ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

އައްޑޫގައި ބިރުދައްކައި ކުޑަކުއްޖަކާ ބެހުނު ފުލުހަށް ދައުވާ

އައްޑޫ ސިޓީގައި 16 އަހަރުގެ ކުއްޖަކަށް ތަކުރާރުކޮށް ބިރު ދައްކައި ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި ފުލުހަށް ދައުވާކޮށްފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ 2020 ވަނަ އަހަރުގެ ކުރީކޮޅުން ފެށެގެން އެކި ދުވަސް މަތިން އުމުރުން 18 އަހަރު ނުފުރޭ ކުއްޖަކަށް ބިރު ދައްކައިގެން އެކުއްޖާގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ ނެގުމަށްފަހު، އެ ފޮޓޯ ބޭނުން ކޮށްގެން ބްލެކްމެއިލްކޮށް އެ ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައެއްގައި މީހަކަށް ދައުވާ ކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގައި ދައުވާ އުފުލައިފައި ވަނީ ޏ. ފުވައްމުލައް މާދަޑު، އޮމާން، އަހުމަދު ނަޒުމީނުގެ މައްޗަށެވެ. އޭނާ ކުށުގެ އަމަލު ހިންގިއިރު ހުރީ ފުލުހުންގެ ވަޒީފާގަ އެވެ.

އޭނާގެ މައްޗަށް ދައުލަތުން އުފުލައިފައި ވަނީ ކުޑަކުއްޖަކު އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާއާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އެވެ. ދައުލަތުން އިއްޔެ ވަނީ މި މައްސަލަ ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިފަ އެވެ.

ފުލުސް މީހާ ހައްޔަރުކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ރޭ 11:09 ހާއިރު އެވެ. މި މައްސަލައާއި ގުޅިގެން އައްޑޫ ސިޓީގައި ވަނީ މުޒާހަރާވެސް ކޮށްފަ އެވެ.

އިތުބާރު ހިފޭ މަގާމުތަކުގައި ތިބެ، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތައް އަންނަނީ ގިނަވަމުންނެވެ.