ހަބަރު

ދެ އަހަރުގެ ކުއްޖާގެ މަންމަ އާއި ބައްޕަ ދައުވާކޮށްފި

ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުގެ ކުޑަ ކުއްޖާގެ ކާފަ އާއި މުނިކާފަ އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލާގައި އެ ކުއްޖާގެ ބައްޕަ އާއި މަންމައަށް ވެސް އިހުމާލުވުމުގެ ދައުވާ އުފުލަން ނިންމައިފި އެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލާގައި މިދިޔަ މަހުގެ 18 ވަނަ ދުވަހު، އެ ކުއްޖާގެ ބައްޕަ ހައްޔަރު ކުރުމަށް ފަހު މައްސަލަ ތަހުގީގު ފުލުހުން މިހާރު ފުރިހަމަ ކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލާގައި ކުއްޖާގެ ބައްޕައަށާއި މަންމައަށް އިހުމާލުވުމުގެ ދައުވާ އުފުލަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް މިދިޔަ އާދީއްތަ ދުވަހު ފޮނުވާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލާގައި ކުއްޖާގެ ބައްޕައަށް ދައުވަ ކޮށްދިނުމަށް ޕީޖީ އޮފީހަށް ހުށަހެޅިފައިވާތީ، އެ އޮފީހާ މަޝްވަރާ ކުރުމަށް ފަހުގައި އިއްޔެ މެންދުރުފަހު 2:30 ގައި އޭނާ ހައްޔަރުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މި މައްސަލަގާއި ހިމެނޭ ކުޑަ ކުއްޖާ ވަނީ ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފަ އެވެ. އެ ކުއްޖާގެ ކާފަ އާއި މުނިކާފަ ހައްޔަރުކޮށްފައިވާއިރު، ކުއްޖާގެ މަންމަ އާއި ބައްޕައަކީ މަސްތުވާތަކެތި ބޭނުން ކުރާ ދެ މީހުނެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ފަހަކަށް ވެސް ދަނީ އިތުރުވަމުންނެވެ. ދެ އަހަރުގެ ކުއްޖާއަށް ގޯނާ ކުރި މައްސަލަ ފެންމަތިވި ފަހުން، ގައުމުގެ މަސްރަހު ހޫނުވެ އެފަދަ ގިނަ މައްސަލަތައް އަންނަނީ ހާމަވަމުންނެވެ.