މާލޭގެ ގެސްޓްހައުސްއެއްގެ ތެރޭގައި 11 އަހަރުގެ ކުއްޖާ ރޭޕްކޮށްފައިވަނީ ގުރޫމް ކުރުމަށްފަހު ކަމަށް ތަހުގީގަށް ފާހަގަ ކުރެވިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ގާނޫނުގައި ބުނާ ގޮތުން ކުޑަ ކުއްޖަކު ގްރޫމް ކުރުމަކީ ޖިންސީ އަމަލެއް އެ ކުއްޖާއާމެދު ހިންގުމަށްޓަކައި އެ ކުއްޖާއަށް ފައިސާ ނުވަތަ އެ ނޫން ވެސް މާއްދީ އެއްޗެއް ދީގެން އެ ކުއްޖާއާ ޖަޒުބާތީ ގުޅުމެއް ގާއިމްކޮށް، ކުއްޖާގެ އިތުބާރު ހޯދުމަށް މަސައްކަތް ކުރުމެވެ.
ފުލުހުން މިރޭ ވަނީ އެކަމުގައި ތުހުމަތުވާ މީހާގެ ވަނަވަރާއި ފޮޓޯ ވެސް އާންމުކޮށްފަ އެވެ. ކުއްޖާ ރޭޕް ކުރި ކަމުގެ ތުހުމަތަށް ހައްޔަރުކޮށްފައިވަނީ ހއ. ބާރަށް، ސިލްސިލާގެ، އަނީސް ހިލްމީ އެވެ. އޭނާގެ ބަންދަށް ކުރިމިނަލް ކޯޓުން ވަނީ ހަތް ދުވަސް ޖަހާފަ އެވެ. އޭނާ ހައްޔަރުކުރީ އޭނާ ދިރިއުޅޭ ގޭގައި ހުއްޓަ އެވެ.
އެ ކުއްޖާ ގެސްޓްހައުސްއަކަށް ގެންގޮސް ރޭޕް ކުރި މައްސަލަ ހުށަހެޅުމާއެކު ފުލުހުން ކުރި ތަހުގީގުގައި މިހާތަނަށް ބެލި ބެލުމުން، އެކުއްޖާ ރޭޕްކޮށްފައިވަނީ ކުއްޖާ ގްރޫމް ކޮށްގެންކަން އެނގިފައިވާ ކަމަށް ފުލުހުން މިރޭ ބުންޏެވެ. މިފަދަ މައްސަލަތަކުގައި އެންމެ ހަރުކަށި ފިޔަވަޅުތައް އަޅާނެ ކަމަށް ފުލުހުން ބުންޏެވެ.
އެމީހާގެ ބަންދަށް ކުރިމިނަލް ކޯޓުން ހަތް ދުވަސް ޖެހީ، އޭނާގެ ތަހުގީގާއި ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ކޯޓުގައި އެދިފައިވަނިކޮށެވެ.
ކުރިމިނަލް ކޯޓުން އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރަން އަމުރު ނުނެރުނު ސަބަބެއް އަދި ސާފެއް ނުވެ އެވެ.
އެމީހާ ޝަރީއަތް ނިމެންދެން ބަންދުކޮށް ދިނުމަށް އެދި ހުށަހެޅުމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވެސް މިއަދު ވަނީ ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމަށް ސިޓީއެއް ފޮނުއްވާފަ އެވެ.
ކޮމިޝަނާ އޮފް ޕޮލިސް މިފަދައިން އެދިވަޑައިގެންފައިވަނީ ކުޑަކުދިންނާމެދު ޖިންސީ އަމަލު ހިންގާ މީހުންނާމެދު ހާއްސަ އުސޫލުން އަމަލު ކުރުމުގެ ގާނޫނުގެ ދަށުންނެވެ. މިއީ އެ ގާނޫނުގެ ދަށުން މިގޮތަށް މިދިޔަ ފަސް އަހަރު ތެރޭގައި އެދުނު ފުރަތަމަ ފަހަރެވެ.
ގާނޫނުގައިވާ ގޮތުން ކުޑަކުއްޖަކަށް ޖިންސީ ގޯނާއެއް ކޮށްގެން ހައްޔަރުކުރާ މީހަކު ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޮމިޝަނާ އޮފް ޕޮލިސްއަށް އެދިވިދާނެ ކަމަށެވެ. އަދި އެގޮތަށް އެދިއްޖެނަމަ، ޕްރޮސިކިއުޓާ ޖެނަރަލް ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު ވީއެންމެ އަވަހަކަށް އެފަދަ އަމުރެއް ހޯދުމަށް ކޯޓަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
ތަހުގީގު މަރުހަލާގައި ޝަރީއަތް ނިމެންދެން ބަންދު ކުރުމަކީ ވަރަށް މަދު ހާލަތެއްގައި ނޫނީ އަމަލު ކުރާ ކަމެއް ނޫނެވެ. ނަމަވެސް ވަކި ހާލަތްތަކެއްގައި ޝަރީއަތް ނިމެންދެން ބަންދު ކުރުމަކީ ލާޒިމް ކަމެއް ކަމަށް މިފަހުން ހައިކޯޓުން ވަނީ ކަނޑައަޅާފަ އެވެ.