ހަބަރު

ހަތަރު ބެއިންނާއި ބެހުނު އުމުރުން ދުވަސްވީ މީހާގެ މައްސަލަ ޕީޖީ އިސްތިއުނާފުކޮށްފި

ގދ. އަތޮޅު ރަށެއްގައި ހަތަރު ބެއިންނާއި ބެހުނު މައްސަލާގައި އުމުރުން ދުވަސްވީ މީހެއްގެ މައްޗަށް ދައުލަތުން ކުރި ދައުވާ ބާތިލް ކުރި މައްސަލަ ހައިކޯޓަށް އިސްތިއުނާފަށް ހުށަހަޅައިފިއެވެ.

ދައުލަތުން 75 އަހަރުގެ އެމީހާގެ މައްޗަށް ވަނީ ދެ ދައުވާއެއް އުފުލާފައެވެ. އެއީ އެ ހަތަރު ކުދިންނާ ގަދަކަމުން ބަދުއަޙުލާގީ އަމަލު ހިންގުމުގެ އިތުރުން މިހަކާ އިނދެގެން އުޅޭ މީހަކާއެކު ޒިނޭ ކުރި މައްސަލައެވެ. އެ ދެ ދައުވާގެ މައްސަލަ ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ވަނީ އެ ދައުވާތަށް ބާތިލްކޮށްފައެވެ.

މިދިޔަ ފެބްރުއަރީމަހު އެ ދައުވާ ކުރުމަށްޓަކައި ކޯޓަށް ހުށަހެޅިނަަމަވެސް އެ ދައުވާ ބާތިލް ކުރުމާހަމަޔަށްވެސް ޝަރީއަތެއް ހިންގާފައިނުވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އެ ދައުވާތަށް ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ބާތިލް ކުރި ސަބަބެއް ދައުލަތުން ބުނެދީފައި ނުވި ނަމަވެސް، އެ މައްސަލަ ހައިކޯޓަށް މިއަދު ހުށަހަޅާފައިވާކަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ޔަގީންކޮށްދީފަ އެވެ.

ޕީޖީ އޮފީހުން ބުނީ މިއަދު ހައިކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައި ވާނީ، އެ މައްސަލަ އަކީ މެޖިސްޓްރޭޓް ކޯޓްތަކުގެ އިހުތިސާސްގެ ތެރެއިން ބެލޭނެ ބާވަތުގެ މައްސަލައެއްގެ ގޮތުގައި ކަނޑައަޅައި ދިނުމަށް ކަމަށެވެ.

އެ މައްސަލަ އިސްތިއުނާފު ކުރަން ޕީޖީ އިން ނިންމި ސަބަބުތަކުގެ ގޮތުގައި އެ އޮފީހުން ބުނީ، ދައުވާ ފޯމް މެޖިސްޓްރޭޓް ކޯޓުން ބާތިލްކޮށްފައި ވަނީ ޖިނާއީ އިޖުރާއަތުގެ 94 ވަނަ މާއްދާއާ ހިލާފަށް ކަމަށް ވުމާއި އެ ނިންމުމަކީ ގާނޫނު އަސާސީ އާއި ޕީޖީގެ ގާނޫނުގެ 15 ވަނަ މާއްދާ އަދި އިޖުރާއަތުގެ ގާނޫނުގެ 92 ވަނަ މާއްދާއާ ހިލާފު އަމަލަކަށް ވާތީ އެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އެމީހާ އެކުދިންނަށް އެކި ފަހަރުމަތިން ޖިންސީ ގޯނާ ކޮށްފައިވަނީ މީގެ 12 ވަރަކަށް އަހަރު ކުރިން ފެށިގެންނެވެ. އަދި އެ ތުހުމަތަށް އެމީހާ މިދިޔަ އަހަރު ނޮވެމްބަރު މަހުގައި ހައްޔަރު ކުރި ނަމަވެސް ފަހުން ވަނީ ދޫކޮށްލާފައެވެ. އަދި އެމީހާއަކީ އެ ރަށުގައި ވަރަށް ނުފޫޒުގަދަ މީހެއްކަންވެސް ވަނީ އެނގިފައިވެ އެވެ.