އަލީ ވަހީދު

އަލީ ވަހީދުގެ ޝަރީއަތް ސިއްރުކޮށްފި

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކާ ގުޅިގެން ބާއްވާ ޝަރީއަތުގެ އަޑުއެހުންތައް ސިއްރު ކޮށްފި އެވެ.

އަލީ ވަހީދުގެ ޝަރީއަތުގެ އަޑުއެހުމެއް ތާވަލު ކޮށްފައި ވަނީ މިއަދު 3:00 އަށެވެ. ކްރިމިނަލް ކޯޓުން ބުނީ ޖިންސީ އަނިޔާ އާއި ފުރައްސާރައިގެ މައްސަލައަކަށް ވުމުން އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ނުގެންދާނެ ކަމަށެވެ.

"ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 42 ވަނަ މާއްދާގެ (ނ) އަށް ރިއާޔަތްކޮށް މި މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންދަނީ އާންމުކޮށް ހުޅުވާލައިގެން ކަމަށް ނުވާތީ މިއަދުގެ އަޑުއެހުމަށް ނޯޓް ކުރެވިފައެއް ނުވެއެވެ." ކްރިމިނަލް ކޯޓުގެ މެސެޖެއްގައި ވެއެވެ.

އަލީގެ ޝަރީއަތް ކުރިއަށް ގެންދަނީ ވީޑިއޯ ކޯލެއް މެދުވެރިކޮށެވެ. މައުލޫމާތު ލިބޭ ގޮތުގައި އޭނާ ޝަރީއަތުގެ އަޑުއެހުމަށް ހާޒިރު ވާނީ އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަން މެދުވެރިކޮށެވެ.

ވީޑިއޯ ކޯލެއް މެދުވެރިކޮށް އަލީ ވަހީދު ޝަރީއަތުގެ މަޖިލީހުގައި ބައިވެރިވުމަށް ހުށަހަޅުއްވާފައިވީ ނަމަވެސް އެއީ ކްރިމިނަލް ކޯޓުން އަމަލުކުރާ އާންމު އުސޫލެއް ނޫނެވެ.

އަލީ ވަހީދު ރާއްޖެއިން ބޭރަށް ވަޑައިގެންނެވި މައްސަލައާއި ގުޅިގެން ސުޕްރީމް ކޯޓާއި ހައިކޯޓުގެ ނިންމުމެއްގައި ދައުވާ ލިބޭ މީހާގެ ޣައިރު ހާޒިރުގައި ޖިނާއީ މައްސަލަތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

އަލީ ވަހީދަށް އުފުލާފައިވާ ދައުވާތައް

  • ޖިންސީ އަނިޔާކުރުމުގެ ކުށުގެ ދައުވާ
  • ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ
  • ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަ ކުރުމުގެ ކުށުގެ ދައުވާ
  • ޖިންސީ ގޯނާ ކުރުމުގެ ކުށުގެ ދައުވާ
  • ޖިންސީ ގޯނާ ކުރަން އުޅުމުގެ ކުށުގެ ދައުވާ
  • ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ދެ ދައުވާ

އަލީ ވަހީދުގެ މައްޗަށް ޖިންސީ ގޯނާގެ ބޮޑެތި ދައުވާތަކެއް އުފުލާފައި ވަނިކޮށް ބޭސް ފަރުވާއަށް ރާއްޖޭން ވަޑައިގަތުމަށް ދިން ހަތަރު މަހުގެ މުއްދަތު ޖޫން ނުވަ ވަނަ ދުވަހަށް ވަނީ ހަމަވެފަ އެވެ.