ހަބަރު

ރޭޕް އިތުރުވާ މައްސަލަ ރައީސްގެ ސަމާލުކަމަށް

Jul 5, 2020
3

ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމުގެ އިތުރުން މިފަހުން އިންތިހާއަށް އިތުރުވެފައިވާ ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅޭގޮތުން އޮތް ކަންބޮޑުވުންތައް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ މިއަދު ހިއްސާކޮށްފި އެވެ.

ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ މަދަނީ ޖަމިއްޔާ ވޮއިސް އޮފް ޗިލްރަން (ވީއޯސީ) އިން މިއަދު ވަނީ ރައީސް ސޯލިހާ ބައްދަލުކޮށް ކުޑަކުދިންނާއި އަންހެނުންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކުގައި އިންސާފު ނުލިބޭ ކަމުގެ ކަންބޮޑުވުންތައް ހިއްސާކޮށްފަ އެވެ.

ޖެންޑަ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވެސް ބައިވެރިވެވަޑައިގެންނެވި އެ ބައްދަލުވުމުގައި، ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅޭގޮތުން އެ ޖަމިއްޔާގެ ކަންބޮޑުވުންތައް ރައީސް ވަރަށް ގާތުން އަޑުއެއްސެވި ކަމަށް ވީއޯސީން ބުންޏެވެ.

"އަޅުގަނޑުމެންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަތަކަށް ހައްލެއް ހޯދައިދޭން މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި،" ޓްވިޓާ މެދުވެރިކޮށް ވީއޯސީ އިން ބުންޏެވެ.

ޖިންސީ ގޯނާގެ މައްސަލަތަކަށް އިންސާފު ނުލިބޭ މައްސަލައިގައި ވީއޯސީން އަންނަނީ މުޒާހަރާކުރަމުންނެވެ. އެ މުޒާހަރާތަކުގައި އަޑު އުފުލަނީ ރޭޕް ކުރުން އަދި ޖިންސީ ގޯނާ ކުރުން އެއީ ބޮޑު ކުށަކަށް ހެދުމަށް ކަމަށާއި، ރޭޕް ކަހަލަ ކުށްތައް އަވަސް ނިޔާގައި ކޯޓު މަރުހަލާއިން ނިންމުމަށެވެ. އަދި، އިންސާފު ގާއިމްކޮށް އިންސާފަށް ހުރަަސް އަޅާ މީހުންނަށް ފިޔަވަޅު އެޅުމަށެވެ.