މިއީ ށ. މިލަންދޫގައި ހިނގައިދިޔަ ހާދިސާއެކެވެ. ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މި ހާދިސާގައި ކުށްވެރިޔާ މިހާރު ވަނީ ޖަލުގައެވެ. މިދިޔަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ވަނީ އެމީހާއަށް އެ ރަށު މެޖިސްޓްރޭޓް ކޯޓުން އިއްވާފައި އޮތް 10 އަހަރުގެ ހުކުމް ދަމަހައްޓާފައެވެ. ހުކުމް ދަމަހައްޓަން މެދުވެރި އެންމެ ބޮޑު ސަބަބަކީ މިކަމުގައި ފުލުހުންގެ ތަހުގީގުގައި ހޯދާފައި އޮތް ވަރުގަދަ ހެއްކެވެ.
އުމުރުން 12 އަހަރުގެ ކުއްޖާ އިނީ، އެ ކުއްޖާގެ ގޭގެ ސިޓިންރޫމްގައި ޓީވީ ބަލާށެވެ. އެތަނަށް ކުށްވެރިޔާ އައިސް، އެތަނުން ތެދުވަން އަންގައި އަތުގައި ހިފައި ކޮޓަރިއަށް ވެއްދިއެވެ. އަދި އެ ކުއްޖާ ލައިގެންހުރި އެއްޗެހި ބާލުވައި ކުއްޖާއަށް ޖިންސީ ގޯނާކުރިއެވެ. އެ ކޮޓަރި ތެރެެއިން އެމީހާ އަވަަސް އަވަހަށް ނުކުތީ ކުއްޖާގެ މަންމަ އަންނަ އަޑު އިވުމުންނެވެ. ކުއްޖާގެ މަންމަ ގާތު އޭނާ ބުނީ ކޮޕީ ފަތްކޮޅެއް ބަލައި އަައި ކަމަށެވެ. ކުއްޖާ ކޮޓަރިން ނުކުމެ ވަގުތުން ފާހަނާއަށް ވަނެވެ.
ޝައްކުތަކެއްވަތީ ކުއްޖާގެ މަންމަ، ބެލިބެލުމުން ކުއްޖާއަށް ޖިންސީ ގޯނާކުރި އެނގުނެވެ. އެ ކުއްޖާ އެ ވާހަކަ ކިޔައިދިނެވެ. އެކަން ވަގުތުން ފުލުހުންނަށް ރިޕޯޓްކުރި އެވެ. އެ ހާދިސާ ހިނގިތާ 35 ވަރަކަށް މިނެޓްގެ ތެރޭގައި ކުށްވެރިޔާ ފުލުހަށް ހާޒިރުކުރިއެވެ. އޭނާ ބަލާ ފާސްކުރުމުގެ ތެރޭގައި ކަނާއަތުގެ މެދުއިނގިލީގެ ނިޔަފަތިގަނޑު ކައިރިން ލޭ ފެނުނެވެ. އެހެންވެ އެ ޓެސްޓް ކުރުމަށް އޭނާގެ ނިޔަފަތިގަނޑު ދަށުން ފުލުހުން ސްވޮބްއެއް ނެގިއެވެ. ދެން އަނިޔާ ލިބުނު ކުއްޖާގެ ބަކަލް ސްވޮބް އާއި ވެޖައިނަލް ސްވޮބް ނެގިއެވެ. ދެން ބެލީ އެމީހާގެ ނިޔަފަތިގަނޑު ދަށުން ނެގި ސްވޮބްއާ ޑީއެންއޭއާ ދިމާވޭތޯއެވެ. ތަހުލީލުން ކުއްޖާގެ ޑީއެންއޭ ޕްރޮފައިލް އާއި ނިޔަފަތިގަނޑުން ނެގި ސްވޮބްއިން ލިބިފައިވާ ޑީއެންއޭ ޕްރޮފައިލްއާ ދިމާވިއެވެ.
މި މައްސަލާގައި ކުއްޖާ ކިޔައިދީފައިވާ ކިޔައިދިނުމާއި އެ ކުއްޖާގެ މެޑިކަލް ރިޕޯޓަކީ ވެސް މުހިންމު ހެއްކެވެ. ނަމަވެސް ކުށްވެރިޔާއަށް ކުށުން ސަލާމަތްވާން ހަނި ފުރުސަތެއް ވެސް ނުލިބުނު ވަރުގަދަ ހެއްކެއްގެ ގޮތުގައި އޮތީ ފުލުހުން އަވަހަށް ނެގި ސާމްޕަލްގެ ނަތީޖާއެވެ. އަދި އެ ހެކި ހޯދުމުގައި ފުލުހުން އަމަލުކޮށްފައިވަނީ ވެސް އިޖުރާއަތްތަކާ އެއްގޮތަށެވެ. އެހެންކަމުން އެއީ ގާނޫނު އަސާސީއާ ހިލާފަށް ހޯދި ހެއްކެއް ކަމަށް ބުނެ ކުށްވެރިޔާ ހައިކޯޓުގައި މައްސަލަ އިސްތިއުނާފުކޮށް އެކަން ސާތިބުކުރުމަށް މަސައްކަތް ކުރުމުން ވެސް ކާމިޔާބުވެފައެއް ނުވެއެވެ.
މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން ރިޔާސަތު ބެލެހެއްޓެވި ބެންޗަކުން އިއްވާފައިވާ ހުކުމްގައި ބުނެފައިވަނީ، ކުށްވެރިޔާގެ ނިޔަފަތިގަނޑު ދަށުން ލިބުނު ޑީއެންއޭ ޕްރޮފައިލްއާ އަނިޔާ ލިބުނު ކުއްޖާގެ ޑީއެންއޭ ޕްރޮފައިލް ދިމާވެފައިވާކަން ތަހުލީލު ރިޕޯޓުން އެނގެން އޮތަތީ، ކުއްޖާ ކިޔައިދޭ ހާދިސާ ހިނގިކަން ގަބޫލު ކުރެވޭ ކަމަށެވެ.
ޑީއެންއޭ ތަހުލީލު ރިޕޯޓް ސައްހަ ނޫން ކަމަށް ސާބިތުކުރުމަށް ކުށްވެރިޔާ ސުޕްރީމް ކޯޓުގައި ވެސް މަސައްކަތްކުރިއެވެ. އެއީ އޭނާގެ ނުރުހުމުގައި ކޯޓު އަމުރެއް ނެތި ނަގާފައިވާ ސާމްޕަލެއް ކަމަށް ބުނަމުންނެވެ. މި މައްސަލާގައި ފުލުހުން ކޯޓު އަމުރެއް ހޯދާފައެއް ނުވެއެވެ. ސާމްޕަލް ނަގާފައިވަނީ ފުލުހުންނަށް ލިބިދީފައިވާ އެންމެހައި ގާނޫނީ ބާރުތަކާއި އިހްތިޔާރުގެ ބޭނުން ހިފުމާއި ބެހޭ ގަވައިދުގެ ދަށުންނެވެ.
ސުޕްރީމް ކޯޓުގެ ހުކުމްގައި ބުނީ، ދަށު ކޯޓުގައި އޭނާ ސާމްޕަލް ސައްހަނޫންކަމާމެދު ސުވާލު އުފައްދާފައިނުވާ ކަމަށެވެ. އަދި ސާމްޕަލް ނަގާފައިވަނީ އޭނާގެ ނުރުހުމުގައިކަން އެނގޭނެ އެއްވެސް ސަބަބެއް ދެއްކިފައިނުވާ ކަމަށެވެ. ފުލުހުންގެ ގަވައިދުގައިވާ ގޮތުން ކުޑަކަމުދާތަކެތި ފިޔަވައި އެހެން ސާމްޕަލެއް ހަށިގަނޑުން ނަގާނަމަ ކޯޓު އަމުރެއް އޮންނަން ޖެހޭނީ އެމީހަކު އެފަދަ އަމުރަކަށް އިންކާރުކުރާ ހާލަތުގައެވެ. އެހެންކަމުން މި މައްސަލާގައި ކޯޓު އަމުރެއް ނެތް ނަމަވެސް ފުލުހުން ސާމްޕަލް ނަގާފައިވަނީ ގޯސްކޮށް ނޫން ކަމަށް ހުކުމްގައިވެއެވެ.
މި މައްސަލާގައި އަނިޔާ ލިބުނު ކުއްޖާ ހެލްތް ސެންޓަރަށް ގެންގޮސް ޑޮކްޓަރަށް ދައްކާފައިވަނީ ހާދިސާ ހިނގިތާ އެއްގަޑި ދިހަ މިނެޓެއް ހާއިރު ތެރޭގައެވެ. އެ ރިޕޯޓްގައި ކުއްޖާއަށް ލިބިފައިވާ އަނިޔާތައް ތަފްސީލްކޮށް ލިޔެފައިވެއެވެ. އެ ރިޕޯޓަކީ ވެސް ސައްހަ ރިޕޯޓެއް ކަމަށް ޝަރީއަތުން ބަލަން ޖެހޭ ކަމަށް ވަނީ ކަނޑައަޅާފައެވެ. އެ ހެއްކަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލު ކުރުމުގެ ގާނޫނުގައި ބުނާ ހެކިތަކުގެ ތެރޭގައި ގަބޫލު ކުރެވޭނެ ހެއްކެއް ކަމަށް ކަނޑައެޅިއެވެ.
އެހެންކަމުން މި މައްސަލައިން ވެސް ސާފުވެގެން ގޮސްފައިވަނީ ކުށްވެރިންނަށް އަދަބު ދިނުމުގައި ފުލުހުންގެ ތަހުގީގު ނުހަނު މުހިންމު ކަމެވެ. މިފަދަ މައްސަލަތަކަގެ ހެއްކަކީ ހޯދަން އުނދަގޫ އަދި ނައްތާލުމަށް ފަސޭހަ ހެއްކަށްވާއިރު ތަހުގީގު އަވަސްކުރުމުގެ މުހިންމުކަން ވަރަށް ބޮޑެވެ. މި ވަގުތު އެންމެ ބޮޑު ބަހުސަކަށްވެފައިވަނީ ވެސް ހުޅުމާލޭ ފަޅު ތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލާގައި ފުލުހުން ކުރަމުންދާ ތަހުގީގަށެވެ.
އެ އަންހެން މީހާ އެކަން ރިޕޯޓްކުރުމުން ތުހުމަތުވާ ދެ މީހުން ހައްޔަރުކޮށްފައިވަނީ ކުށުގެ ވެށިން ކަމަށް ފުލުހުން ބުނެފައިވެއެވެ. ނަމަވެސް އެމީހުން ހައްޔަރުކޮށްފައި ބަހައްޓަންޖެހޭ ސަބަބެއް ނެތް ކަމަށް ފުލުހުން ނިންމައި ވަނީ ދޫކޮށްލާފައެވެ.