ރައީސް އަބްދުﷲ ޔާމީން

ދައުލަތުން އެދިގެން ޔާމީންގެ ޝަރީއަތް މިއަދުވެސް ކެންސަލް

ވ. އާރަށު މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވާފައިވާ ޖަލު ހުކުމްގެ އިސްތިއުނާފް އަޑުއެހުން މިއަދުވެސް ކެންސަލްކޮށްފި އެވެ.

ހައިކޯޓުގައި މިއަދު މެންދުރުފަހު 2:00ގައި ފެށުމަށް ހަމަޖެހިފައި އޮތް އިސްތިއުނާފް އަޑުއެހުން ކެންސަލް ކުރީ ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން އެދިގެންނެވެ.

އެނގިފައިވާ ގޮތުން ޝަރީއަތް ކެންސަލްކުރަން ޕީޖީ އޮފީހުން އެދުނީ ބައެއް ވަކީލުންނަށް ހާޒިރުވެ ވަޑައިގެންނެވެން ނެތުމުންނެވެ.

ވ. އާރަށު މައްސަލައިގައި ކުރީގެ ރައީސް ޔާމީނަށް އިއްވާފައިވާ ޖަލު ހުކުމްގެ އިސްތިއުނާފް އަޑުއެހުމެއް މިދިޔަ މަހުގެ 21 ވަނަ ދުވަހަށް ތާވަލުކުރި ނަމަވެސް އެ އަޑުއެހުންވެސް ކެންސަލްކުރީ ޕީޖީ އޮފީހުން އެދިގެންނެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތެރެއިން ވ. އާރަށް ކުއްޔަށް ދީގެން ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ޔާމީން 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު 25 ވަނަ ދުވަހު އެވެ.

ރައީސް ޔާމީންގެ އިސްތިއުނާފް އަޑުއެހުންތައް ނުނިމި ލަސްވާތީ އިދިކޮޅުން ގެންދަނީ ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.