ހަބަރު

ކުޑަކުދިންނާއި އަންހެނުންގެ މައްސަލަތަކަށްދޭ ސަމާލުކަން އިތުރުކުރަންޖެހޭ: ރައީސް

Jul 5, 2020
2

އަންހެނުންނާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް އިތުރުވެފައިވާ ދަނޑިވަޅެއްގައި، އެފަދަ މައްސަލަތަކަށް އިތުރަށް ސަމާލުކަން ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ފުލުހުންގެ ކިބައިން މިއަދު އެދިވަޑައިގެންފި އެވެ.

އިސްކަންދަރު ކޮށީގައި މިއަދު ފުލުހުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ އަންހެނުންނާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކުގެ ތަހުގީގު އަވަސްކޮށް، އަވަހަށް އިންސާފުު ގާއިމްކުރެވެންޖެހޭ ކަމަށެވެ.

"މި ސަރުކާރުން މަސައްކަތްކުރަމުން މި އަންނަނީ އިޖުތިމާއީ މިފަދަ މައްސަލަަތައް ހައްލުކުރަން. ފުލުހުންނަކީ ގާނޫނު ތަންފީޒުކުރުމުގައި އެންމެ މުހިއްމު ރޯލް އަދާކުރާ އަދި ރައްޔިތުންނާ އެންމެ ގާތުން މަސައްކަތްކުރާ މުއައްސަސާއަށް ވުމުން މި މައްސަލަތައް ހައްލުކުރުމުގައި ފުލުހުންގެ ދައުރު ވަރަށް ބޮޑު އަދި މުހިއްމު،" ރައީސް ވިދާޅުވި އެވެ.

ނަމަވެސް، އެކަން ކާމިޔާބުކުރުމަށްޓަކައި ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތަކެއް ހުރި ކަމަށާއި، ފުލުހުންނަށާއި ތަންފީޒީ އިދާރާތަކަށް ބޭނުންވާ ވަސީލަތްތަކާއި ތައުލީމާއި ތަމްރީން ވެސް އިތުރަށް ހޯދައިދޭންޖެހިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮވިޑް-19 އިގެ ބަލިމަޑުކަމާއެކު ރާއްޖޭގެ އިގުތިސާދަށް ކުރިމަތިވެފައިވާ ހީނަރުކަމުގެ ސަބަބުން އިޖުތިމާއީ ގިނަ މައްސަލަތަކެއް ވެސް ފެންމަތިވަމުންދާ ކަމަށެވެ.

އަދި އެފަދަ ގިނަ މައްސަލަތަކަކީ އެތައް ޒަމާނެއް ވަންދެން މާ ބޮޑު ސަމާލުކަމެއް ނުދީ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން ތިލަވަމުންދާ މައްސަލަތައް ކަމަށް ވިދާޅުވި އެވެ.

"ރާއްޖޭގައި ގަވާއިދާ ހިލާފަށް މަސައްކަތްކުރާ ބިދޭސީންގެ މައްސަލަކަމުގައި ވިއަސް ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި ގެވެށި އަނިޔާ އާއިި މަސްތުވާތަކެތީގެ މައްސަލަތައް ކަމުގައި ވިއަސް މިއީ ހައްލުނުކުރެވި މުޖުތަމައުގައި ހުރި ،މައްސަލަތައް،" ރައީސް ވިދާޅުވި އެވެ.

ރައީސް މިގޮތަށް ވިދާޅުވިއިރު، ކުޑަކުދިން ރޭޕްކޮށް ޖިންސީ ގޯނާކުރުމުގެ ސީރިއަސް މައްސަލަތަކެއް ވަނީ ފާއިތުވި ދުވަސްތަކުގައި ފެންމަތިވެފަ އެވެ. އަދި ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ވެސް ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ.

އެ މައްސަލާގައި ސަރުކާރުގެ ތެރޭގައި ނުފޫޒުގަދަ ދެ މީހަކު ހިމެނޭކަމަށް ތުހުމަތުކުރެވޭއިރު، ތަހުގީގުގެ މަރުހަލާގައި ފުލުހުން ވަރަށް ބޮޑަށް އިހުމާލުވެފައިވާކަމަށް ބުނެ ފުލުހުންނަށް ވަނީ އާއްމުންގެ ބޮޑެތި ފާޑުކިއުންތަކާއި ނުރުހުން އަމާޒުވެފަ އެވެ.