ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ސުޕްރީމް ކޯޓަށް ހާޒިރުވުމަށް އަންގާ އެ ކޯޓުން އޭނާއަށް ޗިޓް ފޮނުވި މައްސަލައިގެ ޝަރީއަތް މާދަމާއަށް ތާވަލްކޮށްފި އެވެ.
ސުޕްރީމް ކޯޓުގައި މާދަމާއަށް ތާވަލްކޮށްފައި ވަނީ އަލީގެ ޝަރީއަތް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމުގެ އިސްތިއުނާފީ މައްސަލަ އެވެ. އެ މައްސަލަ ފަށާ ޝަރީއަތް ތާވަލްކޮށްފައި ވަނީ މާދަމާ 1:00 އަށެވެ.
ދައުލަތުން އަލީ ވަހީދާ ދެކޮޅަށް އުފުލާފައިވާ ޖިންސީ ގޯނާ އާއި ރޭޕްގެ ދައުވާތަކާއި ގުޅިގެން އަލީ ވަހީދުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި އޮންލައިން ކޮށް ކުރިއަށް ގެންދާތީ އެގޮތަށް ޝަރީއަތް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ ދައުލަތުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.
ނަމަވެސް ހައިކޯޓުން މައްސަލަ ބޭރުކޮށްލުމާ ގުޅިގެން ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން މިދިޔަ މަހުގެ 15 ވަނަ ދުވަހު އެ ކޯޓުން ވަނީ ދައުލަތުގެ އިސްތިއުނާފް އަޑުއެހުމަށް އަލީ ވަހީދު ރާއްޖެ ވަޑައިގަތުމަށް އަންގާ އޭނާ އަށް ޗިޓް ފޮނުވާފަ އެވެ. އެކަމަކު އަލީ ވަހީދު އަދި ރާއްޖެ ވަޑައިގެންފައެއް ނުވެ އެވެ.
މައްސަލައިގެ އަޑުއެހުން އެންމެ ފުރަތަމަ ތާވަލްކުރީ މިމަހުގެ ދެވަނަ ދުވަހު ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދާ ގޮތަށެވެ. ނަމަވެސް އެ އަޑުއެހުން ވަނީ މާދަމާ އަށް ފަސްކޮށްފަ އެވެ.
މިވަގުތު ރާއްޖޭން ބޭރުގައި ހުންނެވި އަލީ ވަހީދުގެ ޝަރީއަތް އޮންލައިން ކޮށް ކުރިއަށް ގެންދަން ދައުލަތުން ދެކޮޅު ހަދާފައިވަނީ ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ހުރެގެން ޝަރީއަތް ކުރުމުގެ ފުރުސަތު ނުދެވޭނެ ކަމަށް ބުނެ އެވެ.
އަލީ ވަހީދު ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ވަޑައިގެންނެވީ ކްރިމިނަލް ކޯޓުން އޭނާގެ ޕާސްޕޯޓް ދޫކޮށް، ފުރަން ހުއްދަ ދިނުމާ ގުޅިގެންނެވެ.
އަލީ ވަހީދު ފުރީ އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ކަން ޔަގީންކޮށްދެއްވުމުގެ ގޮތުން ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ (އަޑުބަރޭ) އެ މައްސަލަ އަށް ޖާމިނު ކުރުމަށްފަހު އެވެ.