ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ފުރައިގެން ދިޔައީ އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ނެރެފައިވާ އަމުރު ކްރިމިނަލް ކޯޓުން ބާތިލު ކުރުމުގެ ކުރިން ކަމާމެދު ސުވާލު އުފެދިފައިވީ ނަމަވެސް، އުސޫލާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައި ނުވާކަމަށް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.
އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ނެރެފައިވާ އަމުރު ބާތިލު ކޮށްލުމުން އޭނާ ވަނީ ބޭސް ފަރުވާއަށް ކަމަށް ބުނެ ގައުމުން ބޭރަށް، އިނގިރޭސި ވިލާތަށް ވަޑައިގެންފަ އެވެ. އަލީ ވަހީދު ބޭރަށް ވަޑައިގެންނެވީ މި މަހުގެ ނުވަވަނަ ދުވަހުގެ އިރޮއޮއްސުނު ވަގުތުއެވެ.
އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ނެރުނު އަމުރު ބާތިލުކުރި އަމުރު މީޑިއާއަށް ލީކުވިއެވެ. އެ އަމުރުގައި އޮތީ ޕާސްޕޯޓް ހިފަހަައްޓަން ނެރުނު އަމުރު ބާތިލުކުރީ ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން އެދިގެން ކަމަށެވެ. ނަމަވެސް އެކަން ޕީޖީ އޮފީހުން ދޮގު ކުރުމުން ކްރިމިނަލް ކޯޓުން ބުނީ އެ އަމުރުގައި އެހެން ލިޔެވިފައިވަނީ އޮޅުމަކުން ކަމަށެވެ.
ކަން ހިނގާ ދިޔަގޮތް ސާފުކޮށްދީ ޕީޖީ އޮފީހުން ވަނީ ދިގު ބަޔާނެއް ނެރެފައެވެ. އަދި ކްރިމިނަލް ކޯޓްގެ އަމުރު މިހާރު ވަނީ ހައިކޯޓްގައި އިސްތިއުނާފުކޮށްފައެވެ.
އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ނެރުނު އަމުރު ބާތިލުކުރި ތާރީހާމެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ. ކްރިމިނަލް ކޯޓުން ނެރުނު ފުރަތަަމަ އަމުރުގައި އަމުރު ބާތިލުކުރީ ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން އެދިގެން ކަމަށް ލިޔެވިފައިވާތީ އަލުން އިސްލާހުކޮށް ޕީޖީ އޮފީހަށް ފޮނުވި އަމުރުގައި ޖަހާފައިވަނީ މި މަހުގެ 10 ވަަނަ ދުވަހުގެ ތާރީހެވެ. އަލީ ވަހީދު ރާއްޖެއިން ބޭރަށް ވަޑައިގެންނެވީ ނުވަވަނަ ދުވަހުއެވެ.
ޕްރޮސެކިޔުޓާ ޖެނެރަލް ހުސެއިން ޝަމީމް އިއްޔެ ވިދާޅުވީ އަޑުއެހުން ބާއްވާ އަމުރު އިއުލާނުކުރީ މި މަހުގެ ނުވަވަނަ ދުވަހު ކަމަށާ އަމުރު ޕީޖީ އޮފީހަށް ލިބުނީ 11 ވަަނަ ދުވަހު ކަަމަށެވެ. އަމުރުގައި ތާރީހެއް ކަމަށް އޮތީ 10 ފެބްރުއަރީ ކަމަށާ ފުރައިގެން ދިޔަ ކަމަށް ވަނީ އަމުރުގައި އޮތް ތާރީހުގެ ކުރިން ފެބްރުއަރީ ނުވަވަނަ ދުވަހު ކަމަށެވެ. އަދި ޖާމިނު ލިޔުމުގައި އޮތީ ނުވައެއް ފެބްރުއަރީގައި އަމުރު ނެރެފައިވާ ކަމަށެވެ.
އެއާއެކު، އަލީ ވަހީދު ފުރުވާލުމުގައި އިމިގްރޭޝަނަށް މިހާރު ވަނީ ތުހުމަތުތައް އަމާޒުވެފަ އެވެ.
ޝަމީމްގެ ވާހަކަފުޅާ ގުޅިގެން ވިލިމާލެދާއިރާގެ މެމްބަރު އަހްމަދު އުޝާމް އަދި ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް ވިދާޅުވީ މިދިޔަ ބުދަ ދުވަހުގެ ތާރީހު ޖަހާފައިވާ އަމުރެއްގެ ދަށުން އަންގާރަ ދުވަހު އިމިގްރޭޝަނުން ޕާސްޕޯޓްދޫކުރި ގޮތެއް ސާފުކޮށްދޭން ޖެހޭ ކަަމަށެވެ.
އެކަމާ ގުޅިގެން އަވަސް އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން އިމިގްރޭޝަންގެ ތަރުޖަމާނު ހަސަން ހަލީލް ވިދާޅުވީ، އަލީ ވަހީދު ފުރަން ހުއްދަ ދިނުމުގައި ގާނޫނުތަކާއި، ގަވައިދަތުގެ އިތުރުން އުސޫލުތަކާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށެވެ.
ނަމަވެސް، އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
އަލީ ވަހީދު ކުއްލި ގޮތަކަށް ރާއްޖެއިން ބޭރަށް ވަޑައިގެންފައި މިވަނީ ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވިއިރު، އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް ހަތް ދައުވާއެއް އުފުލާފައިވަނިކޮށެވެ.
އަލީ ފުރުވާލި މައްސަލާގައި ވަރަށް ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ފާޑު ކިޔައި ނުރުހުން ފާޅު ކުރަމުންނެވެ. އެފަދަ ގިނަ މީހުން ބުނަނީ ޖިންސީ މައްސަލަތަކުގައި އޮންނަނީ ބޮޑު މީހާ އަށް ބޮޑު އިންސާފު އަދި ކުޑަ މީހާއަށް ކުޑަ އިންސާފު ކަމަށެވެ.