ކޮވިޑް-19ގެ ހާލަތު ރަނގަޅުވެ ކޯޓުތައް އަލުން ހުޅުވުމުން ވެސް އޮންލައިންކޮށް މައްސަލަތައް ހުށަހެޅުމުގެ އިންތިޒާމްތައް ކުރިއަށް ގެންދިޔުމަށް ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝާމީމް އެދިވަޑައިގެންފި އެވެ.
ކޮވިޑް-19އާ ގުޅިގެން އިއުލާންކުރި ލޮކްޑައުންގެ ތެރޭގައި ހުރިހާ މައްސަލައެއް ވެސް ޕީޖީއިން ހުށަހަޅާފައިވަނީ އޮންލައިންލޮށެވެ. އެގޮތުން 45 މައްސަލައެއް ޕީޖީއިން ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވެ އެވެ. އެއީ 77 ދައުވާ އެވެ. އަތޮޅުތަކުގެ ކޯޓުތަކަށް ވެސް އޮންލައިންކޮށް މައްސަލަތައް ފޮނުވުމުގެ މަސައްކަތް ޕީޖީއިން ދަނީ ކުރަމުންނެވެ.
މި ހާލަތު ނިމުމަށްފަހުވެސް އޮންލައިންކޮށް މައްސަލަ ބަލައިގަތުމުގެ ކަންކަން ކުރިއަށް ގެންގޮސް، ކޯޓަށް ލިޔުންތައް އުފުލުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް ޕީޖީ ޝަމީމް ވިދާޅުވި އެވެ.
ލޮކްޑައުންއާ ގުޅިގެން މިހާރު ކޯޓުތަކުގެ ޝަރީއަތްތައް ވެސް ކުރިއަށް ދަނީ އޮންލައިންކޮށެވެ. އެގޮތުން މިއަދު ވަނީ ސުޕްރީމް ކޯޓުގައި ފުރަތަމަ ފަހަރަށް އޮންލައިންކޮށް ޝަރީއަތް ކުރިއަށް ގެންގޮސްފަ އެވެ. އެ ޝަރީއަތުގައި ވެސް އޮންލައިންކޮށް ޕީޖީއިން ބައިވެރިވި އެވެ.
އޭގެއިތުރުން ކުރިމިނަލް ކޯޓުން ބަންދު މަޖިލިސްތައް ވެސް މިހާރު ކުރިއަށް ދަނީ އޮންލައިންކޮށެވެ. އޭގެ ސަބަބުން އެތައް ވަގުތަކާއި ވަސީލަތްތަކެއް ސަލާމަތްވެ، ހަރަދު ވެސް ކުޑަވެ އެވެ. ކުރިމިނަލް ކޯޓުން ވެސް އޮންލައިންކޮށް ޝަރީއަތް ހިންގުން އުސޫލު އެކުލަވާލާފަ އެވެ.