އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތެރެއިން ރ. ފުއްގިރި ކުއްޔަށް ދީފައިވަނީ އެރަށަށް ހުށަހެޅި އަގަށް ވުރެ ކުޑަ އަގެއްގައިކަން ހާމަވެއްޖެ އެވެ.
މިމައުލޫމާތު ހާމަވީ ފުއްގިރީގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާއާއި ގުޅިގެން މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމެއްގައި ހެކިވެރިޔަކު ދިން ހެކިބަހުންނެވެ.
ކޯޓުގައި މިއަދު ދައުލަތުގެ ހެކިވެރިޔެއްގެ ގޮތުގައި ހެކިބަސް ދިނީ އެމްއެމްޕީއާރްސީގެ އިދާރީ ބައެއް މަސައްކަތްތަކުގައި ބައިވެރިވެފައިވާ މުހައްމަދު ޝިފާއު ކިޔާ އެމްއެމްޕީއާރްސީގެ ކުރީގެ މުވައްޒަފެކެވެ.
ފުއްގިރީގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާ އަކީ ވެސް ފުއްގިރި ކުއްޔަށް ދޫކުރުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތު ނަގައި އަދި އެ ފައިސާ ބޭނުން ކޮށްގެން މަނީ ލޯންޑާ ކުރުމުގެ އަމަލު ހިންގަވާފައި ކަމަށް ބުނެ ކުރި ދެ ދައުވާ އެވެ. މިގޮތުން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން އެމެރިކާ ޑޮލަރު ޔާމީން ނަންގަވާފައިވާ ކަމަށް ތުހުމަތު ކޮށްފައިވެ އެވެ.
ފުއްގިރީގެ މައްސަލައިގެ ދައުވާގައިވާ ގޮތުން ރައީސް ޔާމީން ރިޝްވަތު ނަންގަވާފައިވަނީ ފުއްގިރީގައި ރިސޯޓެއް ހަދަން އެރަށް ކުއްޔަށް ދޫކޮށްގެން މއ. ކުރިކީލަހިޔާ، އަހްމަދު ކްރިކް ރިޒާ މެދުވެރިކޮށެވެ. އަދި މަނީލޯންޑާ ކޮށްފައިވަނީ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުން ކޮށްގެންނެވެ.
ސަން އިންވެސްޓްމަންޓާއި، ސަން ކޮންސްޓްރަކްޝަން ކުންފުނީގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ. އަދި މަނީލޯންޑަރިންގެ ކުށުގެ ދައުވާއަކާއި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށްވުމުގެ ކުށުގެ ދައުވާ ވަނީ އަހުމަދު ކްރިކް ރިޒާގެ މައްޗަށް އުފުލާފަ އެވެ.
ރިޒާއަށް ކުރާ ދައުވާ މިވަގުތު ވަނީ އަނބުރާ ގެންގޮސްފަ އެވެ. އެއީ އޭނަ ދިފާއީ ހެއްކެއްގެ ގޮތުގައި ހުށަހެޅި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ދެއްކެވި ވާހަކައެއް ކަމަށް ބުނާ އޯޑިއޯއެއް ފުލުހުން ތަހުލީލުކުރަން ވަގުތު ބޭނުންވާތީ އެެވެ.
މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި އިންނަވައިގެން ހެކިބަސް ދެމުން ޝިފާއު ބުނީ ފުއްގިރި ކުއްޔަށް ދިނީ އެ ރަށަށް ފުރަތަމަ ހުށަހެޅި އަގަށް ވުރެ ކުޑަކޮށް ކަމަށެވެ. އެމްއެމްޕީއާރްސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުއާ އެކު ދެކެވުނު ވާހަކަތަކަކާ ގުޅިގެން ވެސް އެރަށް ކުއްޔަށް ދީފައިވަނީ ހުށަހެޅި އަގަށްވުރެ ކުޑަކޮށް ކަން އެނގޭ ކަމަށެވެ. ނަމަވެސް އެއީ މީގެ އަހަރުތަކެއް ކުރީގެ ކަމަކަށްވާތީ އަގަށް އައި ބަދަލު ހަނދާން ނެތް ކަމަށް ބުންޏެވެ.
ޝިފާއު ބުނި ގޮތުގައި އޭރުގެ އަގުތަކަށް ބަލާއިރު އެރަށް ތިން މިލިއަން ޑޮލަރަށް ކުއްޔަށް ދޫކުރެވޭނެ އެވެ. ނަމަވެސް އެރަށް ކުއްޔަށް ދީފައިވަނީ 2.5 މިލިއަން ޑޮލަރުގެ އަގެއްގައި ކުއްޔަށް ނަގަން ހުށަހަޅާފައި ވަނިކޮށް 1.55 މިލިއަން ޑޮލަރަށް ތިރިކުރުމަށްފަހު ކަމަށް މިމައްސަލައިގައި ކޯޓުގައި ހެކިބަސް ދެމުން ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް ކުރިން ވިދާޅުވެފައިވެ އެވެ. ޒިޔަތު ކުރީގެ އަޑުއެހުމެއްގައި ވިދާޅުވީ ރަށުގެ އަގު ދަށް ކުރީ ރައީސް ޔާމީން ހުއްދަ ދެއްވައިގެން ކަމަށެވެ.
ދައުލަތުގެ އިތުރު ހެކިވެރިޔެއްގެ ހެކިބަސް ނެގުމަށްފަހު މިމައްސަލައިގައި ދެން އޮންނާނީ ދިފާއީ ހެކިންގެ ހެކިބަސް ނެގުމެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގައި ހިންގާފައިވާ ހިޔާނާތުގައި ބައިވެރިވުމުގެ ކުށް ސާބިތުވެ ރައީސް ޔާމީން މިވަގުތުވެސް ގެންދަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. ހައިކޯޓުން އިއްޔެ ވަނީ އާރަށުގެ މައްސަލައިގައި ދަށު ކޯޓުން ދައްކަން ހުކުމްކުރި ފަސް މިލިއަން ޑޮލަރު ދެއްކުން ރައީސް ޔާމީނަށް ފަސްކޮށްދީފަ އެވެ. ނަމަވެސް ޖަލު ބަންދަށް ލުއި ދޭން ހައިކޯޓުން ވަނީ ދެކޮޅު ހަދާފަ އެވެ.