އަންހެނުންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް އިތުރުވަމުންދާތީ މުޖުތަމައުން އެފަދަ އަމަލުތައް މުޅިން ލުހެލުމަށް ޓަކައި އެންމެން ވަރުގަދަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ސަރުކާރު ކޯލިޝަންގެ އެއް ލީޑަރު، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަންހެން ކުޑަ ކުދިންނާއި އަންހެނުންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް އިތުރުވަމުން ދިއުމަކީ ނިހާޔަތަށް ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. އެއީ އިސްލާމް ދީނުގައި ކަނޑައެޅިގެން ހަރާމް އަދި އިޖުތާއީ ގޮތުން ހުތުރުކަން ބޮޑު ލާއިންސާނީ އަމަލެއް ކަމަށް ޓްވީޓުގައިވެ އެވެ.
"މި ކަން މުޖުތަމައުން މުޅިން ލުހެލުމަށް ޓަކައި އެންމެން ވަރުގަދަ މަސައްކަތްތަކެއް ކުރަން ޖެހޭ،" ރައީސް އޮފީހާއި ޖެންޑާ މިނިސްޓްރީއާއި ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އެކައުންޓް ޓެގްކުރައްވައި ރައީސް މައުމޫން ކުރެއްވި ޓްވީޓުގައިވެ އެވެ.
އަންހެންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކާ ގުޅޭ ގޮތުން ރައީސް މައުމޫން މިއަދު ދެ ޓްވީޓެއް ކުރެއްވިއިރު، ފަހަކަށް އައިސް ޖިންސީ ގޯނާގެ މައްސަލަތައް ދަނީ އިތުރުވަމުންނެވެ. މިފަދަ ބައެއް މައްސަލަތަކުގައި ހައްޔަރު ކުރެވޭ މީހުން ދޫވެގެން ދާތީ މުޖުތަމައުގެ ތެރޭގައި އާންމުންގެ ކަންބޮޑުވުން ވެސް އިތުރުވެގެން ގޮސްފައިވެ އެވެ.
ދާދި ފަހަކުން ހުޅުމާލެ ފަޅުގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ހައްޔަރު ކުރި ދެ މީހަކު ކުއްލި ގޮތަކަށް ދޫކޮށްލުމުން، އެ މައްސަލައިގެ ތެރެއަށް "ސިޔާސީ ނުފޫޒު" ވަދެފައިވާ ކަމުގެ އަޑުތައް ގަދަ އެވެ.
މި މައްސަލައަށް ފަހުގައި ރޭޕް ކުރުމާއި ޖިންސީ ގޯނާއި ޖިންސީ ފުރައްސާރަ ކުރުމާއި ދެކޮޅަށް އިޖްތިޖާޖް ކުރުމާއި އެއްވުންތައް ވެސް ދަނީ ގިނަވަމުންނެވެ. އިއްޔެ ވެސް މާލޭގައި ރޭޕް ކުރުމާއި ޖިންސީ ގޯނާއާ ދެކޮޅަށް އެއްވެފައިވެ އެވެ. ފުލުހުންގެ ބިލަކާ ގުޅޭ ގޮތުން ހިޔާލު ހޯދަން މަޖިލީހުގެ އިދާރާގައި ބޭއްވި ބައްދަލުވުމަށް ވަން ބަޔަކު ވެސް ޖިންސީ ގޯނާއާ ދެކޮޅަށް އަޑު އުފުލައި އިހުޖިޖާޖް ކޮށްފައިވެ އެވެ.