ރައީސް އަބްދުﷲ ޔާމީން

ރައީސް ޔާމީން މިނިވަންކުރަން ހައިކޯޓުން ހުކުމްކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ބާތިލްކޮށް ހައިކޯޓުން ރައީސް ޔާމީން މިނިވަންކޮށްފި އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތެރެއިން ވ. އާރަށް ކުއްޔަށް ދީގެން ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ޔާމީން 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ ޑިސެމްބަރު 25، 2022 ގަ އެވެ. ރައީސް ޔާމީންގެ ޖަލު ހުކުމެއް އިއްވާފައިވީ ނަމަވެސް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އެމަނިކުފާނު ހުންނަވަނީ ގޭ ބަންދުގަ އެވެ.

ހައިކޯޓުން މިއަދު އިއްވި ހުކުމްގައި ވަނީ ދަށު ކޯޓުން މައްސަލަ ނިންމިއިރު ހަދާފައިވާ ބޮޑެތި ގޯސްތަކެއް ފާހަގަކޮށްފަ އެވެ. އެހެންވެ ހައިކޯޓުން ހުކުމް ކުރީ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އިއްވާފައިވާ ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ދަށު ކޯޓުން ބެލުމަށެވެ. އަދި މައްސަލަ އަލުން ދަށުން ކޯޓުން ބަލާނަމަ ހައިކޯޓުން މިއަދު އިއްވި ހުކުމްގައި ފާހަގަކޮށްފައިވާ ކަންކަމަށް ރިއާޔަތްކުރުމަށްވެސް އަމުރުކޮށްފައިވެ އެވެ.

ރައީސް ޔާމީން ޖަލަށް ލުމަށް ދަށު ކޯޓުން ކުރި ހުކުމް ހައިކޯޓުން ބާތިލްކުރީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ހުޒައިފާ މުހައްމަދެވެ. ބެންޗުގައި ތިއްބެވި އަނެއް ދެ ބޭފުޅުންނަކީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު މުހައްމަދު ސަލީމް އެވެ.

ރައީސް ޔާމީންގެ ޝަރީއަތް ހައިކޯޓުގައި އެންމެ ފަހުން ބޭއްވީ ނޮވެމްބަރު 21، 2023 ގައެވެ. ރައީސް ޔާމީންގެ ޝަރީއަތް ނުނިމި ދިގުލައިގެން ގޮސްފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ނުފޫޒު ކޯޓުތަކަށް އޮތުމުން ކަމަށް ޔާމީންގެ ސަޕޯޓަރުން ބުނަމުން ދިޔަ އެވެ. ނަމަވެސް ސަރުކާރުން އެ ވާހަކަތައް ދޮގުކުރެ އެވެ.