ވ. އާރަށް ކުއްޔަށް ދިނުމުގައި ހިންގާފައިވާ ހިޔާނާތުގެ އަމަލުތަކާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ދައުވާތަކެއް ސާބިތުކުރުމަށް ހުށަހެޅި އާ ހެކިތައް ބަލައިނުގަތުމަށް ހައިކޯޓުން ނިންމުމާ ގުޅިގެން އެ ނިންމުން ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފި އެވެ.
ދައުލަތުން އާ ހެކިތަކެއް ހުށަހެޅީ އާރަށް ކުއްޔަށް ނެނގި ކުރީގެ މަޖިލިސް މެންބަރު ޔޫސުފް ނައީމު، ރައީސް ޔާމީނަށް ރިޝްވަތު ހުށަހެޅުމުން އެއީ ބޭރު ފައިސާ ގަނެވިއްކުމާ ގުޅޭ ގޮތުން ކުރެވިފައިވާ މުއާމަލާތެއް ކަމަށް ޔާމީންގެ ދިފާއީ ވަކީލުން ވިދާޅުވެފައިވާތީ އެ ދިފާއު ނަފީކުރުމަށެވެ.
ދައުލަތުން ކްރިމިނަލް ކޯޓަށް ހުށަހެޅި އާ ހެކިތައް އެ ކޯޓުން ފުރަތަމަ ބަލައިގަތެވެ. ނަމަވެސް ކްރިމިނަލް ކޯޓުގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފްކޮށް ޔާމީންގެ ގާނޫނީ ވަކީލުން ވަނީ ދައުލަތުން ހުށަހެޅި އާ ހެކިތައް ޝަރީއަތަށް ބަލައިނުގަނެވޭނެ ކަމަށް ބުނެ މައްސަލައެއް ނަގާފަ އެވެ. ހައިކޯޓުން އަލުން ޔާމީންގެ މައްސަލަ ދަށު ކޯޓުގައި ބަލަން ހުކުމްކުރި އިރު ދައުލަތުން ހުށަހެޅި އާ ހެކިތައް ބަލައިނުގަތުމަށް އޮތީ ނިންމާފަ އެވެ. އެކަމަކު ދައުލަތުން ބުނާ ގޮތުގައި އާ ހެކިތައް ބަލައިނުގަތުމަށް ހައިކޯޓުން ނިންމުމަކީ ސުޕްރީމް ކޯޓުގެ ބައެއް ނިންމުންތަކާ ފުށު އަރާ ކަމެކެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތެރެއިން ވ. އާރަށް ކުއްޔަށް ދީގެން ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ޔާމީން 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ ޑިސެމްބަރު 25، 2022 ގަ އެވެ. ހައިކޯޓުގައި ދަށު ކޯޓުގެ ހުކުމް އިސްތިއުނާފް ކުރުމުން ހައިކޯޓުން ދަށު ކޯޓުގެ ހުކުމް ބާތިލްކޮށް ރައީސް ޔާމީން މިނިވަންކުރީ އޭޕްރީލް 18، 2024 ގައެވެ.
ރ. ފުއްގިރި ކުއްޔަށް ދިނުމުގައި ހިޔާނާތް ހިންގި ކަމަށް ތުހުމަކޮށް ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތާއި މަނީ ލޯންޑަރިންގެ އިތުރު ދައުވާއެއްވެސް ކްރިމިނަލް ކޯޓުގައި އެބައޮތެވެ. ނަމަވެސް އެ މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ނުދާތާ ދުވަސްކޮޅެއްވެއްޖެ އެވެ.