ޖިންސީ ގޯނާ

ކުޑަކުއްޖަކާ ބެހުނު ކަމަށް ތުހުމަތުކުރެވޭ ޔުނާން ދޫކޮށްލައިފި

ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުވި މައްސަލާގައި ހައްޔަރު ކޮށްފައިވާ ފިލްމީ ތަރި މުހައްމަދު ޔުނާން ދޫކޮށްލައިފި އެވެ.

ހުޅުމާލެ ކޯޓުގެ މެޖިސްޓްރޭޓް ސިޔާމާ މުހައްމަދު ނިންމެވި ނިންމުމުގައި ޔުނާން މިއަދު ދޫކޮށްލީ ޝަރުތުތަކެއް ކުރުމަށްފަހު އެވެ.

އެގޮތުން ކޯޓުގެ ހުއްދަ ނެތި ފުރައިގެން އެއްވެސް ތަނަކަށް ނުދިއުމާއި، ޒަރޫރީ ކަމެއްގައި ނޫނީ ގެއިން ބޭރަށް ނުދިއުމާއި، ދިރިއުޅޭ ތަން ކޯޓަށް އެންގުމަށް ޝަރުތުކޮށްފައިވެ އެވެ.

އަވަސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ދައުލަތުން އަންނަނީ ޔުނާން ދޫކޮށްލި މައްސަލަ އިސްތިއުނާފު ކުރަން މަސައްކަތް ކުރަމުންނެވެ.

ކުޑަ ދެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ޔުނާން އާއި އޭނާގެ އަންހެނުން ފާތިމަތު ރިހުލާ ހައްޔަރުކުރީ 2020 ވަނަ އަހަރުގެ އޮކްޓޫބަރުގެ ތެރޭގައެވެ. ޝަރީއަތް ނިމެންދެން މި ދެ މީހުން ބަންދުގައި ބޭތިއްބުމަށް ކޯޓުން ކުރިން އަމުރުކުރީ އޮކްޓޫބަރު 12، 2020 ގައެވެ.

ޔުނާން މިއަދު ދޫކޮށްލިއިރު މިދިޔަ މާޗް މަހުގެ ތެރޭގައި ވަނީ ރިހުލާ ދޫކޮށްލާފަ އެވެ.

ތުހުމަތު ކުރެވޭ މައްސަލާގައި ޔުނާންގެ މައްޗަށް ނުވަ ދައުވާއެއް އަދި ރިހުލާގެ މައްޗަށް ފަސް ދައުވާއެއް ދައުލަތުން ކުރެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިއްސަލަ މިހާރު އޮތީ ހުޅުމާލެ ކޯޓުގައި ނިމުމަކާ ހަމައަށް ގޮސްފަ އެވެ.

ޔުނާން އާއި ރިހުލާގެ މައްޗަށް ކުޑަކުއްޖަކާއެކު ގަދަކަމުން ޖިންސީ އަމަލެއް ހިންގުމުގެ ތުހުމަތުކޮށް އެ މައްސަލަ ފުލުހަށް ރިޕޯޓް ކޮށްފައިވަނީ ޔުނާންގެ އެއްބަނޑު އެއްބަފާ ބޭބެ ކަމަށްވެ އެވެ.