ހަބަރު

ކުއްޖާގެ ކާފަ މުދިމު ކަމުން ސަސްޕެންޑްކޮށްފި

ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި ތުހުމަތު ކުރެވޭ އެ ކުއްޖާގެ ކާފަ ރަށުގެ މުދިމު ކަމުގެ މަގާމުން ސަސްޕެންޑްކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން މިރޭ ބުނީ ކުޑަކުއްޖަކާ މެދު ބަދު އަހުލާގީ އަމަލެއް ހިންގުމުގެ ތުހުމަތުގައި ހައްޔަރު ކުރުމާ ގުޅިގެން ގއ. ކަނޑުހުޅުދޫ، ރިހިވެލި، އިބްރާހިމް ދީދީ 62، މިސްކިތުގެ އިމާމުގެ ވަޒީފާއިން މިހާރު ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.

މި މައްސަލާގައި ކުއްޖާގެ ކާފަ އިތުރުން މުނި ކާފަ ވެސް ވަނީ ކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފަ އެވެ. އަދި އެ ކުއްޖާއަށް އިހުމާލުވި ކަމުގެ ތުހުމަތުގައި އެ ކުއްޖާގެ ބައްޕަ ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އެ ތިން މީހުންގެ ބަންދަށް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހައިފަ އެވެ.

މި ކުޑަ ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅިގެން އިއްޔެ ހަވީރާއި މިއަދު ހަވީރު ވެސް ވަނީ ޖިންސީ ގޯނާއާ ދެކޮޅަށް މާލޭގައި އިހުތިޖާޖް ކޮށްފަ އެވެ. އަދި އެ ކުއްޖާގެ ބައްޕަ ހުޅުމާލޭގެ ފްލެޓެއްގައި އުޅޭ ކަމުގެ މައުލުމާތު ލިބިގެން އާންމުންގެ ތެރެއިން ގިނަ ބަޔަކު އިއްޔެ ވަނީ އެ ފްލެޓް ކައިރިއަށް އެއްވެ އިހްތިޖާޖް ކޮށްފަ އެވެ.

ފްލެޓް ކައިރިއަށް މީހުން އެއްވެ އެ ސަރަހައްްދު ހަލަބޮލިވެފައިވަނިކޮށް، ފުލުހުން ވަނީ އެ ތަނަށް ގޮސް ކުއްޖާގެ ބައްޕަ ހައްޔަރުކޮށްފަ އެވެ. އަދި އެ ވަގުތު އެ ތަނުގައި ހަމަނުޖެހުން ހިންގައިގެން 27 މީހަކު ހައްޔަރުކުރިއިރު، މީހަރު ވެސް އެ މީހުންގެ ތެރެއިން 19 މީހަކު ފުލުހުންގެ ބަންދުގައި އެބަތިއްބެވެ.