ޖެންޑާ މިނިސްޓަރީއަށް މިދިޔަ މަހު ހުށަހެޅި އެކި މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައިން ހުށަހަޅައި އަދި ބަލަން ފަށައިފައި ވަނީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތައް ކަމަށް އެ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ޖެންޑާ މިނިސްޓްރީން ކޮންމެ މަހަކު އާންމު ކުރާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި, މިދިޔަ މަހު ކުޑަކުދިންނަށް އެކި ބާވަތުގެ އަނިޔާ ކޮށްގެން 105 މައްސަލައެއް މިނިސްޓްރީއަށް ހުށަހެޅުމުން ވަނީ ބަލަން ފަށާފަ އެވެ. އޭގެ ތެރެއިން އެންމެ ގިނައީ ކުޑަކުދިންނަށް ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ މައްސަލަތަކެވެ. އެ ބާވަތުގެ 21 މައްސަލައެއް ވަނީ ހުށަހަޅާފަ އެވެ.
ކުޑަކުދިންނަށް އިހުމާލުވި 20 މައްސަލައެއް އެ މަހު ހުށަހަޅާފައިވާއިރު ކުޑަކުދިންނަށް ޖިންސީ ގޯނާކުރި 20 މައްސަލައެއް ވެސް ވަނީ ހުށަހަޅާފަ އެވެ. ޖިސްމާނީ ހާނިއްކައިގެ 14 މައްސަލަ އަދި ކުދިންނަށް ނަފްސާނީ ހާނިއްކޮށްގެން 10 މައްސަލައެއް ވަނީ ހުށަހަޅައި ބަލަން ފަށާފަ އެވެ.
ކުޑަކުއްޖަކު ނަހަމަ ގޮތުގައި ވިޔަފާރި ފައިދާއަށް ބޭނުންކުރުމުގެ 11 މައްސަލައެއް ހުށަހަޅާފައިވާއިރު ކުއްޖަކު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ހަ މައްސަލައެއް މިދިޔަ މަހު ރިޕޯޓްކޮށްފައި ވެއެވެ. ކުޑަކުއްޖަކު ފުރައްސާރައިގެ ޝިކާރައަށްވި ތިން މައްސަލައެއް ވެސް މިދިޔަ މަހު ޖެންޑާއިން ވަނީ ބަލަން ފަށާފަ އެވެ.
މީގެ އިތުރުން ތަފާސްހިސާބުން ދައްކާ ގޮތުގައި މީހަކު ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 56 މައްސަލައެއް ޑިސެމްބަރު މަހު ބަލަން ފަށާފައިވެ އެވެ. އޭގެތެރޭގައި ޖިސްމާނީ އަނިޔާކުރުމުގެ 24 މައްސަލަ ހިމެނެ އެވެ.
ޖެންޑާ މިނިސްޓްރީއަށް ޖެނުއަރީގައި ހުށަހެޅި މައްސަލަތަކުގެ ތެރޭގައި އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ 11 މައްސަލަ ވެސް ހިމެނެ އެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން 18 މައްސަލައެއް ވެސް ހުށަހަޅާފައި ވެއެވެ.
ޖެންޑާ މިނިސްޓްރީން އާންމުކޮށް ނެރޭ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އަބަދުވެސް އެންމެ ގިނައީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތަކެވެ.