ޖިންސީ ގޯނާ

ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގި މީހަކު 18 އަހަރަށް ޖަލަށް

ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށް ސާބިތުވި މީހަކު 18 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި އެވެ.

މިމައްސަލައިގައި ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ ތ. ގުރައިދޫ، މިޔަވާލިގެ، ހުސައިން ޒާހިންގެ މައްޗަށެވެ.

ކުށުގެ ތުހުމަތުގައި މީގެ ހަތަރު އަހަރު ކުރިން ހައްޔަރުކޮށްފައިވާ ހުސައިން ޒާހިންގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް އުފުލި އެވެ.

ހުސައިން ޒާހިންއަށް ކުރި ދައުވާތައް

  • ލައިގެން ހުރި ހެދުމެއްގެ ބޭރުން ކުޑަކުއްޖަކަށް ޖިންސީ ގުނަވަނެއް ހާމަކޮށްގެން ހުރުމުގެ ކުށުގެ ދައުވާ
  • އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ
  • އިތުބާރު ހުރި މަގާމެއްގައި ހުރެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ

މި ދައުވާތަކުގެ ތެރެއިން އިތުބާރު ހުރި މަގާމެއްގައި ހުރެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ ސާބިތުވާތީ ޒާހިން އަށް އިއްވީ 15 އަހަރުގެ ހުކުމެކެވެ. ޖިންސީ ގުނަވަން ހާމަކުރުމުން ކޮށްފައިވަނީ ތިން އަހަރުގެ ހުކުމެކެވެ. މީގެއިތުރުން އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގައި ޒާހިންގެ މައްޗަށް އިއްވީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ޖިންސީ އަމަލު ހިންގުމަކީ ބޮޑެތި ކުށްތަކުގެ ގޮތުގެ ބަލައި އެފަދަ ކުށް ސާބިތުވާ މީހުން ދިގު މުއްދަތަކަށް ޖަލަށްލުމަށް ހުކުމްކުރެ އެވެ.