ކްރިމިނަލް ކޯޓް

ދެ އަންހެން ކުދިންނަށް ޖިންސީ ގޯނާކުރި ތިން މީހަކު ޖަލަށް

Aug 8, 2022

ދެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ތިން މީހަކު 10 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

ފުވައްމުލަކަށް ނިސްބަތްވާ ދެ އަންހެން ކުދިންނަށް ޖިންސީ ގޯނާކޮށްގެން ކުށް ސާބިތުވީ ވެސް އެ ސިޓީގެ ތިން މީހުންގެ މައްޗަށެވެ. އެއީ ފުވައްމުލަކު، ފުނާޑު އަވަށުގެ ދެ މީހުން ކަމަށްވާ ނިކަ، މުހައްމަދު ހުސައިން އާއި، ގިފްޓް، އަހްމަދު އާސިމްގެ އިތުރުން މިސްކިތްމަގު، ލީނާ، އަބްދުﷲ ފަރުހާދު އެވެ.

ދައުލަތުން މި ތިން މީހުންގެ މައްޗަށްވެސް އުފުލީ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާ އެވެ.

ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައިވަނީ 14 އަހަރާއި 16 އަހަރުގެ ފުރާވަރު ދެ އަންހެން ކުދިންނެވެ.

ކުށުގެ ތުހުމަތުގައި މި ތިން މީހުން ޖަލުގައި މީގެކުރިން ދުވަސްތަކެއް ހޭދަކޮށްފައިވާތީ އެމީހުންނަށް އިއްވާފައިވާ 10 އަހަރުގެ ހުކުމުގެ ތެރެއިން ޖަލުގައި ދެން ތަންފީޒު ކުރަންޖެހޭނީ ނުވަ އަހަރާއި 10 މަހާއި 15 ދުވަހެވެ.