ކުޑަކުދިން

މިދިޔަ މަހު ކުދިންނަށް ކުރާ އެކި އަނިޔާގެ 121 މައްސަލައެއް ހުށަހެޅި

ޖެންޑާ މިނިސްޓްރީއަށް މިދިޔަ މަހު ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ 48 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.

ޖެންޑާ މިނިސްޓްރީން އާންމު ކުރި ތަފާސް ހިސާބުތަކުގައިވާ ގޮތުން އެ މިނިސްޓްރީއަށް މިދިޔަ ޖެނުއަރީ މަހު ހުށަހެޅި 234 މައްސަލައިގެ ތެރެއިން 121 މައްސަލައަކީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ މައްސަލަތަކެވެ. މިދިޔަ މަހު އެ މިނިސްޓްރީއަށް އެންމެ ގިނައިން ހުށަހެޅީ ވެސް ކުޑަކުދިންނަށް ކުރާ އެކި އަނިޔާތަކުގެ މައްސަލަތަކެވެ.

އެ މައްސަތަކުގެ ތެރޭގައި ކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ 48 މައްސަލައަކާއި، ކުދިންނަށް އިހުމާލުވުމުގެ 43 މައްސަލައަކާއި، ޖިސްމާނީ ގޯނާގެ 15 މައްސަލައަކާއި، ނަފްސާނީ ގޯނާގެ ނުވަ މައްސަލައަކާއި، ފުރައްސާރަ ކުރުމުގެ ހަތަރު މައްސަލައެއް އަދި ގެވެށި އަނިޔާ ކުރާ ތަން ދެއްކުން ނުވަތަ ފެނުމުގެ ދެ މައްސަލައެއް ހިމެނެ އެވެ.

ހައްގުތަކުން ކުޑަކުދިން މަހްރޫމު ކުރުމުގެ 16 މައްސަލައެއް މިދިޔަ މަހު ރިޕޯޓް ކޮށްފައިވެ އެވެ. އޭގެ ތެރޭގައި ތައުލީމަށް ހުރަސް އެޅުމުގެ 11 މައްސަލައަކާއި، ވެކްސިން ނުދިނުމުގެ ތިން މައްސަލައަކާއި ސިއްހީ ފަރުވާއަށް ހުރަސްއެޅުމުގެ ދެ މައްސަލައެއް ހިމެނެ އެވެ.

ކުށް ކުރާ ކުޑަކުދިންނާ ގުޅޭ ހަތަރު މައްސަލައެއް މިދިޔަ މަހު ޖެންޑާއަށް ހުށަހެޅިފައިވެ އެވެ. އަދި ކުޑަކުދިންގެ އަހުލާގާ ގުޅުން ހުރި ނުވަ މައްސަލައެއް މިދިޔަ މަހުގައި ހުށަހަޅާފައިވެ އެވެ. އޭގެ ތެރޭގައި ގެއިން ނުކުމެގެން ދިއުމުގެ ތިން މައްސަލައެއް އަދި ސްކޫލަށް ދާން ބޭނުން ނުވުމުގެ ތިން މައްސަލައެއް ހިމެނެއެވެ.

މިދިޔަ މަހު ޖެންޑާއަށް ހުށަހެޅުނު މައްސަަލަތައް

  • ކުޑަކުދިންނަށް އަނިޔާ ކުރުން: 121 މައްސަލަ
  • ކުށްކުރާ ކުދިން އާއި ކުދިންގެ އަހުލާގީ މައްސަލަ: 13
  • އާއިލީ މައްސަލަތައް: 23 މައްސަލަ
  • ގެވެށި އަނިޔާ ކުރުން: 34 މައްސަލަ
  • ނުކުޅެދުންތެރިކަން ހުރި މީހުނަށް އަޅާނުލުން: 21 މައްސަލަ
  • ދުވަސްވީ މީހުނަށް އަޅާނުލުން: 9 މައްސަލަ
  • އަމިއްލަ ނަފުސަށް ގެއްލުން ދިނުން: 6 މައްސަލަ

ކުދިންނަށް ކުރާ އެކި އަނިޔާގެ 121 މައްސަލައެއް ހުށަހަޅާފައިވާއިރު، އުމުރުން ދެ އަހަރުގެ ކުއްޖަކަށް ގއ. ކަނޑުހުޅުދޫގައި އެ ކުއްޖާގެ ކާފަ އާއި މުނި ކާފަ ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވި ފަހުން މިފަދަ ގިނަ މައްސަލަތަކެއް ތިލަވި އެވެ. އޭގެ ތެރޭގައި ތިން އަހަރުގެ ކުއްޖަކާއި ފަސް އަހަރުގެ ކުއްޖަކަށް ގޯނާ ކުރި މައްސަލައެއް ވެސް ފެންމަތިވެފައިވެ އެވެ.