ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، ސުޕްރީމް ކޯޓަށް މިއަދު ހާޒިރުވާން އެންގި އެންގުމަށް އަމަލުނުކުރުމުން އޭނާއާ މެދު ފިޔަވަޅު އެޅުމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ.
ސުޕްރީމް ކޯޓުގައި މިއަދު ތާވަލްކޮށްފައި ވަނީ އަލީގެ ޝަރީއަތް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމުގެ އިސްތިއުނާފީ މައްސަލަ އެވެ. އެ މައްސަލަ ފަށާ ޝަރީއަތް ތާވަލްކޮށްފައި ވަނީ މިއަދު 1:00 އަށެވެ.
ސުޕްރީމް ކޯޓުގައި ކުރިއަށްގެންދިޔަ މި މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ ޗިޓު ފޮނުވައިގެން އަލީ ވަހީދު ކޯޓަށް ހާޒިރު ނުވުމުން ދައުލަތުން ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލަ ކުރިއަށް ގެންދިއުމަށް ހުރަސް އެޅިފައިވާ ކަމަށެވެ.
ފަނޑިޔާރު ވިދާޅުވީ ވަކި މީހެއްގެ މައްޗަށް ޝަރީއަތް ނުހިންގޭނެ ކަމަށާއި ކޯޓުތަކުން ވަކިގޮތަކަށް ކަން ކުރަމުން އަންނަ ކަމުގެ އިހުސާސް ރައްޔިތުންގެ ހިތުގައި އުފެދިއްޖެނަމަ ކޯޓުތައް ހުރުމާމެދު ސުވާލު ކުރެވޭނެ ކަމަށެވެ. އެހެންކަމުން މިފަދަ ތަސައްވަރު އުފެދޭނަމަ އެކަމަށް އިޖާބަދީ ގާނޫނު އަސާސީ ދިފާއުކުރުމަށް ސުޕްރީމް ކޯޓުން ފިޔަވަޅު އަޅާނެ ކަމަށެވެ.
"އަލީ ވަހީދަށް ސުޕްރީމް ކޯޓުގެ އަމުރު ލިބި އެ އަމުރަށް ކިޔަމަން ނުވާ ހާލަތުގަ އެކަމާ މެދު ފިޔަވަޅު ނާޅާ ދޫކޮށްލުމަކީ ދިވެހިރާއްޖޭގެ ކޯޓުތަކާމެދު ސުވާލު އުފެދި ކޯޓުތަކުގެ އިތުބާރު ގެއްލިގެންދާނެ ކަމެއް. އަލީ ވަހީދު ކޯޓަށް ހާޒިރުނުވުމުން ފިޔަވަޅެއް ނޭޅި، ކޯޓުތަކުން އެކަމާ މެދު ކަމެއް ނުކުރެވި، މައްސަލަތައް ނުހިންގި، އަލީ ވަހީދުގެ ކުރިމަތީގައި ކޯޓުތައް އަމާން ދީ ކުޑަކަކޫ ޖަހާތަން ރައްޔިތުންނަށް ފެނުމަކީ ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމް ކިލަނބުވެ ކޯޓުތަކުގެ ގާނޫނުގެ ވެރިކަން ނުހިންގޭ ކަމުގެ ތަސައްވަރު އުފެދޭ ކަމެއް،" ފަނޑިޔާރު ވިދާޅުވި އެވެ.
އެހެންކަމުން އަލީ ވަހީދުގެ އަލީ ވަހީދު ކޯޓަށް ހާޒިރުވާން ފޮނުވި އަމުރު އޭނާއަށް ރައްދުވެފައި ވާތީ އާއި ކޯޓުގެ ހުރުމަތް ކެނޑުމުން އޭނާގެ މައްޗަށް ފިޔަވަޅު އަޅަން ޖެހޭކަމުގައި ދެކިވަޑައިގަންނަވާ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.
ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔަށް ފަނޑިޔާރު އަލީ ރަޝީދު އަދި ފަނޑިޔާރު މުހައްމަދު އިބްރާހީމް ވަނީ ތާއީދު ކުރައްވާފަ އެވެ.
އެހެންކަމުން ދެ މަހާ 12 ދުވަހަށް ޖަލަށް ލުމަށް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. މި މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނެ ދުވަހެއް ފަހުން އިއުލާނު ކުރާނެ ކަމަށް ވެސް ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ މިއަދުގެ އަޑުއެހުމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވެސް ވަނީ ދައުލަތުގެ ފަރާތުން ވަޑައިގެންފަ އެވެ.
ދައުލަތުން އަލީ ވަހީދާ ދެކޮޅަށް އުފުލާފައިވާ ޖިންސީ ގޯނާ އާއި ރޭޕްގެ ދައުވާތަކާއި ގުޅިގެން އަލީ ވަހީދުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި އޮންލައިން ކޮށް ކުރިއަށް ގެންދާތީ އެގޮތަށް ޝަރީއަތް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ ދައުލަތުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.
ނަމަވެސް ހައިކޯޓުން މައްސަލަ ބޭރުކޮށްލުމާ ގުޅިގެން ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން މިދިޔަ މަހުގެ 15 ވަނަ ދުވަހު އެ ކޯޓުން ވަނީ ދައުލަތުގެ އިސްތިއުނާފް އަޑުއެހުމަށް އަލީ ވަހީދު ރާއްޖެ ވަޑައިގަތުމަށް އަންގާ އޭނާ އަށް ޗިޓް ފޮނުވާފަ އެވެ. އެކަމަކު އަލީ ވަހީދު އަދި ރާއްޖެ ވަޑައިގެންފައެއް ނުވެ އެވެ.
މައްސަލައިގެ އަޑުއެހުން އެންމެ ފުރަތަމަ ތާވަލްކުރީ މިމަހުގެ ދެވަނަ ދުވަހު ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދާ ގޮތަށެވެ. ނަމަވެސް އެ އަޑުއެހުން ވަނީ މިއަދަށް ފަސްކޮށްފަ އެވެ. މިއަދު ވެސް ކޯޓަށް ހާޒިރުވެފައި ނުވާތީ ސުޕްރީމް ކޯޓުން ވަނީ އޭނާގެ މައްޗަށް ފިޔަވަޅު އަޅާފަ އެވެ.
މިވަގުތު ރާއްޖޭން ބޭރުގައި ހުންނެވި އަލީ ވަހީދުގެ ޝަރީއަތް އޮންލައިން ކޮށް ކުރިއަށް ގެންދަން ދައުލަތުން ދެކޮޅު ހަދާފައިވަނީ ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ހުރެގެން ޝަރީއަތް ކުރުމުގެ ފުރުސަތު ނުދެވޭނެ ކަމަށް ބުނެ އެވެ.
އަލީ ވަހީދު ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ވަޑައިގެންނެވީ ކްރިމިނަލް ކޯޓުން އޭނާގެ ޕާސްޕޯޓް ދޫކޮށް، ފުރަން ހުއްދަ ދިނުމާ ގުޅިގެންނެވެ.