އަލީ ވަހީދު

އަލީ ވަހީދުގެ ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ކޯޓުން ނަގައިފި

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލި ޖިންސީ ގޯނާއާ ގުޅޭ ދައުވާތައް ކުރިއަށް ނުގެންދިއުމަށް ނިންމައިފި އެވެ.

އަލީ ވަހީދުގެ މައްސަލަތައް ކުރިއަަށް ނުގެންދަން ނިންމީ އެ މައްސަަލަތައް ސާބިތުކުރަން ކުރަން ހުށަހަޅާފައިވާ ހެކިތަކުން އެ މައްސަލަތައް މިހާރު ސާބިތުވާނެ ކަމަށް ޕީޖީއަށް ގަބޫލުނުކުރެއްވޭތީ އެވެ.

ދައުލަތުން މިމައްސަލަތައް އަނބުރާ ގެންދިޔައީ މިމަހުގެ ހަވަނަ ދުވަހު އެވެ.

އަލީ ވަހީދަށް އުފުލާފައިވާ ދައުވާތައް

  • ޖިންސީ އަނިޔާކުރުމުގެ ކުށުގެ ދައުވާ
  • ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ
  • ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަ ކުރުމުގެ ކުށުގެ ދައުވާ
  • ޖިންސީ ގޯނާ ކުރުމުގެ ކުށުގެ ދައުވާ
  • ޖިންސީ ގޯނާ ކުރަން އުޅުމުގެ ކުށުގެ ދައުވާ
  • ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ދެ ދައުވާ

އަލީ ވަހީދުގެ މައްސަލަތައް ކުރިއަށް ނުގެންދަން ޕީޖީ ނިންމެވީ އޭނާގެ މައްޗަށް ދައުވާކޮށްފައި ވަނިކޮށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވި ގޮތަށް އަނބުރާ ވަޑައިނުގަތުމުން ކޯޓުން އެ މައްސަލަތައް ސެޕްޓެމްބަރު 22، 2022 ގައި އަނބުރާ ޕީޖީ އޮފީހަށް ފޮނުވާލުމުންނެވެ. ކޯޓުން މައްސަލަތައް ފޮނުވާލުމާއެކު ޕީޖީ އޮފީހުން ވަނީ އަލީ ވަހީދު ރާއްޖެ ވަޑައިގަތުމުން އެ މައްސަލަތައް އަލުން ކޯޓަށް ހުށަހެޅުމަށް ކަމަށް ބުނެ މައްސަލަ އޮކްޓޫބަރު 2، 2022 ގައި ޕޮލިހަށް ފޮނުވާލާފަ އެވެ.

ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ފުލުހުންނާ ހަވާލާދީ ބުނެފައިވަނީ އަލީ ވަހީދާ ދެކޮޅަށް ކުރިން ތަހުގީގަށް ބަޔާން ދިން މީހުންނާއި އޭނާއާ ދެކޮޅަށް ހެކިބަސް ދޭން ތިބި މީހުން އެ މައްސަލަތައް ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށް ފުލުހުންނަށް ލިޔުމުން އަންގާފައިވާ ކަމަށެވެ. އެހެންވެ އަލީ ވަހީދުގެ މައްސަލަތައް ކުރިއަށް ނުގެންދަން ނިންމީ އެ މައްސަލަތައް އަލުން މުރަޖައާކުރުމަށްފަހު ކަމަށްވެސް ބަޔާނުގައިވެ އެވެ. އަލީ ވަހީދުގެ މައްސަލަތަކުގައި މައިގަނޑު ހެއްކަކީ އަނިޔާ ލިބުނު މީހުންނާއި ހެކިންގެ ހެކި ބަސް ކަމަށާއި އެ ހެކި ބަހާ ނުލައި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.

އަލީ ވަހީދުގެ މައްޗަށް ދައުވާކޮށްފައި ވަނިކޮށް ކޯޓުގެ ހުއްދަ ލިބިގެން ރާއްޖެއިން ބޭރަށް ވަޑައިގަތުމަށްފަހު އެނބުރި ވަޑައިނުގަތުމުން ފުލުހުން ވަނީ އިންޓަޕޯލް ރެޑް ނޯޓިސް ނެރެގެންވެސް އަލީ ވަހީދު ރާއްޖެ ގެނައުމަށް މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ފުލުހުންނަށް އެ މައްސަލަ ކާމިޔާބު ކުރެވޭ ގޮތެއް ނުވި އެވެ.

އަލީ ވަހީދުގެ ޝަރީއަތުގެ އަޑުއެހުންތައް އޮންލައިންކޮށް ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން ކުރިން ނިންމި މައްސަލައިގެ އަޑުއެހުމަކަށް މީގެކުރިން ސުޕްރީމް ކޯޓަށް އަލީ ވަހީދު ހާޒިރުވާން ވެސް ކޯޓުން އެންގި އެވެ. ނަމަވެސް ޗިޓު ފޮނުވައިގެން އަލީ ވަހީދު ކޯޓަށް ހާޒިރު ނުވުމުން ދައުލަތުން ހުށަހަޅާފައިވާ އިސްތިއުނާފީ އެ މައްސަލަ ކުރިއަށް ގެންދިއުމަށް ހުރަސް އެޅި ކޯޓުގެ ހުރުމަތް ކެނޑުމުން އޭނާގެ މައްޗަށް ވަނީ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. އެ ހުކުމް އިއްވާފައިވަނީ އޮގަސްޓް 11، 2021 ގައެވެ. ސުޕްރީމް ކޯޓުގެ ހުކުމް އަދިވެސް އެބައޮތެވެ.