ރައީސް އަބްދުﷲ ޔާމީން

ފުއްގިރި ހުށަހެޅުންތަކުގެ އިސްތިއުނާފް އަޑުއެހުން ނިންމާލައިފި

ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ކުރާ ދައުވާތައް ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހުށަހެޅުންތަކާ ގުޅިގެން ޝަރީއަތުގެ ކުރިން ކްރިމިނަލް ކޯޓުން ނިންމި ނިންމުންތަކެއް ރައީސް ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފް ކޮށްފައިވާތީ އެ މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުގައި މިއަދު ނިންމާލައިފި އެވެ.

ކްރިމިނަލް ކޯޓުގައި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުގައި ރައީސް ޔާމީން ހުށަހެޅުއްވީ ފުއްގިރި މައްސަލައިގައި އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ބައެއް ހެކިތައް ބަލައިނުގަތުމަށާއި ދައުލަތުގެ ބައެއް ހެކިތައް ސިއްރުކުރަން ހުށަހަަޅާފައިވާތީ ހެކި ހާމަކޮށްދިނުމަށެވެ. ނަމަވެސް ކްރިމިނަލް ކޯޓުގައި މައްސަލަ ބައްލަވާ ގާޒީ ވަނީ ޔާމީން ހުށަހެޅުއްވި ގޮތަށް އަމަލުކުރެވެން ނެތް ކަމަށް ނިންމަވާފަ އެވެ.

ކްރިމިނަލް ކޯޓުގެ ނިންމުން ރައީސް ޔާމީން ހައިކޯޓުގައި އިސްތިއުނާފް ކުރެއްވުމުން ހައިކޯޓުން ވެސް ވަނީ ކްރިމިނަލް ކޯޓުގެ ނިންމުމަށް ތާއީދުކޮށްފަ އެވެ.

ސުޕްރީމް ކޯޓުގައި މިއަދު އޮތް އަޑުއެހުމުގައި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ މައްސަލައިގައި ހިމެނޭ ދެފަރާތުންވެސް ފާހަގަކުރަން ބޭނުންވާ ކަންކަމަށް ފުރުސަތު ދެވިފައިވާތީ މިމައްސަލައިގައި ދެން އޮންނާނީ ހުކުމް އިއްވުން ކަމަށެވެ. އަންނަ ހޯމަ ދުވަހުގެ ކުރިން ހުކުމް ކުރާނެ ކަމުގައިވެސް ފަނޑިޔާރު ސުއޫދު ވިދާޅުވި އެވެ.

ރައީސް ޔާމީން ހުށަހެޅުއްވި އިސްތިއުނާފް މައްސަލަ ބައްލަވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވީ ފަނޑިޔާރު ހުސްނުއްސުއޫދުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް އާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ.

ފުއްގިރީގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާ އަކީ ވެސް ފުއްގިރި ކުއްޔަށް ދޫކުރުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތު ނަގައި އަދި އެ ފައިސާ ބޭނުން ކޮށްގެން މަނީ ލޯންޑާ ކުރުމުގެ އަމަލު ހިންގަވާފައި ކަމަށް ބުނެ ކުރި ދެ ދައުވާ އެވެ. މިގޮތުން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން އެމެރިކާ ޑޮލަރު ޔާމީން ނަންގަވާފައިވާ ކަމަށް ތުހުމަތު ކޮށްފައިވެ އެވެ.

ފުއްގިރީގެ މައްސަލައިގެ ދައުވާގައިވާ ގޮތުން ރައީސް ޔާމީން ރިޝްވަތު ނަންގަވާފައިވަނީ ފުއްގިރީގައި ރިސޯޓެއް ހަދަން އެރަށް ކުއްޔަށް ދޫކޮށްގެން މއ. ކުރިކީލަހިޔާ، އަހްމަދު ކްރިކް ރިޒާ މެދުވެރިކޮށެވެ. އަދި މަނީލޯންޑާ ކޮށްފައިވަނީ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުން ކޮށްގެންނެވެ.

ސަން އިންވެސްޓްމަންޓާއި، ސަން ކޮންސްޓްރަކްޝަން ކުންފުނީގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ. އަދި މަނީލޯންޑަރިންގެ ކުށުގެ ދައުވާއަކާއި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށްވުމުގެ ކުށުގެ ދައުވާ ވަނީ އަހުމަދު ކްރިކް ރިޒާގެ މައްޗަށް އުފުލާފަ އެވެ.