ހަބަރު

ދޫކޮށްލަން ޖެހުނު އުނައިސްއަށް ދައުވާކޮށްފި

ޖިންސީ ކުށުގެ މައްސަލަތަކަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބޮޑު ކުށަކަށް ނުވާތީ މީގެކުރިން ދީކޮށްލަން ޖެހުނު ބ. ތުޅާދޫ ހިޔާވަހި އުނައިސް އަހުމަދުގެ މައްޗަށް ދައުލަތުން ދައުވާ އުފުލައި ކުރިމިނަލް ކޯޓަށް ފޮނުވައިފި އެވެ. އޭނާ މިހާރު ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

ޕީޖީ އޮފީހުން ބުނީ އުނައިސް ވަނީ ޝަހުސު އޮޅުވާލައިގެން އުމުރުން 16 އަހަރުގެ ކުޑަ އަންހެން ކުއްޖަކާ ރައްޓެހިވެ، އެކުއްޖާގެ ބައްޕަގެ އަތުން މަކަރާހީލަތުން ފައިސާ ހޯދައި، އެކުއްޖާ ޑޮކްޓަރަށް ދެއްކުމަށްކަމަށް ބުނެ ގެނެސް ޖިންސީ ގުޅުން ހިންގުމަށް ހިތްވަރުދީ، އެކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށެވެ.

އެ މައްސަލާގައި، އުނައިސްގެ މައްޗަށް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ތިން ވަނަ މާއްދާގެ ދަށުން ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާ އާއި، ގާނޫނުލްއުގޫބާތުގެ 312 ވަނަ މާއްދާގެ ދަށުން ޝަހްސު އޮޅުވާލުމުގެ ކުށުގެ ދައުވާ އާއި، ގާނޫނުލްއުގޫބާތުގެ 212 ވަނަ މާއްދާގެ ދަށުން މަކަރާއި ހީލަތްހެދުމުގެ ކުށުގެ ދައުވާ އާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 122 ވަނަ މާއްދާގެ ދަށުން ކުޑަކުއްޖެއް އެކްސްޕްލޮއިޓް ކުރުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ކަމަށެވެ.

ކުރިމިނަލް ކޯޓުން އުނައިސް ދޫކޮށްލި އަމުރުގައި ބުނެފައިވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ވެސް ލިބިފައިވާ ކަމަށެވެ. ނަމަވެސް ކުށަކީ ބޮޑު ކުށަކަށް ނުވާތީ، ބަންދުގައި އިތުރަށް ބެހެއްޓެން ނެތް ކަމަށެވެ. އޭނާގެ މައްޗަށް ކިތަންމެ ސީރިއަސް ތުހުމަތުތަކެއް ކުރެވުނު ނަމަވެސް ބަންދު އިތުރުކޮށް ދެވެން ނެތްކަން ހައިކޯޓުގެ ހުކުމަށް ރިއާޔަތްކޮށް އަމުރުގައި ބުންޏެވެ. އެކަމާ ގުޅިގެން ކޯޓަށާއި ފުލުހަށް އަދި ރައްޔިތުންގެ މަޖިލީހަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވި އެވެ.

ހައިކޯޓުން މިފަހުން ކަނޑައަޅާފައިވާ ގޮތުގައި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ ބޮޑެތި ކުށްތައް ފިޔަވައި އެހެން ކުށްތަކުގެ ތުހުމަތަށް ހައްޔަރު ކުރާ މީހުން، 15 ދުވަހަށްވުރެ އިތުރަށް ބަންދު ކުރުމަކީ ގާނޫނު ދަންނަ ކަމެއް ނޫންނެވެ. ޖިންސީ ކުށްތައް ބޮޑެތި ކުށްތަކުގެ ތެރޭގައި ނުހިމެނެ އެވެ.

އެކަން އެހެން ހިނގާފައިވަނިކޮށް ފުލުހުން ވަނީ އަނެއްކާވެސް އުނައިސް ހައްޔަރުކޮށް ބަންދު އިތުރު ކުރުމަށް ކޯޓަށް ގޮސްފަ އެވެ. މިފަހަރު އުނައިސް ޝަރީއަތް ނިމެންދެން ބަންދުކޮށް ދިނުމަށް މިއަދު އެދިފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 ވަނަ މާއްދާ އާއި 60 ވަނަ މާއްދާގެ (ށ)ގެ ދަށުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކަ އެވެ. އެ މާއްދާގެ ދަށުން ކުރިމިނަލް ކޯޓުން އުނައިސް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރު ނެރުނެވެ.

އެ އަމުރު އެހެން ނެރުނު ސަބަބު ސާފުކޮށްދީ ކުރިމިނަލް ކޯޓުން ނެރުނު ނޫސް ބަޔާނުގައި ބުނީ އުނައިސްގެ މައްޗަށް މިހާރު ފުލުހުން ކުރިން ނުކުރާ ތުހުމަތުތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން ޝަހުސު އޮޅުވާލުމާއި މަކަރާތް ހީލަތް ހެދުމުގެ ތުހުމަތު މިހާރު ކުރެ އެވެ. ކުރިން އުނައިސްއަށް ކޮށްފައިވަނީ ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގުމުގެ ތުހުމަތެވެ.

އުނައިސްގެ މައްޗަށް މި ތުހުމަތުތަކާ ކުރާ މިންވަރަށް ހެކި ގަރީނާ ލިބިފައިވާ ކަމަށާއި އެހެންކަމުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ށ)ގެ 1 ން 4 އަށް ބަޔާން ކުރާ ހާލަތްތަކުގެ ތެރެއިން ހާލަތެއް ވެސް އޮތަތީ މި މައްސަލާގައި އުނައިސް ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ލާޒިމްވާ ކަމަށް ކުރިމިނަލް ކޯޓުގެ ބަޔާނުގައި ބުނެފައިވެ އެވެ.

ގާނޫނާއި ހައިކޯޓުގެ އާ ނިންމުން އޮތް ގޮތުން ކަމަށް ބުނެ އުނައިސް ދޫކޮށްލުމުން އާންމުންގެ ގިނަ ބަޔަކު ވަނީ ޖިންސީ ކުށްތަކުގެ މައްސަލައަކީ ބޮޑެތި ކުށްތަކެއް ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ހިމެނުމަށް ރައްޔިތުންގެ މަޖިލީހަށް އިސްލާހު ފާސްކުރުން އަވަސް ކުރުމަށް ގޮވާލާފަ އެވެ. ނަމަވެސް ބައެއް މަޖިލީހުގެ މެންބަރުން ވަނީ މިހާރު ގާނޫނުގެ އިޖުރާއަތްތައް އޮތް ގޮތުން ވެސް އެމީހާ ޝަރީއަތް ނިމެންދެން ބަންދު ކުރެވޭނެކަން ފާހަގަ ކުރައްވައި ފުލުހުން ގާނޫނަށް އިތުރަށް އަހުލުވެރިވުމަށް ގޮވާލައްވާފަ އެވެ.