ހަބަރު

އުނައިސް އަލުން ބަންދުކުރީ އާ ތުހުމަތުތަކެއް ކުރީމަ: ކޯޓު

ކުޑަކުދިންނާމެދު ޖިންސީ އަމަލު ހިންގުމަކީ ޖިނާއީ އިޖުރާއަތުގައި ބުނާ ބޮޑު ކުށަކަށްނުވާތީ ދޫކޮށްލަން ޖެހުނު ބ.ތުޅާދޫ / ހިޔާވަހި، އުނައިސް އަހުމަދު އަލުން ބަންދުކުރީ އާ ތުހުމަތުތަކެއް ކޮށްފައިވާތީ ކަމަށް ކުރިމިނަލް ކޯޓުން ބުނެފި އެވެ.

މިއަދު އުނައިސް ކުރިމިނަލް ކޯޓަށް ހާޒިރުކޮށް ބަންދު ޖެހުމަށް ފުލުހުން އެދުމުން އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ވަނީ އަމުރު ނެރެދީފަ އެވެ.

އިއްޔެ ވެސް ފުލުހުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދު ކޮށްދިނުމަށް އެދިފަ އެވެ. އެއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ ދަށުންނެވެ. ނަމަވެސް ހައިކޯޓުގެ މިފަހުގެ ނިންމުމަކަށް ރިއާއަޔަތްކޮށް އިއްޔެ އެ އަމުރު ނެރެނުދިނީ އެވެ.

ހައިކޯޓުން މިފަހުން ކަނޑައަޅާފައިވާ ގޮތުގައި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ ބޮޑެތި ކުށްތައް ފިޔަވައި އެހެން ކުށްތަކުގެ ތުހުމަތަށް ހައްޔަރު ކުރާ މީހުން، 15 ދުވަހަށްވުރެ އިތުރަށް ބަންދު ކުރުމަކީ ގާނޫނު ދަންނަ ކަމެއް ނޫންނެވެ. ޖިންސީ ކުށްތައް ބޮޑެތި ކުށްތަކުގެ ތެރޭގައި ނުހިމެނެ އެވެ.

ކުރިމިނަލް ކޯޓުން އިއްޔެ ކޮށްފައިވާ އަމުރުގައި ބުނެފައިވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ވެސް ލިބިފައިވާ ކަމަށެވެ. ނަމަވެސް ކުށަކީ ބޮޑު ކުށަކަށް ނުވާތީ، ބަންދުގައި އިތުރަށް ބެހެއްޓެން ނެތް ކަމަށެވެ. އޭނާގެ މައްޗަށް ކިތަންމެ ސީރިއަސް ތުހުމަތުތަކެއް ކުރެވުނު ނަމަވެސް ބަންދު އިތުރުކޮށް ދެވެން ނެތްކަން ހައިކޯޓުގެ ހުކުމަށް ރިއާޔަތްކޮށް އަމުރުގައި ބުންޏެވެ. އެކަމާ ގުޅިގެން ކޯޓަށާއި ފުލުހަށް އަދި ރައްޔިތުންގެ މަޖިލީހަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވި އެވެ.

އެކަން އެހެން ހިނގާފައިވަނިކޮށް ރޭގެ ވަގުތެއްގައި ފުލުހުން ވަނީ އަނެއްކާވެސް އުނައިސް ހައްޔަރުކޮށްފަ އެވެ.

އުނައިސް ޝަރީއަތް ނިމެންދެން ބަންދުކޮށް ދިނުމަށް މިއަދު އެދިފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 ވަނަ މާއްދާ އާއި 60 ވަނަ މާއްދާގެ (ށ)ގެ ދަށުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކަ އެވެ. އެ މާއްދާގެ ދަށުން ކުރިމިނަލް ކޯޓުން އުނައިސް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރު ނެރުނެވެ.

އެ އަމުރު އެހެން ނެރުނު ސަބަބު ސާފުކޮށްދީ ކުރިމިނަލް ކޯޓުން މިރޭ ނެރުނު ނޫސް ބަޔާނުގައި ބުނީ އުނައިސްގެ މައްޗަށް މިހާރު ފުލުހުން ކުރިން ނުކުރާ ތުހުމަތުތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން ޝަހުސު އޮޅުވާލުމާއި މަކަރާތް ހީލަތް ހެދުމުގެ ތުހުމަތު މިހާރު ކުރެ އެވެ. ކުރިން އުނައިސްއަށް ކޮށްފައިވަނީ ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގުމުގެ ތުހުމަތެވެ.

އުނައިސްގެ މައްޗަށް މި ތުހުމަތުތަކާ ކުރާ މިންވަރަށް ހެކި ގަރީނާ ލިބިފައިވާ ކަމަށާއި އެހެންކަމުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ށ)ގެ 1 ން 4 އަށް ބަޔާން ކުރާ ހާލަތްތަކުގެ ތެރެއިން ހާލަތެއް ވެސް އޮތަތީ މި މައްސަލާގައި އުނައިސް ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ލާޒިމްވާ ކަމަށް ކުރިމިނަލް ކޯޓުގެ ބަޔާނުގައި ބުނެފައިވެ އެވެ.

ގާނޫނާއި ހައިކޯޓުގެ އާ ނިންމުން އޮތް ގޮތުން ކަމަށް ބުނެ އުނައިސް ދޫކޮށްލުމުން އާންމުންގެ ގިނަ ބަޔަކު ވަނީ ޖިންސީ ކުށްތަކުގެ މައްސަލައަކީ ބޮޑެތި ކުށްތަކެއް ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ހިމެނުމަށް ރައްޔިތުންގެ މަޖިލީހަށް އިސްލާހު ފާސްކުރުން އަވަސް ކުރުމަށް ގޮވާލާފަ އެވެ. ނަމަވެސް ބައެއް މަޖިލީހުގެ މެންބަރުން ވަނީ މިހާރު ގާނޫނުގެ އިޖުރާއަތްތައް އޮތް ގޮތުން ވެސް އެމީހާ ޝަރީއަތް ނިމެންދެން ބަންދު ކުރެވޭނެކަން ފާހަގަ ކުރައްވައި ފުލުހުން ގާނޫނަށް އިތުރަށް އަހުލުވެރިވުމަށް ގޮވާލައްވާފަ އެވެ.