ހަބަރު

ޖިންސީ އަނިޔާގެ ޝިކާރައަށްވި ކުއްޖާގެ މަންމައާ ދެކޮޅަށް މުޒާހަރާ

Jul 7, 2020
2

ކ. މާފުށީގައި އުމުރުން 10 އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާ ކުރި މައްސަލާގައި އެ ކުއްޖާގެ މަންމަ އިހުމާލުވެފައިވާ ކަމަށް ބުނެ އެގޭގެ ދޮށުގައި އާއްމުން މުޒާހަރާ ކުރަމުން އެބަދެ އެވެ.

އެ މައްސަލާގައި ދޮންދަރިއަށް ޖިންސީ ގޯނާކުރި މައްސަލާގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދަށް 15 ދުވަސް ވަނީ ޖަހައިފަ އެވެ. މި ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ 57 އަހަރުގެ މީހެކެވެ.

ފުލުހުން ބުނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި އިތުބާރުކުރެވޭ މަގާމެއްގައި ހުރި މީހެއްގެ އިހުމާލުވާކަމަށް އެ މީހާއާ މެދު ފިޔަވަޅު އެޅުމަށް ގޮވާލައި މާފުށީގައި ބަޔަކު އިހުތިޖާޖު ކުރަމުންދާ ކަމަށެވެ.

އެ ސަރަހައްދުގައި ސަލާމަތީ ކަންކަން ބަލަހައްޓަމުންދާއިރު، ހަމަނުޖެހުމެއް ހިނގާފައިނުވާ ކަމަށް ފުލުހުން އިތުރަށް ބުންޏެވެ.

އެ މުޒާހަރާގެ ބައެއް ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، އެ ސަރަހައްދަށް އާއްމުންގެ ގިނަ ބައަކު ވަނީ އެއްވެފަ އެވެ.

އަދި އެ ކުއްޖާއަށް ޖިންސީ ގޯނާ ލިބުނު މައްސަލާގައި، އެ ކުއްޖާގެ މަންމަ ހައްޔަރުކޮށް ފިޔަވަޅު އެޅުމަށް ދަނީ ގޮވަމުންނެވެ.

ފަހަކަށް އައިސް ޖިންސީ ގޯނާގެ މައްސަލަތައް ވަނީ އިތުރުވާން ފަށައިފަ އެވެ. ދާދި ފަހުން ސަފާރީއެއްގައި އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ވެސް ފެންމަތިވެ، އެ މައްސަލަތަކާ ގުޅިގެން މާލޭގައި މުޒާހަރާ ވެސް ކުރި އެވެ.

އޭގެފަހުން ދެ ރަށެއްގައި 18 އަހަރު ނުފުރޭ ދެ ކުއްޖަކު ރޭޕްކުރި މައްސަލައެއް ވެސް ރިޕޯޓްކުރި އެވެ. އެ ދެ ކުދިން ވެސް ބަނޑުބޮޑެވެ. އެ ދެ މައްސަލާގައި ވެސް މިހާރު ވަނީ ތުހުމަތުވާ މީހުން ހައްޔަރުކޮށްފަ އެވެ.