ހަބަރު

ތިން އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކޮށްގެން މީހަކު ހައްޔަރު ކޮށްފި

ދެކުނުގެ އަތޮޅުގެ ރަށެއްގައި އުމުރުން ތިން އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި އުމުރުން ދުވަސްވީ މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ތިން އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި މިއަދު މެންދުރުފަހު 1:00 ހާއިރު ހައްޔަރު ކޮށްފައި ވަނީ އުމުރުން 76 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުންޏެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރާ މައްސަލައެއް ކަމުން އެ ކަމެއް ހިނގާފައި ވަނީ ސީދާ ކޮން އަތޮޅެއްގެ ކޮން ރަށެއްގައި ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ތިން އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ދުވަސްވީ މީހަކު ހައްޔަރުކޮށްފައިވާއިރު، ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުގެ ކުޑަ ކުއްޖަކަށް އޭނާގެ މުނިކާފަ އާއި ކާފަ ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެގެން ގައުމުގެ މަސްރަހު ވަނީ ހަލަބޮލިވެފަ އެވެ.

ކަނޑުހުޅުދޫ ކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކުރެވޭ އެ ކުއްޖާގެ ކާފަ އާއި މުނިކާފަ ހައްޔަރު ކޮށްފައިވާއިރު، ކުއްޖާއަށް އިހުމާލުވި ކަމުގެ ތުހުމަތުގައި ކުއްޖާގެ ބައްޕަ ވަނީ ހައްޔަރުކޮށްފަ އެވެ. އެ ތިން މީހުންގެ ބަންދަށް ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހައިފަ އެވެ.

އެ މައްސަލަ ފެންމަތިވެ ގައުމުގެ މަސްރަހު ހޫނުވެފައި ވަނިކޮށް، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ އިތުރު މައްސަލަތަކެއް އަންނަނީ ހާމަވެ ފުލުހުންނަށް ހުށަހަޅަމުންނެވެ. އެ ގޮތުން ވަރަށް ފަހުން ފަސް އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ވެސް ފުލުހުން ދަނީ ބަލަމުންނެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތައް އިތުރުވަމުންދާއިރު، ތުހުމަތު ކުރެވޭ މީހުނަށް ފިޔަވަޅު އެޅުން ލަސްވަމުންދާތީ އެ ކަމަށް ކަންބޮޑުވުން ފާޅުކޮށް މާލޭގައި ޖިންސީ ގޯނާއާ ދެކޮޅަށް އެއްވުންތައް ވެސް ދަނީ ބާއްވަމުންނެވެ.