިތުންނަށް އުނދަގޫވެ އެވެ. އަދި އަމިއްލަ ދިފާއުގައި އަނބުރާލެއްވީ "ގޭސްގަނޑެއް" ކަމަށް ވެސް ވެދާނެ އެވެ.

އަލީ ވަހީދަށް މިއީ ބޮޑު ރާޅެއް

މީގެ ދުވަސްކޮޅެއް ކުރިން ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފްގެ އިހުމާލެއް ވެސް އޮވެގެން ހެދިފައިވާ ބޮޑު ގޯހަކާ ގުޅިގެން އެ ދުވަހުން އެ ދުވަހަށް މިނިސްޓަރު ކަމުން އަތް ދޫކޮށްލައްވަން އެކަމަނާއަށް ޖެހިވަޑައިގަތެވެ. ސަރުކާރުގެ އިސް ބޭފުޅުންނާއި މަޖިލިސް މެންބަރުންތައް ޝިދާތާގެ "ގައިގާ ހިފައިގަތީ" އެހާމެ އަވަހަށް އެހާމެ ގަދަޔަށެވެ. އެކަމަކު، އަލީ ވަހީދުގެ ބޭޒާރުވެގެން ދިޔައިރު އަދި އެއްވެސް އަނގައެއް އަދި ނުފަޅަ އެވެ.

މިހާތަނަށް އަލީ ވަހީދާ ދިމާއަށް އެއްވެސް އެއްޗެއް ބުނާނެ ސިޔާސީ އަނގައެއް ފެންނަން ނެތަސް މިއީ ދަމާލާ ރާޅަކަށް ނުވާނެ އެވެ. މިވާނީ މުގުރާލާ ރާޅަކަށެވެ. ހާއްސަކޮށް ޖޭޕީގެ ތެރެއިންނެވެ.

ގާސިމާއި އަލީ ވަހީދުގެ ގުޅުމުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ތެރެއިން ވެސް ކުނި ޖެހުނެވެ. ޖަރުމަނުގައި އެކުގައި އުޅުއްވި ގޮތަށް ސަރުކާރަށް ވަޑައިގެން އެކަމެއް ނުކުރެއްވުނެވެ. ގާސިމްގެ "އައިޝާ" އާ އަލީ ވަހީދު، މުހާތަބު ކުރެއްވި ގޮތާއި ބޭނުންކުރި ބަސްތަކާއެކު ހީނަރުވެފައި އޮތް ގުޅުމުގެ ރޮދިފަށް މިފަހަރު އެއްކޮށް ބުރިބުރި ވެގެން ދާނެކަމީ ޔަގީން ކަމެކެވެ.

އަލީ ވަހީދަށް މިހާރު ޖޭޕީ އެހާ މުހިންމު ނުވިޔަސް، އޭނާއަށް މިހާރު އެމްޑީޕީ މުހިންމެވެ. އެކަމަކު އަލީ ވަހީދަށް އެމްޑީޕީ ވެސް ރުޅި އަރުވާލެވިއްޖެ އެވެ. އެމްޑީޕީގެ މެންބަރުންގެ ޖޯޝާއި ހިތް ކަމަށްވާ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދާ ގުޅޭ ގޮތުން ވެސް އަލީ ވަހީދުގެ ބަސްތައް ކަމަކު ނުދެ އެވެ. ރައީސް ނަޝީދަށް "ބަވާނެ" މެންބަރުން ހޯއްދަވައި އެކަމަށް މެންބަރުންނަށް ގުޅުއްވަނީ ކަމަށް ލީކްވި އޯޑިއޯތަކުން އެބަ ބުނެ އެވެ.

އެހެންވީއިރު ނަގާފައި އޮތް ރާޅު މަތަކޮށް ހިމޭން ކުރުން އަލީ ވަހީދަށް ވާނީ ވަރަށް އުނދަގޫ ކަމަކަށެވެ. އޭނާގެ މަގާމު ދިފާއު ކުރެއްވުމުގެ މަސައްކަތް މިހާރު ވެސް ގަދައަށް ކުރައްވާނެ އެވެ. އެ މަގާމަށް ފައި ނަންގަވައިގެން ތިއްބަވާނެ ބޭފުޅުން ވެސް މި ދަނޑިވަޅުގެ ބޭނުން ރަނގަޅަށް ހިފާނެ އެވެ. އެއާއެކު، ކޯލިޝަން ޕާޓީތަކުގެ މިނިސްޓަރުން ވަކިކޮށް އެމްޑީޕީއިން ކެބިނެޓް ހިފުމުގެ ރޭވުންތައް ވެސް މި ދުވަސްވަރު ގެންގުޅޭނެ އެވެ.

ދެން އޮތީ ސަރުކާރެވެ. ކުރިން ވެސް ބުނިހެން މިއީ "ޒީރޯ ޓްލޮރެންސް" ގެ ސަރުކާރެވެ. އަލީ ވަހީދާއެކު އައި ތުހުމަތުތަކާއެކު ސަރުކާރު ބީރު ކަންފަތެއް ދީފިނަމަ އެފަދަ ސަރުކާރަކަށް މި ސަރުކާރު ނުވީ ކަން މުޅިން ގައިމުވީ އެވެ. މީގެކުރިން އެކަމުގެ މިސާލު ދައްކަން ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފަށް ކޮރަޕްޝަންގެ ތުހުމަތެއް ކުރެވުމުން ގެއަށް ފޮނުވާލި އެވެ. ރައްޓެހިންނާއެކު ދެއްކެވި ވާހަކަތަކެއް ކަމަށް ވިޔަސް، މިނިސްޓަރަކު ކޮރަޕްޝަނަށް މަގުފަހިވާ ޒާތު ވާހަކަތަކެއް ދައްކަވައި އެހެން މިނިސްޓަރުންނަށް މަލާމަތްކޮށް އަންހެން މިނިސްޓަރަކަށް ޖިންސީ ފުރައްސާރަ ކުރުމަކީ ތިހެން ދޫކޮށްލެވޭނެ ކަމެއްތޯ މީހުންތައް އެއޮއް ސުވާލު ކުރަނީ އެހެންވެ އެވެ. އަޅެ ސަރުކާރުން ހަދާ އެއްޗެއް އެނގިދާނެތާ އެވެ!