ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

ޕީޖީ އޮފީހުން ފަނޑިޔާރުންނަށް ބިރުދައްކާ ކަމުގެ ތުހުމަތު

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ފަނޑިޔާރުންނަށް ބިރު ދައްކައި، ފަނޑިޔާރުންގެ މަސައްކަތާ ބެހި ހަދާ ކަމަށް މަޝްހޫރު ލޯޔަރު އާދަމް އާސިފް ތުހުމަތު ކުރައްވައިފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ފަނޑިޔާރުންނަށް ބިރު ދައްކައި، ފަނޑިޔާރުންގެ މަސައްކަތާ ބެހި ހަދާކަމަށް ލޯޔަރު އާސިފް ތުހުމަތު ކުރައްވާފައިވަނީ މިހާރު ފެންމަތިވެގެން އުޅޭ، ސުޕްރީމް ކޯޓުގެ ހުކުމަށް ހައިކޯޓުން ތަބާނުވެ، މަރުގެ މައްސަލައެއްގައި ހިމެނޭ މީހަކު ދޫވި ކަމަށް ބުނާ ހާދިސާއާ ގުޅިގެން ނެރެފައިވާ ނޫސް ބަޔާނެއްގައެވެ.

ދޫވެގެން އުޅޭ ކަމަށް ބުނާ އިބްރާހިމް ސައްމާހު އަހްމަދު ފަތުހީގެ ގާނޫނީ ވަކީލަކީ އާސިފް އެވެ.

އާސިފް ނެރުއވި ބަޔާނުގައި ވިދާޅުވީ ޕީޖީ އޮފީހުން ހަގީގަތް އޮޅޭ ގޮތަށް ނޫސްތަކަށް މައުލޫމާތުދީ، ހިންގަމުންގެންދާ އަމަލުތަކަކީ ފަނޑިޔާރުންގެ މަސައްކަތާ ބެހި، ފަނޑިޔާރުންނަށް ބިރު ދެއްކުމުގެ އަމަލެއް ކަމަށް ދެކޭ ކަމަށެވެ. އަދި އެފަދަ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް އެފަދަ ކަންކަން ނުކުރުމަށް އާސިފް ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ގޮވާލާފަ އެވެ.

އިބްރާހިމް ސައްމާހު އަހްމަދު ފަތުހީއަކީ މިއީ މީގެ ހަތް އަހަރު ކުރިން މާފަންނު އައިޓަމްސް ފިހާރަ ކައިރީ ވ. ކެޔޮދޫ، ދޭލިޔާގޭ 19 އަހަރުގެ މޫސާ އަހްމަދު ކިޔާ ޒުވާނަކަށް ވަޅިން ހަމަލާދީ މަރާލި ކަމަށް ތުހުމަތު ކުރެވޭ މީހާ އެވެ.

ސައްމާހު ބަންދުކުރަން ސުޕްރީމް ކޯޓުން އަމުރު ކުރި މުއްދަތު ހަމަވިއިރުވެސް ހައިކޯޓުން ސުޕްރީމް ކޯޓުގެ އަމުރާ އެއްގޮތަށް އެކަމުގައި ގޮތެއް ނިންމާފައި ނުވުމުން ސައްމާހް މިނިވަން ވެފައިވާކަން ޕީޖީ އޮފީހުންވެސް ކަށަވަރު ކޮށްދިނެވެ. އެކަމަކު އާސިފް ވިދާޅުވީ ސައްމާހު ބަންދު ކުރަންވީ ވަކި މުއްދަތަކަށް ކަމެއް ސުޕްރީމް ކޯޓުގެ އަމުރުގައި ބަޔާންކޮށްފައި ނުވާ ކަމަށެވެ.

"7 ދުވަސް ތެރޭ ނުވަތަ ވަކި މުއްދަތެއްގެ ތެރޭގައި ސައްމާހް ދޫކޮށްލުމަށް އެ އަމުރުގައި ބަޔާންކޮށްފައެއް ނެތެވެ. ކަން މިހެން އޮއްވާ ސައްމާހް ބަންދުން ދޫކޮށްނުލަނީސް ސައްމާހް ބަންދުން ދޫކޮށްލީ ކަމަށް ހުކުރު ވިލޭރޭ އިރާކޮޅު އަދަދު ނޫހުގައި ޖަހުވައި އަދި މިހާރު ނޫހަށްވެސް މި މައްސަލައިގެ ހަގީގަތް އޮޅޭ ގޮތަށް މައުލޫމާތު ދީގެން އުޅެނީ ޕީޖީ އޮފީހުގެ ފަރާތުން ސައްމާހް ދެކޭތީ، އެފަދަ ކަންކަން ވަގުތުން ހުއްޓާލުމަށް ޕީޖީއަށް ގޮވާލަމެވެ،" އާސިފްގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

މި މައްސަލައާއި ގުޅިގެން ހައިކޯޓުގެ ފަނޑިޔާރުންނަށް ފިޔަވަޅު އަޅައިދިނުމަށް ޖޭއެސްސީއަށް ހުށަހަޅަން ޕީޖީ ވިސްނަން ފަށައިފި ކަމަށް ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ.