ހަބަރު

އޯޓިޒަމް ހުންނަ ކުއްޖާ ރޭޕްކުރި ކަމުގެ ތުހުމަތުވާ ޅިޔަނަށް ދައުވާކޮށްފި

އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރުމުގެ ސަބަބުން ބަނޑުބޮޑުވި މައްސަލާގައި ހައްޔަރުކުރި އެ ކުއްޖާގެ ޅިޔަނު، ފ. ފީއަލި، ފީރޯޒްގެ އިބްރާހީމް ޝާފިއުގެ މަައްޗަށް ދައުވާ އުފުލައިފި އެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުއްޖާ ބަނޑުބޮޑުކަން އެނގުނީ މައްސަރު ކަންތައް ނުޖެހި ތިން ވަރަކަށް މަސްވުމުން ޑޮކްޓަރަށް ދެއްކުމުން ހެދި ޓެސްޓުންނެވެ. އޭރު ކުއްޖާގެ ބަނޑަށް ތިން މަހެވެ.

ކުއްޖާ ރޭޕްކުރި ކަމުގެ ތުހުމަތުވާ ޝާފިއުއަކީ އެ ކުއްޖާގެ ދައްތަގެ ފިރިމީހާ އެވެ. އަނިޔާ ލިބުނު ކުއްޖާ މިވަގުތު ހުރީ ދައުލަތުގެ ބެލުމުގެ ދަށުގައި ކަމަށް މައުލޫމާތު ލިބެ އެވެ.

ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ބުނީ ޝާފިއުގެ މައްޗަށް ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން، އިތުބާރުކުރެވޭ މަގާމެއްގައިހުރެ ކުޑަކުއްޖަކާމެދު ޖިންސީ އަމަލު ހިންގުމުގެ ކުށުގެ ދައުވާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

މި ކުށް ސާބިތުވެއްޖެނަމަ 15 އަހަރާއި 18 އަހަރާދެމެދުގެ މުއްދަތުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ޖިންސީ ކުށްތަކުގެ މައްސަލަތަކަކީ ޕްރޮސިކިއުޓާ ޖެނަރަލްއިން ހާއްސަ އިސްކަމެއް ދީގެން ދައުވާ އުފުލަމުންދާ މައްސަލަތަކެވެ.