ހަބަރު

ބޮޑު ކުށަކަށް ނުވާތީ ކުއްޖަކާ ބެހުނު ކަމުގެ ތުހުމަތުވާ މީހަކު ދޫކޮށްލަން ޖެހިއްޖެ

ހައިކޯޓުން މިފަހުން ކަނޑައަޅާފައިވާ އާ އުސޫލުގެ ދަށުން އަމަލު ކުރުމުގެ ގޮތުން ކުޑަކުއްޖަކާމެދު ޖިންސީ އަމަލު ހިންގުމުގެ ކުށުގެ ތުހުމަތުވާ މީހަކު ބަންދުން ދޫކޮށްލުމަށް ކުރިމިނަލް ކޯޓަށް ޖެހިއްޖެ އެވެ.

ހައިކޯޓުން މިފަހުން ކަނޑައަޅާފައިވާ ގޮތުގައި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ ބޮޑެތި ކުށްތައް ފިޔަވައި އެހެން ކުށްތަކުގެ ތުހުމަތަށް ހައްޔަރު ކުރާ މީހުން، 15 ދުވަހަށްވުރެ އިތުރަށް ބަންދު ކުރުމަކީ ގާނޫނު ދަންނަ ކަމެއް ނޫންނެވެ. ޖިންސީ ކުށްތައް ބޮޑެތި ކުށްތަކުގެ ތެރޭގައި ނުހިމެނެ އެވެ.

ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގުމުގެ ތުހުމަތުވާ މީހަކު ބަންދުން ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން މިއަދު ކޮށްފައިވާ އަމުރުގައި ބުނެފައިވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ވެސް ލިބިފައިވާ ކަމަށެވެ. ނަމަވެސް ކުށަކީ ބޮޑު ކުށަކަށް ނުވާތީ، ބަންދުގައި އިތުރަށް ބެހެއްޓެން ނެތް ކަމަށެވެ. އޭނާގެ މައްޗަށް ކިތަންމެ ސީރިއަސް ތުހުމަތުތަކެއް ކުރެވުނު ނަމަވެސް ބަންދު އިތުރުކޮށް ދެވެން ނެތްކަން ހައިކޯޓުގެ ހުކުމަށް ރިއާޔަތްކޮށް އަމުރުގައި ބުންޏެވެ.

އޭނާ މީގެކުރިން 15 ދުވަހަށް ބަންދު ކޮށްފައިވެ އެވެ. ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން މިއަދު އެދިފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ތުހުމަތުވާ މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށެވެ. ނަމަވެސް މަތީ ކޯޓުތަކުގެ އަމުރުތަކަށް ތަބާވުމަކީ ދަށު ކޯޓުތަކަށް ލާޒިމް ކަމަކަށްވާތީ އެކަން ކޮށް ދެވެން ނެތީ ކަމަށް ކުރިމިނަލް ކޯޓުގެ މިއަދުގެ އަމުރުގައިވެ އެވެ.

އެހެންނަމަވެސް އަދިވެސް ތުހުމަތުވާ މީހާ ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށާއި އެކަމަށް އެދުމުގެ ފުރުސަތު ވެސް ޕްރޮސިކިއުޓާ ޖެނަރަލްއަށް އޮންނާނެ ކަމަށް ކުރިމިނަލް ކޯޓުގެ އަމުރުގައި ފާހަގަކޮށްފައިވެ އެވެ.

އަމުރުގައި ބަޔާން ކޮށްފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 30 ވަނަ މާއްދާގެ އިޖުރާއަތުގެ ވާހަކަ އެވެ. ނަމަވެސް މި މައްސަލާގައި އެ މާއްދާގެ ދަށުން ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން މިހާތަނަށް އެ ކޯޓަށް އެމީހާ ބަންދު ކުރުމަށް ހުށަހަޅާފައެއް ނުވެ އެވެ. އެގޮތަށް ނޭދޭ ހާލަތުގައި އެ މާއްދާގެ ދަށުން ބަންދު ކުރުމަކީ ފަނޑިޔާރުގެ އިހްތިޔާރުގައިވާ ކަމެއް ނޫން ކަމަށް އަމުރުގައި ބުންޏެވެ.

އެ މާއްދާގައިި ބުނަނީ ކޮމިޝަނަރު އޮފް ޕޮލިސް ސިޓީއަކުން ޕްރޮސިކިއުޓާ ޖެނަރަލަށް ކުޑަކުދިންނާމެދު ޖިންސީ އަމަލު ހިންގާ މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އެދެވިދާނެ ކަމަށެވެ. އަދި އެ އެދުމުގެ މަތިން ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު ވީއެންމެ އަވަހަކަށް ޕްރޮސިކިއުޓާ ޖެނަރަލް، އެމީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށް ދިނުމަށް ކޯޓަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

މި މާއްދާގެ ދަށުން މިހާތަނަށް ކޮމިޝަނަރު އޮޕް ޕޮލިސް، ޝަރީއަތް ނިމެންދެން ބަންދުކުރަން އެދިފައިވަނީ އެންމެ މީހެއްގެ މައްސަލާގަ އެވެ. އެއީ، މާލޭގެ ގެސްޓްހައުސްއެއްގެ ތެރޭގައި 11 އަހަރުގެ ކުއްޖަކު ރޭޕްކުރި ކަމަށް ތުހުމަތުވާ އަނީސް ހިލްމީގެ މައްސަލާގަ އެވެ.

ކުރިމިނަލް ކޯޓުން މިއަދު ނެރެފައިވާ އަމުރުގައި އިތުރަށް ބުނެފައިވާ ގޮތުގައި، މީގެކުރިން ތުހުމަތުވާ މީހާ ބަންދު ކުރުމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުން ދަށުން އެދިފައިވާތީ، ދެން އޭނާ ބަންދު ކުރުމަށް ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން އެދުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް މި މައްސަލާގައި އައިއޯ ބަންދު މަޖިލީހުގައި ވިދާޅުވެފައިވާ ކަމަށެވެ.

ޖިންސީ ކުށްތަކުގެ މައްސަލައަކީ ބޮޑެތި ކުށްތަކެއް ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ހިމެނުމަށް ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށަހަޅާފައިވެ އެވެ. ނަމަވެސް އެ އިސްލާހު ފާސްކުރުން ވަނީ ދިގުލައިގެން ގޮސްފަ އެވެ.