މީގެ ހަ އަހަރު ކުރިން ރިސޯޓެއްގައި ބޭރު އަންހެނަކު ރޭޕްކުރި މީހަކު ޖަލަށް ލާން ހައިކޯޓުން ކުރި ހުކުމް ދަމަހައްޓައި، ރޭޕްގެ މައްސަލަތައް ސާބިތުކުރުމާ ގުޅޭ މުހިންމު އުސޫލުތަކެއް ސުޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ.
މި މައްސަލައަކީ ފެބްރުއަރީ 15، 2015 ގައި ޖުމައިރާ ދެވަނަފުށި މޯލްޑިވްސް ރިސޯޓުގައި ރާއްޖެ އިޝްތިހާރުކުރަމުން ދިޔަ ކޮރެއާ އަންހެނެއް ރޭޕްކުރި މައްސަލަ އެކެވެ. އެ ހާދިސާ ހިންގާފައި ވަނީ އަންހެން މީހާ ނިދާފައި އޮއްވައި އެރޭގެ ދަންވަރުގެ ވަގުތެއްގައި އޭނާ ދިރިއުޅެމުން އައި ކޮޓެރީގަ އެވެ.
އަންހެން މީހާގެ ބަޔާނުގައި ބުނެފައިވަނީ އަނދިރީގައި އޭނާ އެކި ފަހަރު މަތިން ތިން މީހަކު ރޭޕްކުރި ކަމަށެވެ. ރޭޕްކުރުމަށްފަހު އަތް ބަނދެ ފާހާނާއަށް ވައްދައި ކުރިމަތި ފަރާތް ދޮވުމަށް ވެސް އެންގި ކަމަށް ބުނެފައިވެ އެވެ. އަދި އެ ހާދިސާ އެއްވެސް މީހެއްގެ ކައިރީ ބުނެފިނަމަ މަރާލާނެ ކަމަށް އެމީހުން އިންޒާރު ދިން ކަމަށާއި ޖެހިގެން އަންނަ ރޭ ވެސް އަންނާނެ ކަމަށް އެމީހުން ބުނި ކަމަށެވެ.
މި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައި ވަނީ ނ. މަނަދޫ ދިލްބަހާރުގެ، މުހައްމަދު ނިޔާޒު އާއި ބ. ގޮއިދޫ ފަތިސް، ޔާމީން ފައިސަލް އަދި ފ. މަގޫދޫ ފެހިވިލާ، އުމަރު ފައިސަލްގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުން ތިން މީހުންގެ މައްޗަށް މައްސަލަ ސާބިތުވާ މިންވަރަށް ހެކި ނެތް ކަމަށް ކަނޑައަޅައި މައްސަލަ ނިންމި އެވެ. އެކަމަކު ހައިކޯޓުން ވަނީ މުހައްމަދު ނިޔާޒުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި 15 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފަ އެވެ. ހައިކޯޓުން ވެސް ނިންމީ އަނެއް ދެ މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށެވެ.
މި މައްސަލައިގައި ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފައިވަނީ ނިޔާޒުގެ ފަރާތުން އެކޯޓުގައި މައްސަލަ އިސްތިއުނާފް ކުރުމުންނެވެ. ނިޔާޒު ކޯޓުގައި ބުނެފައިވަނީ މި މައްސަލައިގައި ތައްޔާރުކޮށްފައިވާ ޑީއެންއޭ ރިޕޯޓަކީ ގާނޫނާ ހިލާފަށް ހޯދާފައިވާ އެއްޗެއް ކަމަށެވެ. އެހެންކަމުން އެ ހެކި އޭނާއާ ދެކޮޅަށް ބޭނުންކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށްވާއިރު، އެ ރިޕޯޓަކީ މައުލޫއީ ގޮތުން ވެސް އެކަށީގެންވާ ޝައްކުތަކެއް ހުރި ރިޕޯޓަކަށްވީ ނަމަވެސް ހައިކޯޓުން އެކަމަށް ރިއާޔަތްކޮށްފައި ނުވާ ކަމަށެވެ.
އަންހެން މީހާގެ ހެކިބަހަށް ދޭ ބުރަދަން
ހުކުމުގައި ބުނެފައިވަނީ ޖިންސީ ކުށުގެ ޝިކާރައަކަށްވެ އަނިޔާ ލިބިފައިވާ އަންހެނާގެ ހެކި ބަހަކީ އެންމެ ބުރަދަން ހުރި ހެކި ކަމަށެވެ. އެކަން ކުރަނީ ގިނަފަހަރަށް ސިއްރިއްޔާތުގައި ކަމަށްވާތީ ހާދިސާ ހިނގާއިރު ކަންހިނގާ ދިޔަ ތަން މީހުންނަށް ނުފެންނާނެ ކަމަށެވެ.
އަނިޔާ ލިބިފައިވާ މީހުންގެ ހެކިބަހުގެ މައްޗަށް ބުރަވެ މިފަދަ މައްސަލަތަކުގައި މެޑިކަލް ނުވަތަ ސައިންޓިފިކް ހެކި ހުރެއްޖެނަމަ، ނޫނީ އެ ހެއްކަށް ބާރުދޭ އެހެން ހެކި ހުރެއްޖެނަމަ ރޭޕްގެ ކުށް ސާބިތުކުރަން ފުދޭ ކަމަށެވެ. ކީރިތި ރަސޫލާގެ ޒަމާނުގައި އަންހެނަކާ މެދު އަނދިރީގައި ބަދުއަހުލާގީ އަމަލު ހިންގި ހާދިސާއެއް ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔުގައިވަނީ ފާހަގަކުރައްވާފަ އެވެ. އެގޮތުން އެ އަމަލު ހިންގި މީހާ ރަޖަމުކުރަން ރަސޫލާ ހަދީޘް ކުރެއްވި ކަމަށް ހުކުމުގައި ބަޔާންކޮށްފައިވެ އެވެ.
"މި ހަދީޘްފުޅާ ގުޅޭ ގޮތުން އިލްވެރިން ވިދާޅުވެފައިވަނީ ކީރިތި ރަސޫލާގެ ހުކުމް ބިނާވެފައިވަނީ އެ ފިރިހެން މީހާގެ ހަނުހުރުމާއި، އެތަނުގައި ތިބި މީހުން އޭނާ ހައްޔަރުކުރުމުން ލިބުނު ގަރީނާ އަށާއި، އަނިޔާ ލިބުނު އަންހެނާގެ ހެކިބަހުގެ މައްޗަށް ބިނާކޮށް ކަމަށެވެ. މި ހާދިސާގައި ހެކިން ދެއްކުމަށް ކީރިތު ރަސޫލާ އެ އަންހެން މީހާއަށް އަންގަވާފައެއް ނުވެ އެވެ. އަދި އަންހެން މީހާގެ މައްޗަށް ގަޒްފުގެ އަދަބު ދެއްވައިފައެއް ވެސް ނުވެ އެވެ." ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔުގައި ވިދާޅުވި އެވެ.
މީގެ އިތުރުން އިސްލާމީ އުއްމަތުގެ ދެވަނަ ޚަލީފާ އުމަރުގެފާނުގެ ޒަމާނުގައި ނިދާފައި އޮތް އަންހެނަކު ރޭޕްކުރުމުން އެކަން ކުރީ ކާކުކަން ނޭނގޭ ކަމަށް އެ އަންހެން މީހާ ބުނި ހާދިސާވެސް ހުކުމުގައި ބަޔާންކޮށްފައިވެ އެވެ. އެއީ ކާކުކަން ނޭނގޭ ކަމަށް އަންހެން މީހާ ބުނުމުން އެކަން އުމަރުގެފާނު ގަބޫލުކުރެއްވި ކަމަށާއި، މި ހާދިސާއިން ވެސް އެނގެނީ ރޭޕްކުރި އަންހެން މީހާގެ ހެކިބަހަށް ދީނުގައި ބުރަދަން ދެވިފައި އޮތް މިންވަރު ކަމަށެވެ.
ޑީއެންއޭ ހެކި ބަލައިގަނެވޭނީ ގުޅުވާލެވޭ އެހެން ހެކި ހުރެގެން
ހުކުމުގައި ބުނެފައިވަނީ އަނިޔާ ލިބުނު އަންހެން މީހާ މި މައްސަލައިގެ ތަހުގީގުގައި އަދި ޝަރީއަތުގައި ވެސް ހާދިސާ ހިނގި ރޭ ބަޔަކު އޭނާ ރޭޕްކުރި ކަމަށް ބުނެފައިވާ ކަމަށެވެ. އަދި އަންހެން މީހާ ދެއްކި ވާހަކަތަކާއި މި މައްސަލައިގައި ލިބިފައި ހުރި އެހެން ހެކިތަކާ ވެސް ގުޅުވައިލެވޭ ކަމަށެވެ. އެގޮތުން އަނިޔާ ލިބުނު އަންހެން މީހާގެ ޖިންސީ ގުނަވަނުން ނިޔާޒުގެ ޑީއެންއޭ ފެނިފައިވާކަން ބަޔާންކޮށްފައިވެ އެވެ.
މެޑިކޯ ލީގަލް ރިޕޯޓް ތަކުން ދައްކާ ގޮތުގައި އަންހެން މީހާގެ ކުރިމަތި ފަރާތް ދުޅަވެފައިވާ ކަމަށާއި، ބަލާބެލުމަށް އެއީ ގަދަކަމުން ނުވަތަ އަނިޔާ ލިބޭ ގޮތަށް ކޮށްފައި ހުރި ކަމެއްގެ ސަބަބުން ދިމާވި ކަމެއް ކަމަށް އެނގޭ ކަމަށެވެ.
މީގެ އިތުރުން މި މައްސަލައިގައި ދައުވާ އުފުލި އަނެއް ދެ މީހުންގެ ޑީއެންއޭ ވެސް އެ ކޮޓަރީގެ އެކި ތަންތަނުން ވަނީ ފެނިފަ އެވެ. ހުކުމުގައި ބުނީ ނިޔާޒުގެ ސިމެން ފްލުއިޑް، އަނިޔާ ލިބުނު އަންހެން މީހާގެ ޖިންސީ ގުނަވަނުގައި ހުރި ގޮތް ނިޔާޒަށް މި މައްސަލައިގެ އެއްވެސް މަރުހަލާއެއްގައި ބުނެދެވިފައި ނުވާ ކަމަށެވެ.
ހުކުމުގައި ބަޔާންކޮށްފައިވަނީ ރޭޕްގެ ތުހުމަތު އުފެދިފައިވާ ހާލަތެއްގައި ޑީއެންއޭގެ މައްޗަށް އެކަނި ކުށް ސާބިތުކުރެވެން ނެތް ނަމަވެސް ގުޅުވައިލެވޭ އެހެން ހެކިތައް ހުރެއްޖެނަމަ ކުށް ސާބިތުކުރެވޭނެ ކަމަށެވެ. އެގޮތުން ކުށްކުރުމުގެ މަގުސަދެއް އޮތް ކަމަށް ދައްކައިދޭ ހެއްކާއި، ކުށްކުރުމަށް ފުރުސަތު ލިބިފައި އޮތް ކަމުގެ ހެއްކަށް ބުރަދަން ދެވޭނެ އެވެ. އަދި އަނިޔާ ލިބުނު މީހާގެ ރުހުން ނެތްކަން އެނގޭ ހެކި ހުރެއްޖެނަމަ ވެސް ކުށް ސާބިކުރުވޭނެ އެވެ.
ރިސޯޓުގެ ރޫމް ބޯއީއެއްގެ ވަޒީފާ އަދާކުރަމުން ދިޔަ އެ ފިރިހެން މީހާ މަސައްކަތަށް ފަރުވާ ކުޑަކަމުގެ ޝަކުވާ ތަނުގެ މެނޭޖްމެންޓަށް އަންހެން މީހާ ކުރި ކަމަށް އޭނާ ބުނެފައިވެ އެވެ. އެހެންކަމުން އެ ޝަކުވާ އެގޮތަށް ކޮށްފައި އޮތުމަކީ ކުށްކުރުމުގެ ނިޔަތް އޮތް ކަން ދޭހަކޮށްދޭ ވާގިޔާއެއް ކަމަށް ހުކުމުގައި ބަޔާންކޮށްފައިވެ އެވެ. އަދި ނިޔާޒު އަންހެން މީހާ އެރޭ ނިދި ކޮޓަރި ކައިރީ އުޅެފައިވާތީ، އެއީ ކުށްކުރަން ލިބުނު ފުރުސަތެއް ކަމަށް ބުނެފައިވެ އެވެ.
ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔަށް ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވަނީ ތާއީދުކުރައްވާފަ އެވެ.