ރާއްޖޭގެ ފަހުގެ ސިޔާސީ ތާރީހު ދުށް އެންމެ ކާމިޔާބު ބޭފުޅުންގެ ތެރޭގައި އަލީ ވަހީދު ހިމެނެ އެވެ. ރައީސް މައުމޫންގެ ހިޔަނީގައި ސިޔާސީ މައިދާނަށް ނުކުންނެވި ހިސާބުން އޭނާގެ ވާހަކަ ދެއްކުންތެރި ކަމަށް ގިނަ ބަޔަކު ޝައުގުވެރިވި އެވެ. ސިޔާސީ މައިދާނުން އަލީ ވަހީދުގެ ފުރަތަމަ ކާމިޔާބަކީ 2009 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް ވަޑައިގަތުމެވެ. މަޖިލީހުގެ އެންމެ ހަގު މެންބަރުގެ ގޮތުގަ އެވެ.
ދައުރުގެ ވަކި ހިސާބަކުން ޑީއާރުޕީ ދޫކޮށް އޭރު ވެރިކަން ކުރަމުންދިޔަ އެމްޑީޕީއަށް ބަދަލުވެވަޑައިގެންނެވި އެވެ. އަލީ ވަހީދުގެ މި ނިންމެވުމުގައި ފައިސާގެ ބޮޑެތި މުއާމާލަތްތަކެއް ހިނގި ކަމުގެ އަޑު ގަދަވި އެވެ. އެކަމަކު އެ ތުހުމަތުތަކުން އަލީ ވަހީދު ފަހަތަށް ޖައްސައެއް ނުލެވުނެވެ. އެމްޑީޕީގެ ޗެއާޕާސަންކަން ކުރައްވާ ޕާޓީގެ އާންމު މެންބަރުންގެ ލޯބި އޭނާ ހޯއްދެވި އެވެ. އޭގެ ފަހުން 2018 ވަނަ އަހަރު ގާސިމް އިބްރާހިމް ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެން އެޕާޓީގެ ކުރިބޯއްޓަށް ވާސިލްވި އެވެ.
އަލީ ވަހީދަކީ މި ސަރުކާރުގެ ފުރަތަމަ ޓުއަރިޒަަމް މިނިސްޓަރެވެ. އަލީ ވަހީދު ވިދާޅުވަމުން ގެންދެވީ، ކުރިން ޓޫރިޒަމް މިނިސްޓްރީގައި އޮތް ކޮރަޕްޝަންގެ ކިލަނބުގަނޑު ދުއްވާލާ ރައްޔިތުން އިތުބާރު ކުރާ ތަނަކަށް އެ މިނިސްޓްރީ ބަދަލު ކޮށްލަވާނެ ކަމަށެވެ. އެކަމަކު، އެ ކިލަނބުގަނޑު ފިލައި ނުދަނީސް ޓޫރިޒަމް މިނިސްޓްރީގެ އެތެެރެ ވަނީ ބޮޑު ހަޑިއަކުން ކިލަނބުވެފަ އެވެ.
ސިޔާސީ މައިދާނުގައި މިއީ އަލީ ވަހީދާ ލައްވާލި ބޮޑު ރާޅެކެވެ. ސިޔާސީ އެހެން ޕްލެޓްފޯމްތަކުން އަލީ ވަހީދަށް އޮތް ފުރުސަތު ހަނިވީއެވެ. ސިޔާސީ ކުރިމަގު އަލުން ބައްޓަން ކުރަން އުނދަގޫވީ އެވެ. ފަހަރުގައި މިއީ އޭނާގެ ސިޔާސީ ޒަމާން ނިމުނީ ކަމުގައިވެސް ވެދާނެ އެވެ.