ނިޒާމީ ނުކުތާއެއް: މީ ނިޒާމީ ބަހުސްގެ ވަގުތެއް ނޫން!

ވެރިކަމުގެ ނިޒާމް ބަދަލު ކުރުމާމެދު ސިޔާސީ ބައެއް ބޭފުޅުންގެ މެދުގައި އުފެދިފައިވާ ބަހުސްގެ މައްޗަށް އަވަސް އޮންލައިން އުފެއްދި ވީޑިއޯ ރިޕޯޓް -- އާއިމް ޒަމީރު | އަވަސް

ރާއްޖޭގައި ވެރިކަން ކުރާނެ ނިޒާމެއް ކަނޑައަޅަން ވާހަކަ ދެކެވި ބަހުސް އުފެދުމުން 2007 ވަނަ އަހަރު ރާއްޖޭގައި ޕަބްލިކް ރެފަރެންޑަމް ވޯޓެއް ކުރިޔަށް ގެންދިޔަ އެވެ. ރާއްޖޭގެ ވެރިކަމުގެ ނިޒާމް ހިންގާން އޮންނަން ބޭނުން ވަނީ ރިޔާސީ ނިޒާމެއްތޯ، އެހެންނާ ޕާލަމެންޠްރީ /ބަރުލަމާނީ ނިޒާމެއްތޯ ކަނޑައެޅުމުގެ އެ ރެފަރެންޑަމްގައި ވޯޓް ދިނުމުގެ ހައްގު 199،841 މީހަކަށް އޮތެވެ. އޭގެ ތެރެއިން 155،890 މީހުން ވޯޓްގައި ބައިވެރިވި އެވެ.

ރެފަރެންޑަމްގައި ޕްރެޒިޑެންޝަލް / ރިޔާސީ ނިޒާމެއް އޮންނަން ފެންނަ ކަމަށް 95،619 މީހުން ވަނީ ވޯޓް ދިނެވެ. އެއީ ވޯޓްލީ މީހުންގެ 62.04 ޕަސެންޓެވެ. ޕާލަމެންޓަރީ / ބަރުލަމާނީ ނިޒާމަކަށް ތާއީދުކޮށް ވޯޓް ދީފައި ވަނީ 58،508 މީހުނެވެ. އެއީ ވޯޓްލީ މީހުންގެ 37.96 ޕަސެންޓެވެ. ބާތިލުވެގެން 1767 ވޯޓް އެއްލައިލާން ޖެހުނެވެ. އެހެން ކަމުން ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކަށް ފެނުނީ ރާއްޖޭގައި ރިޔާސީ ނިޒާމެއް ހިންގާށެވެ. އެކަން ހިނގަމުން މިދަނީ އެ ނިންމުމާ އެއްގޮތަށެވެ.

ނިޒާމާ ގުޅޭ ބަހުސްތައް ރާއްޖޭގައި އޭރު އުފެދި އެ ވޯޓާ ހަމައަށް ދާން ހިނގި މަގުމަތީ ރާއްޖޭގައި ވަނީ ވަރުގަދަ ކެންޕެއިންތަކެއް ކުރި އެވެ. ހަލުވައިގަނެ ހަލަބޮލިވެފައިވާ ސިޔާސީ މައިދާނަކުން ފެންނާނެ އެތައް އެތައް ކަމަކާއި މަންޒަރުތަކެއް އެ ވޯޓްގެ ކުރިން އަދި ނަތީޖާ އިއުލާން ވުމާ ހަމައަށް ފެނިގެންދިޔަ އެވެ. އެހާ ވަރުގަދައަށް ކެންޕޭންތައް ހިންގިއެވެ. ދެ ނިޒާމުގެ ފައިދާ އާއި ގެއްލުން ވަރަށް ބޮޑަށް ރައްޔިތުންނަށް ވިސްނައިދޭން ސިޔާސީ ޕާޓީތަކުން މަސައްކަތް ކޮށްފައިވެއެވެ. ބަހުސްތައް ބޭއްވި އެވެ.

ނިޒާމެއް ކަނޑައެޅުމުގެ ރެފަރެންޑަމްގައި ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިިކް ޕާޓީ (އެމްޑީޕީ) އެކަންޏެވެ. އެެހެން ހުރިހާ ޕާޓީތަކަކުން ތާއީދުކުރީ ރިޔާސީ ނިޒާމަކަށެވެ. އެކަމަކު ކޭމްޕެންތައް ވަރުގަދަކޮށް ފެނުނީ ބަރުލަމާނީއަށް ތާއީދު ކުރި އެމްޑީޕީގެ ތެރެއިން އައި އަދާހިލާފު މޮޅު ފުރިހަމަ ސިޔާސީ ހަރަކާތުގެ ތެރެއިންނެވެ.

އެ ރެފެރެންޑަމްގެ ވޯޓު ނަގައި ރައްޔިތުން ނިންމި އެ ގޮތަށް 13 އަހަރު ވެގެންދާއިރު އަނެއްކާވެސް ވެރިކަމުގެ ނިޒާމު ބަދަލު ކުރުމުގެ ބަހުސް ދޭތެރެއަކުން އެބަ ފެނުން މައްޗަށް ތެދުވެ އެވެ. މިއިން ކޮންމެ ފަހަރަކުވެސް އެ ނިޒާމްގައި "އެލިގަނެގެން" ތެދުވެ ވަޑައިގަންނަވަނީ ކުރީން ވެސް އެ ނިޒާމަށް ތާއީދު ކުރައްވާ ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

"އަޅުގަނޑު އަބަދުވެސް ދަންނަވަން ވެރިކަމުގެ ނިޒާމަށް، އަޅުގަނޑު ދެކޭގޮތުގައި އެންމެ ރަނގަޅު ނިޒާމަކީ ޕާލިމަންޓަރީ ނިޒާމު،" ތަކުރާރުކޮށް އެތައް ފަހަރަކު ރައީސް ނަޝީދު މި އިބާރާތް ބޭނުން ކުރައްވާފައި ވެއެވެ.

ރައީސް ނަޝީދު ގަބޫލުފުޅު ކުރައްވާ ގޮތުގައި ދިވެހިން މިހާރު އެމައްޗަށް އަމަލު ކުރާ ފެހި ގާނޫނު އަސާސީ ބިނާވެގެން އައީ ވަރަށް ބޮޑަށް ބަރުލަމާނީ ސިފަތައް ހިމެނިގެނެވެ. އެކަން ފާހަގަ ކުރެއްވުމާއި ހަނދާން ކޮށްދެއްވައި ދޭތެރެއަކުން މިހާރުގެ ސަރުކާރަށް ވެސް އެ މަގަށް ދާން އެމަނިކުފާނު ބާރު އަޅުއްވަ އެވެ. އެހެން ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެ ކަމުގައި މިހާތަނަށް ދެމުން އައީ ވަރަށް ފިނި އަދި ވަރަށް ފެން ޖަވާބެކެވެ.

އެ ސުވާލު އަމާޒުވާން ފެށުމުން ރައީސް ސޯލިހު ވަނީ ވަރަށް ފަހުން އެއީ ރާއްޖެއަށް މުހިންމު ކަމެއް ނޫން ކަމަށް ދޭހަވާ މޭރުމަކުން ޖަވާބެއް ވެސް ދެއްވާފަ އެވެ. އެ މަނިކުފާނު ވިދާޅުވާ ގޮތުގައި އަލުން ނިޒާމުގެ ވޯޓެއްގެ ކަންކަމުގައި އުޅުއްވަން އެމަނިކުފާނަކަށް ވަގުތު ނެތެވެ. ވެރިކަމުގައި ހުންނަވައިގެން އެކަމާ ވިސްނަވައެއް ނުހައްދަވަ އެވެ.

މިދިއަ މޭ މަހުގެ 23 ވަނަ ދުވަހު ނޫސްވެރިންނާ ކުރިމަތިލައްވާ ރައީސް ސޯލިހު ވިދާޅުވި އެވެ: "އަޅުގަނޑު މި މަގާމަށް [ރައީސް ކަމަށް] އައިސް މި ހުރީ ވަރަށް ގިނަ ވައުދުތަކެއް ވެގެން. އަޅުގަނޑު ހުރިހާ ވަގުތެއް ހުސްކުރަން ބޭނުން ވަނީ އެ ވައުދުތައް ފުއްދުމަށް. އަޅުގަނޑުގެ ސިކުނޑި އާއި ކަންކަން މި ނޫން އެހެން ކަމަކަށް ހުސް ކުރާކަށް ބޭޭނުމެއް ނޫން،"

ރައީސް ސޯލިހު ވިދާޅުވި ގޮތުގައި ފެހި ގާނޫނު އަސާސީ ގެނައި ގިނަ މަޝްވަރާތަކަކަށް ފަހު ވެރިކަން ހިންގާނެ ނިޒާމަކާމެދު ސީދާ ރައްޔިތުން ނިންމި ނިންމުމެއްގެ މަތީގަ އެވެ. އެެހެންކަމުން އެ ނިޒާމު ބަދަލުކުރަން ވިސްނުމުގެ ކުރިން، އަނެއްކާ ވެސް ރައްޔިތުންގެ ގާތަށް ދާން ޖެހޭނެ އެވެ.

"ބަރުލަމާނީ... ރިޔާސީ ނިޒާމެއްގެ ކަންކަން އޮތީ މީގެ ކުރިން ނިމިފައި. [އެކަމަށް] ކުރިން އޮތީ ރައްޔިތުން ގޮތެއް ނިންމާފައި. އެއްވެސް ޒަމާނެއްގައި އެކަން [ބަދަލު] ކުރަން ބޭނުން ނަމަ ދެން ވެސް ހަމަ ދާން ޖެހޭނީ ރައްޔިތުންގެ ކައިރިއަށް،" ރައީސް ވިދާޅުވި އެވެ.

އަޅުގަނޑު މި މަގާމަށް [ރައީސް ކަމަށް] އައިސް މި ހުރީ ވަރަށް ގިނަ ވައުދުތަކެއް ވެގެން. އަޅުގަނޑު ހުރިހާ ވަގުތެއް ހުސްކުރަން ބޭނުން ވަނީ އެ ވައުދުތައް ފުއްދުމަށް. އަޅުގަނޑުގެ ސިކުނޑި އާއި ކަންކަން މި ނޫން އެހެން ކަމަކަށް ހުސް ކުރާކަށް ބޭޭނުމެއް ނޫން،
އިބްރާހިމް މުހައްމަދު ސޯލިހް | ރައީސުލްޖުމްހޫރިއްޔާ

މޭ މަހުގެ ތެރޭގައި ރައީސް ސޯލިހުގެ ފަރާތްޕުޅުން ދެއްވި އެ ޖަވާބާއެކު ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާ ގުޅޭ ގޮތުން ވަކި ދިމާއަކުން ޖެހެމުން ދިޔައި ވައި މަޑުވެލި އެވެ. އޭގެ ފަހަށް ވެސް ރައީސް ނަޝީދު ބަރުލަމާނީގެ ދައްކަވަ އެވެ. އެކަމަކު ވާހަކަ އެމަނިކުފާނު ކިތަންމެ ގިނައިން ދެއްކެވި ނަަމަވެސް އެއީ ރައްޔިތުން އެހާ ޝައުގުވެރިވާ އަދި ވައިގައި ހިފާ ވާހަކައަކަށް މިހާރު ނުވެއެވެ.

އަލުން އެ ބަހުސްގެ ވާހަކަ ފެށުނީ ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމް ފުރޮޅައިލުމުގެ މަސައްކަތް ފެށުމަށް އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމާއެކު އެވެ. މިދިއަ ހޯމަ ދުވަހު ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވަނީ ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނައުމަށް އެ މައްސަލަ މަޖިލީހަށް އެތެރެކޮށްފައެވެ. އެ ބަހުސް ފޯރި އަލުން ގަދަވާން ޖެހުނު ސަބަބަކީ މިއީ ކަމަށް ވިޔަސް
މިއީ މީހުން ޝައުގުވެރިވާ ކަމަށް ވެގެން އައީ މީގެ ކުރިން ވެސް ރިޔާސީ އަށް ތާއީދު ކުރެއްވި ރައީސް މައުމޫނާއި އަދި ބަރުލަމާނީއަށް ތާއީދު ކުރައްވާ ރައީސް ނަޝީދު އެކު އެކީގައި މި ކަމުގެ ތެރެއަށް ވަދެވެ ވަޑައިގެން ތުހުމަތުތަކާއި ސުވާލުތައް ކުރައްވާން ފެއްޓެވުމުންނެވެ.

ސަރުކާރު ކޯލިޝަނުގެ ތެރޭގައި ހުންނެވި ރައީސް މައުމޫން ވިދާޅުވާ ގޮތުގައި ހުރިހާ ގޮތަކުންވެސް ރާއްޖެއަށް އެންމެ ރަނގަޅު ނިޒާމަކީ ރިޔާސީ ނިޒާމެވެ. އަދި އެ ނިންމުން އޮތީ ރައްޔިތުން ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން ނިންމާފަ އެވެ..

"ދިވެހިރާއްޖޭގެ ސިޔާސީ، އިޖްތިމާއީ އަދި އިގްތިސާދީ ހާލަތަށް ބަލާއިރު ރާއްޖެއަށް އެންމެ ކަމުދާ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމުކަން ކަށަވަރު. 2007 ވަނަ އަހަރު ރާއްޖޭގެ ރައްޔިތުން ވަރަށް ބޮޑު އަގުލަބިއްތަކުން ނިންމަވާފައި ވަނީ ވެސް ހަމަ އެހެން،" މައުމޫން ވިދާޅުވިއެވެ.

ބަހުސްގެ ތެރެއަށް މައުމޫން ވަދެވަޑައިގަތުމުން ފަހަތްޕުޅުން ރައީސް ނަޝީދު ވެސް އޭގެ ތެރެއަށް ވަދެވަޑައިގެންފި އެވެ. އެމަނިކުފާނު ވަރަށް ޖޯޝުގައި ފާޑު ވިދާޅުވަނީ ރައީސް މައުމޫނަށެވެ. މައުމޫންގެ ވެރިކަމުގައި އައި ހުރިހާ އިންތިހާބެއްގައި މަކަރު ހަދާފައިވާ ކަމަށް ތުހުމަތު ކުރައްވަ އެވެ. އަދި ނިޒާމު ވޯޓްވެސް އޮޅުވާލައްވާފައިވާ ކަމަށް ތުހުމަތައް ކުރައްވައިފި އެވެ.

"މައުމޫންގެ ހަޔާތްޕުޅުގައި ކޮންމެ ވޯޓެއްވެސް ވަނީ އޮޅުވާލައްވާ މަކަރު ހައްދަވާފައި. 2007 ގެ ނިޒާމު ވޯޓް ވެސް ކަނޑައެޅިގެން އޮޅުވާލެއްވި،" ނަޝީދު ވިދާޅުވި އެވެ.

ދިވެހިރާއްޖޭގެ ސިޔާސީ، އިޖްތިމާއީ އަދި އިގްތިސާދީ ހާލަތަށް ބަލާއިރު ރާއްޖެއަށް އެންމެ ކަމުދާ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމުކަން ކަށަވަރު. 2007 ވަނަ އަހަރު ރާއްޖޭގެ ރައްޔިތުން ވަރަށް ބޮޑު އަގުލަބިއްތަކުން ނިންމަވާފައި ވަނީ ވެސް ހަމަ އެހެން
މައުމޫން އަބްދުލްގައްޔޫމް | ކުރީގެ ރައީސް

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ގާނޫނު އަސާސީ ހެދި ހާއްސަ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމަކީ ރާްއްޖޭގެ ސިޔާސީ މައިދާނުގައި ކަމެއް ވަކި ގޮތަކަށް ފުރޮޅައިލަން އެންމެ މުހިންމު ފިގާއަށް ވެއެވެ. ކުރިން ވެސް އަދި މިހާރު ވެސް ބަރުލަމާނީ ނިޒާމެއް ރާއްޖެއަށް ގެނައުމަށް ގާސިމް އިބްރާހިމް ދެކޮޅު ހައްދަވަ އެވެ.

ރޭ އަވަސް އަށް ދެއްވި އިންޓަވިއުއެއްގެ ތެރެއިން ގާސިމް ވިދާޅުވި ގޮތުގައި ރައްޔިތުންގެ ތަނަވަސް އަޣުލަބިއްޔަތަކުން މީގެ 13 އަހަރު ކުރިން ނިންމި ނިންމުމެއް އަލުން ބަދަލު ވެދާނެ ކަމަށް ވޯޓެއް ނެގުމަކީ ވެސް ބޭކާރު ކަމެކެވެ. އަދި ކުރީން ވެސް ބޮޑުވަޒީރަކު ހުރެގެން ރާއްޖެ ހިންގާފައިވާތީ އެ ތަޖުރިބާ ވެސް ރައްޔިތުން ކޮށް ފެއިލް ވެފައި ވެއެވެ.

ބަރުލަމާނީ ނިޒާމާ ގާސިމް ދެކޮޅު ހައްދަވާ އަނެއް ސަބަބަކީ ރާއްޖެ ފަދަ ނާޒުކު އިގްތިސޯދެއް އޮތް ކުޑަ ގައުމަކަށް އެ ނިޒާމުގެ ހަރަދު ބޮޑުވުމެވެ.

"ބަރުލަމާނީއެއްގަައި ބޮޑުވަޒީރަކު ހުރެފައި ރައީސަކު ވެސް އެބަ ހުންނަވާ... ރަމްޒީ ބޭފުޅެއްގެ ގޮތުގައި ނަމަވެސް. އިގްތިސޯދީގޮތުން ކުރިއަރާފައިވާ ބޮޑެތި ގައުުމުތަކަށް އެފަދަ ނިޒާމެއް ގެނައަސް ރާއްޖެ ފަދަ ގައުމަކަށް އެ ނިޒާމު ހަރަދު ވެސް ބޮޑު. އަދި ފައިދާ ވެސް ކުޑަ،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވި ގޮތުގައި ރައްޔިތުންނަށްޓަކައި ފުރިހަމަ ވެރިކަމެއް ކުރެވޭނީ ރިޔާސީ ނިޒާމެއްގަ އެވެ. ރިޔާސީ ނިޒާމުގައި ރައީސުލްޖުމްހޫރިއްޔާ ވެސް އަދި އެމަނިކުފާނުގެ ނާއިބާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެސް ރައްޔިތުންގެ ގާތަށް ދާން ޖެހެ އެވެ. ނަމަވެސް ބަރުލަމާނީގައި ކިތަންމެ އާބާދީ މަދު ދާއިރާއަކުން އިންތިހާބުވެވަޑައިގެންނެވި ނަމަވެސް ބޮޑުވަޒީރު ކަމަށް ވަޑައިގަތުމުގެ ފުުރުސަތު އޮތުމުން އެއީ ހަމަޖެހޭ ގޮތެއް ނޫނެވެ.

"މިހާރު ބައްލަވާ އެއް ކަމަކަށް، ރާއްޖޭގެ އިދާރީ ދާއިރާތައް ބެހިފައިވާ ގޮތް. ބައެއް ބޭފުޅުން މިހާރުވެސް މަޖިލީހަށް މި އިންތިހާބު ވަނީ ވަރަށް މަދު އަދަދެއްގެ ބައެއްގެ ވޯޓުން. ކިތަންމެ މަދުން ނަމަވެސް ޕާލަމަންޓަށް ވަޑައިގަންނަވަންވީ. ދެން ރައްޔިތުންނާއި ގުޅުން ކެނޑުނީ. މެންބަރުންނާއި އޮންނަ ގުޅުން ވަރުގަދަކޮށް ބޮޑު ވަޒީރު ކަމަށް ވަޑައިގަންނަވަނީ. މިއީ ރައްޔިތުންނަށްޓަކައި ވެރިކަމެއް ކުރެވޭނެ ނިޒާމެއް ނޫން،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވި ގޮތުގައި ބަރުލަމާނީ ހުޅުވައި ދެނީ ނުފޫޒުގަދަ ބާރުގަދަ މީހާއަށް ބޮޑު ވަޒީރު ކަމަށް ވަޑައިގަތުމުގެ ދޮރެކެވެ. އަދި ހުރިހާ ރައްޔިތުންގެ ގާތަށް ނުގޮސް ހަމައެކަނި މަޖިލިސް މެދުވެރިކޮށް ވެރިކަމުގެ ގޮނޑިއަށް ވަޑައިގަތުމުގެ ފުރުސަތެކެވެ.

"މިހާރު އޮންނަ ގޮތުން ރައީސް ވެސް ނާއިބު ރައީސް ވެސް މަޖިލީސް މެންބަރުން ވެސް އެބަޖެހޭ ރައްޔިތުންގެ ކައިރިއަށް ދާން. އެ ގޮތަކަށް ނޫނެއް ނޫންތޯ ބަރުލަމާނީ މިއޮތީ؟ އެހެންވީމަ ސިޔާސީ އެދުމެއްނެތި އެއްޗެއް ދަންނަވާ ބޭފުޅަކު ވިއްޔާ ވިދާޅުވާނީ ރައްޔިތުންނަށް ފައިދާ ހުރި ނިޒާމަކީ ރިޔާސީ ނިޒާމު ކަމަށް،"

ސިޔާސީ އެދުމެއްނެތި އެއްޗެއް ވިދާޅުވާ ބޭފުޅަކު ވިއްޔާ ވިދާޅުވާނީ ރައްޔިތުންނަށް ފައިދާ ހުރި ނިޒާމަކީ ރިޔާސީ ނިޒާމު ކަމަށް. ހަގީގީ ރައްޔިތުންގެ ވެރިކަމެއް ކުރަން ވެރިއަކު އަންނާނީ ރިޔާސީ ނިޒާމެއްގައި،
ގާސިމް އިބްރާހިމް | ޖުމްހޫރީ ޕާޓީގެ ލީޑަރު

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ދެކެވަޑައިގަންނަވާ ގޮތުގައި ވެރިކަން ހިންގާ ރާއްޖެއަށް އެންމެ ފައިދާ ބޮޑުވާނީ ރިޔާސީ ނިޒާމެކެވެ. އެމަނިކުފާނުގެ ނަޒަރުގައި ރިޔާސީ ނިޒާމަކުން ރައްޔިތުންނަށް ފައިދާވާ ސަބަބުތައް ގިނަ އެވެ. އެއް ކަމަކީ ރައީސުލްޖުމްހޫރިއްޔާއަށް ފުރިހަމަ އިތުބާރާއެކު ކެބިނެޓް އެކުލަވާލުމުގެ ބާރު އޮތުމާއި ގާބިލު ބޭފުޅުން ވަޒީރުންގެ މަޖިލީހަށް އައްޔަން ކުރުމުގެ ފުރުސަތު އޮތުމެވެ.

ބަރުލަމާނީ ނިޒާމެއްގައި ވަޒީރުންގެ މަޖިލީހުގައި ތިއްބަވާނީ ވެސް މަޖިލީސް މެންބަރުންނަށްވުމުން ވުޒާރާތަކަށް އެންމެ ގާބިލް ބޭފުޅުން އިންތިހާބުވެ ވަޑައިގަތުމުގެ ފުރުސަތު ގެއްލެއެވެ. އެއީ ރާއްޖެ ފަދަ ގައުމަކަށް ލިބޭނެ ވަރަށް ބޮޑު ދެރައެކެވެ.

"ވަޒީރުންގެ މަޖިލީހަށް ކޮންމެެހެން ސިޔާސީ ބޭފުުޅުން އައްޔަން ކުރައްވާކަށް ޖެހިވަޑައިއެއް ނުގަންނަވާނެ. ގާބިލް ބޭފުޅުން އައްޔަން ކުރުމުގެ އިހުތިޔާރު ރިޔާސީ ނިޒާމުން އެބަ ލިބިދޭ. ނަމަވެސް ބަރުލަމާނީއެއްގައި ނަމަ އެހެން ނުވާނެ. އަދި މިހާރަށް ވުރެ މާ ބޮޑަށް ސިޔާސީ ނުފޫޒުތައް އެކުލެވޭ ގޮތެއްގައި ދައުލަތުން ހަރަދުވެސް ކުރެވިގެންދާނީ،" ރައީސް ވަހީދު ވިދާޅުވި އެވެ.

ވަޒީރުންގެ މަޖިލީހަށް ގާބިލް ބޭފުޅުން އައްޔަން ކުރުމުގެ އިހުތިޔާރު ރިޔާސީ ނިޒާމުން އެބަ ލިބިދޭ. ބަރުލަމާނީއެއްގައި ނަމަ އެހެން ނުވާނެ
ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު | ކުރީގެ ރައީސް

ރައީސް ނަޝީދު ފިޔަވައި ސިޔާސީ ގިނަ ބޭފުޅުން ފާހަގަ ކުރައްވާ ގޮތުގައި ސަރުކާރު ޖަވާބުދާރީ ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ނިޒާމެއްގައި ލިބިދީފައިވާ މެންޑޭޓް ބަރުލަމާނީ ނިޒާމެއްގައި ގެއްލިގެންދެ އެވެ. ގާސިމް ވިދާޅުވި ގޮތުގައި ގާނޫނު ހަދާ މަޖިލީހުގައި ވަޒީރުންގެ މަޖިލީހުގައި ތިއްބަވާ މެންބަރުންނަށް ސަރުކާރު ޖަވާބުދާރީއެއް ނުކުރެވޭނެ އެވެ.

"ކިހިނެތްތޯ ވަޒީރުންގެ މަޖިލީހުގައި ތިއްބަވައިގެން އަދި އެއީ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ކަމަށްވިޔަސް ސަރުކާރު ޒިންމާދާރު ކުރެވޭނީ. އެއީވެސް އިންސާނުންތާ! އެހެންވީމަ ސަރުކާރުން ހަދާ ގޯސްތަކާ ދެކޮޅެއް ނުހައްދަވާނެ. އެެހެން މަސްލަހަތެއް ވަންނާނެ،"

ރާއްޖެ ފަދަ ކުޑަ ގައުމެއްގައި ބޮޑުވަޒީރަކާއި ރައީސެއް އަދި ރައީސްގެ ނާއިބެއް ހުންނަ ގޮތް މެދުވެރިިވެއްޖެނަމަ މިހާރުގެ ތަޖުރިބާއަށް ބަލާއިރު ނުކުންނާނެ އިތުރު އެތައް މައްސަލަތަކެއް ވެސް ގިނަ ބޭފުޅުން ފާހަގަ ކުރައްވައެވެ. ހާއްސަކޮށް އެ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މެދުގައި ވާދަވެރިކަން ބޮޑުވެ އެކަމުގެ ގެއްލުން ގައުމާއި ރައްޔިތުންނަށް ކުރާނެ މިންވަރު ބޮޑުވާނެ އެވެ.

"މިހާރުވެސް ރައީސަކާއި ނާއިބު ރައީސެއް ހުންނައިރު ވެސް މި އޮންނަނީ ސަލާމަތް ނުވެފައި. ރައީސާ ނާއިބަކާއި ނުގުޅޭ. ދެ ބޭފުޅުންގެ ގުޅުންތައް އެބަ ގޯސްވޭ. ދެން ކިހިނެތްތޯ އިތުރު ބާރުތަކެއް އެހެން މަގާމުތަކަށް ދޭން ޖެހުމުންވާނީ. ނަތީޖާ ގޯސްވާނެ ކަމަށް އަޅުގަނޑު ދެކެނީ،" ކުރިން ފިނޭންސް މިނިސްޓަރުކަމާއި ގަވަރުނަރުކަން ވެސް ކުރެއްވި ގާސިމް ވިދާޅުވި އެވެ.

ރެފަރެންޑަމް ވޯޓްގައި ގޯހެއް ނެތް

ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ނެގި ވޯޓްގައި މަކަރު ހަދާފައިވާކަމުގެ ތުހުމަތެއް ވެސް ރައީސް ނަޝީދު އަބަދު ކުރައްވަ އެވެ. މިފަހުން ވެސް ކުރައްވައިފި އެވެ. އެ ތުހުމަތު ރައީސް މައުމޫން ދޮގު ކުރައްވަ އެވެ. އަދި ވޯޓް އޮޅުވާލައިވާ ކަމަށް ބުއްދި ގަބޫލުކުރެވޭ ޖަވާބެއް ދެއްވުމަށް ވެސް މައުމޫން އެދިވަޑައިގަންނަވަ އެވެ.

ހާއްސަ މަޖިލީހުގެ މެންބަރުކަން ކުރެއްވި ކުރީގެ ޕީޖީ އަހުމަދު މުއިއްޒު ވިދާޅުވި ގޮތުގައި 2007 ގެ ނިޒާމީ ވޯޓްގައި، ވޯޓް ނެގުމަށްފަހު ފޮށިތައް މާލެ ނުގެނެސް ވޯޓް ނެގި މަރުކަޒުތަކުގައި ބަހައްޓައިގެން ވޯޓް ގުނާފައި ވެއެވެ.

"ވޯޓް ނެގުމުގެ މަސައްކަތުގައި ހާއްސަ މަޖިލީހުން އެކުލަވާލި ކޮމެޓީގެ މެންބަރެއްގެ ގޮތުން އަޅުގަނޑު މަސައްކަތް ކުރިން. ވޯޓް އޮޅުވައެއް ނުލާ،" މުއިއްޒު ވިދާޅުވިއެވެ.

ގާސިމް ވިދާޅުވި ގޮތުގައި ވަކި ބޭނުމެއްގެ އުންމީދުގައި ބަރުލަމާނީ ނިޒާމެއް ނުގެވޭނެ އެވެ. އަދި ވިދާޅުވި އެވެ: "އެއީ ވަކި ބޭނުމަކު ދައްކާ ވާހަކަތަކެއް. މަކަރެއް އޮޅުވާލުމެއް އޮތް އިންތިހާބެއް ނޫން އެއީ. އެއީ ރައްޔިތުންގެ ނިންމުން. އަދިވެސް ރައްޔިތުންގެ ގާތަށް ދިޔަސް އެ ނިންމުން ނިންމާނެ. އެ ނިންމުން ބަދަލެއް ނުކުރާނެ،"

ސިޔާސީ ގިނަ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި މިއީ ވެރިކަމުގެ ނިޒާމުގެ ބަހުސް ކުރަން ޖެހޭ ވަގުތެއް ވެސް ނޫނެވެ. ހާއްސަ މަޖިލީހުގެ ނާއިބު ރައީސްކަން ކުރެއްވި ކުރީގެ ވަޒީރު އަނީސާ އަހުމަދު ވިދާޅުވި ގޮތުގައި ގައުމު މިވަގުތު އޮތް ހާލަތު ކޮންމެވެސް ބަޔަކަށް ނޭނގެ އެވެ. އެކަމަނާ ވިދާޅުވި ގޮތުގައި ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ރައްޔިތުން ވަރަށް ނިކަމެތި ހާލަތެއްގައި ތިއްބާ ވެރިކަމުގެ ނިޒާމުގެ ވޯޓް ނަގާ ނިޒާމުގެ ބަހުސެއް ފެށުމުން ހައިރާންވެވަޑައިގަންނަވަ އެވެ.

"ރައްޔިތުންގެ އެތައް ބަަޔަކު ދެ އިރު ހަމައަށް ކެވޭނެ ފަދަ ނެތި ތިއްބާ ރައްޔިތުންގެ މަންދޫބުން ވިސްނަނީ ދައުލަތުން ބޮޑު ހަރަދު ކޮށްގެން ވެރިކަން ކުރާނެ ނިޒާމަކާމެދު ރައްޔިތުންގެ ހިޔާލު ހޯދަން ވޯޓް ނަގަން. މިއީ ހަމަ ރައްޔިތުންގެ މަންދޫބުންބާ؟" އަނީސާ ސުވާލު ކުރެއްވި އެވެ.

ރައްޔިތުންގެ އެތައް ބަަޔަކު ދެ އިރު ހަމައަށް ކެވޭނެފަދަ ނެތި ތިއްބާ ރައްޔިތުންގެ މަންދޫބުން ވިސްނަނީ ދައުލަތުން ބޮޑު ހަރަދު ކޮށްގެން ވެރިކަން ކުރާނެ ނިޒާމަކާމެދު ރައްޔިތުންގެ ހިޔާލު ހޯދަން ވޯޓް ނަގަން. މިއީ ހަމަ ރައްޔިތުންގެ މަންދޫބުންބާ؟
އަނީސާ އަހުމަދު | ކުރީގެ ވަޒީރު

ރައީސް ވަހީދު ވެސް އެކަމާއި ކަންބޮޑުވުން ފާޅު ކުރައްވަ އެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި ވެރިކަމުގެ ނިޒާމުގެ ބަހުސެއް މި ވަގުތަށް ރާއްޖެ ބޭނުމެއް ނުވެއެވެ. މި ވަގުތު ހުރިހާ ރައްޔިތުންގެ ހުރިހާ ވަގުތެއް ހޭދަކުރަންވީ ކޮވިޑްގެ ބަލިމަޑުކަމުން ސަލާމަތްވާށެވެ.

"މި ދަނޑިވަޅު ދައްކަންވީ ވެރިކަމުގެ ނިޒާމްގެ ވާހަކައެއް ނޫން. ކޮބައިތޯ މިވަގުތަށް އޮތް މައްސަލަ. އެންމެ ބޮޑު މައްސަލައަކީ ކޮވިޑްގެ ބަލިމަޑުކަން. ގައުމަށް ހެޔޮ އެދޭ ކޮންމެ ބޭފުޅެއްގެ ފޯކަސް އޮންނަންވީ އެކަމަށް. މިއީ ހަމައެކަނި ހެލްތްގެ އެމަޖާސީއެއް ނޫން. މިއީ ގައުމަށް އޮތް އިމަޖެންސީ. މިކަމުން އަރަައިގަންނަންވީ ވަގުތު މިއީ. އެކަމަށް އެންމެން މަސައްކަތް ކުރަންވީ ވަގުތު މިއީ،"