އަލީ ވަހީދު

އަލީއަށް ކުރާ ދައުވާތަކުގެ އަޑުއެހުމެއް މާދަމާ

Feb 1, 2022
1

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ދައުލަތުން އުފުލައިފައިވާ ޖިންސީ ގޯނާގެ ދައުވާތަކާ ގުޅޭ އަޑުއެހުމެއް މާދަމާ ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފި އެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލައިގެ އަޑުއެހުން ތާވަލުކޮށްފައި ވަނީ މާދަމާ މެންދުރު 1:00 އަށެވެ.

މައްސަލައިގެ އަޑުއެހުމެއް ތާވަލުކުރި ނަމަވެސް އަލީ ވަހީދުގެ މައްސަލަ ވިޔަސް އަދި އެނޫން ވެސް މައްސަލައެއްގައި ދައުވާ ލިބޭ މީހާ ރާއްޖޭގެ ސަރަހައްދުން ބޭރުގައި ހުރެއްޖެނަމަ އެ މައްސަލައިގެ އަޑުއެހުންތައް އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ނުގެންދެވޭނެ ކަމަށް ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އަލީ ވަހީދު މިވަގުތު ހުންނެވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ބޭސްފަރުވާއަކަށް ވަޑައިގެންނެވި ގޮތަށް އަދިވެސް އިނގިރޭސިވިލާތުގަ އެވެ.

މި މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ބާއްވާފައި ވަނީ މިދިޔަ ނޮވެމްބަރު 28 ވަނަ ދުވަހު އެވެ. އެދުވަހު އަލީއާ ޖާމިނުވި އަސްއަދު އަލީ ވަނީ ކޯޓަށް ހާޒިރުކޮށްފަ އެވެ. އެ އަޑުއެހުމުގައި، 72 ގަޑިއިރު ތެރޭގައި އަލީ ކޯޓަށް ހާޒިރުނުކޮށްފިނަމަ އައްސަދަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ގާޒީ ހަސަން ސައީދު ވަނީ ވިދާޅުވެފަ އެވެ. އެކަމަކު އޭގެ ފަހުން އެއްވެސް ފިޔަވަޅެއް އަޅައިފައެއް ނުވެ އެވެ.

އަލީ ވަހީދު ހައްޔަރުކޮށްގެން ރާއްޖެ ގެނައުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރު ވެސް ނެރެފަ އެވެ. ރާއްޖޭގެ ސަރަހައްދުން ބޭރުގައި ހުރުމުން ފުލުހުން ވަނީ އިނގިރޭސި ބަހުން އެ އަމުރު ނެރެދިނުމަށް ކޯޓުގައި އެދިފަ އެވެ. އޭގެ ފަހުން ކޯޓުން މިހާރު ވަނީ އެ އަމުރު ނެރެދީފަ އެވެ.

ފުލުހުން ބުނެފައި ވަނީ ކޯޓުން އަމުރު ނެރުމާއެކު އަލީ ހައްޔަރު ކޮށްގެން ރާއްޖެ ގެނައުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރަމުން އަންނަ ކަމަށެވެ.