ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

ސައްމާހް ބަންދު ނުކުރުމުން ދައުލަތުން ސުޕްރީމް ކޯޓަށް

މާފަންނު އައިޓަމްސް ފިހާރަ ކައިރީގައި ވ. ކެޔޮދޫ، ދޭލިޔާގޭ، މޫސާ އަހްމަދު (19 އ) އަށް ވަޅިން ހަމަލާދީ މަރާލި ކަމަށް ތުހުމަތު ކުރެވޭ ސައްމާހު އަހްމަދު ފަތުހީ ބަންދުކުރެވެން ނެތް ކަމަށް ހައިކޯޓުން ދެވަނަ ފަހަރަށް ނިންމުމުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމަށް ދައުލަތުން ނިންމައިފި އެވެ.

ދައުލަތުން މައްސަލަ އިސްތިއުނާފް ކުރަން ނިންމި ނަމަވެސް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅި ކަމެއް އަދި އެނގިފައެއް ނުވެ އެވެ.

ސައްމާހް ބަންދު ކުރަން ހައިކޯޓުން މިދިޔަ މެއި 29 ވަނަ ދުވަހު ދެވަނަ ފަހަރަށް ދެކޮޅު ހެދިއިރު، ސައްމާހު ބަންދު ނުކުރަން ހައިކޯޓުން އެންމެ ފުރަތަމަ ނިންމި ނިންމުން ސުޕްރީމް ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ.

ސައްމާހުއާ ގުޅޭގޮތުން ހައިކޯޓުން ފުރަތަމަ ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށް އެ ނިންމުން އަލުން މުރާޖައާކުރަން ހައިކޯޓަށް އެންގީ މި ދިޔަ އޭޕްރީލް މަހު އެވެ. އެ ނިންމުމުގައި ސުޕްރީމް ކޯޓުން ހައިކޯޓަށް އަމުރުކޮށްފައިވަނީ އެ ކޯޓުން އެ މައްސަލައިގައި ރިއާޔަތް ކުރި ކަންކަމުގެ އަލީގައި ހައިކޯޓުން އަލުން ގޮތެއް ކަނޑައެޅުމަށެވެ.

ސުޕްރީމް ކޯޓުން ކުރި އަމުރާ އެކު ސައްމާހް ބަންދުކޮށް، ބަންދާ މެދު އޭރު ނިންމި ނިންމުން އަލުން ބަލަން ހައިކޯޓަށް އެންގި މުއްދަތާ ގުޅޭ އަމުރާ ގުޅޭ ގޮތުންވެސް އެކިއެކި ގޮތްގޮތަށް ވާހަކަ ދެކެވުނެވެ. އެހެން އެކަން ވުމަށްފަހު، ހައިކޯޓުން މިދިޔަ މެއި 29 ވަނަ ދުވަހު އަނެއްކާވެސް ނިންމީ ސައްމާހު ބަންދުކުރަން ނުފެންނަ ކަމަށެވެ. ހައިކޯޓުން މިގޮތަށް ދެވަނަ ފަހަރު އެކަމަކު ނިންމީ މައްސަލަ ބެލި ފަނޑިޔާރުންގެ އަގުލަބިއްޔަތުންނެވެ.

ސައްމާހް ބަންދު ކުރަން ނުފެންނަ ކަމަށް ކުރިން ރައުޔު ދެއްވި ފަނޑިޔާރު ފާތިމަތު ފަރުހީޒާ ވަނީ ސުޕްރީމް ކޯޓުގެ ނިންމުމާއެކު، އެ ފަނޑިޔާރު ކުރިން ދެއްވި ރައުޔު ބަދަލުކޮށް ސައްމާހް ބަންދުކުރަން ޖެހޭ ކަމަށް މިދިޔަ މެއި 29 ވަނަ ދުވަހު ނިންމަވާފަ އެވެ. އެހެންނަމަވެސް މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ދެން ތިއްބެވި ދެ ފަނޑިޔާރުންނަށް ފެނުނީ ކުރިއެކޭވެސް އެއްގޮތަށް ސައްމާހް ބަންދު ކުރަން ޖެހޭ ހާލަތެއް ނެތް ކަމަށެވެ. އެއީ ފަނޑިޔާރު މުހައްމަދު ފައިސަލް އަދި ފަނޑިޔާރު އަބްދުލް މާނިއު ހުސައިން އެވެ.

މޫސަގެ މަރުގެ މައްސަލައިގައި އިތުރު ތިން މީހެއްގެ މައްޗަށްވެސް ދައުލަތުން ދައުވާކޮށް ކްރިމިނަލް ކޯޓުން މިދިޔަ އޭޕްރީލް މަހު ހުކުމް ކުރި އެވެ. މީގެތެރެއިން ކުށް ސާބިތުވީ ސ. ހިތަދޫ, މުޑުދާސްގެ، އަލީ ހަސަންގެ މައްޗަށް އެކަންޏެވެ. އޭނާ 15 އަހަރު ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ.