ހަބަރު

ރޭޕްގެ ތުހުމަތުވާ މީހާގެ ބަންދަށް ޖެހީ ހަތް ދުވަސް

Jun 13, 2020
1

މާލޭގެ ގެސްޓްހައުސްއެއްގެ ތެރޭގައި 11 އަހަރުގެ އަންހެން ކުއްޖެއް ރޭޕްކުރި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދަށް ކުރިމިނަލް ކޯޓުން ހަތް ދުވަސް ޖަހައިފި އެވެ. މި މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވަނީ 38 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެމީހާގެ ބަންދަށް ކުރިމިނަލް ކޯޓުން ހަތް ދުވަސް ޖެހީ، އޭނާގެ ތަހުގީގާއި ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ކޯޓުގައި އެދިފައިވަނިކޮށެވެ.

ކުރިމިނަލް ކޯޓުން އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރަން އަމުރު ނުނެރުނު ސަބަބެއް އަދި ސާފެއް ނުވެ އެވެ.

އެމީހާ ޝަރީއަތް ނިމެންދެން ބަންދުކޮށް ދިނުމަށް އެދި ހުށަހެޅުމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވެސް މިއަދު ވަނީ ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމަށް ސިޓީއެއް ފޮނުއްވާފަ އެވެ.

ކޮމިޝަނާ އޮފް ޕޮލިސް މިފަދައިން އެދިވަޑައިގެންފައިވަނީ ކުޑަކުދިންނާމެދު ޖިންސީ އަމަލު ހިންގާ މީހުންނާމެދު ހާއްސަ އުސޫލުން އަމަލު ކުރުމުގެ ގާނޫނުގެ ދަށުންނެވެ. މިއީ އެ ގާނޫނުގެ ދަށުން މިގޮތަށް މިދިޔަ ފަސް އަހަރު ތެރޭގައި އެދުނު ފުރަތަމަ ފަހަރެވެ.

ގާނޫނުގައިވާ ގޮތުން ކުޑަކުއްޖަކަށް ޖިންސީ ގޯނާއެއް ކޮށްގެން ހައްޔަރުކުރާ މީހަކު ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޮމިޝަނާ އޮފް ޕޮލިސްއަށް އެދިވިދާނެ ކަމަށެވެ. އަދި އެގޮތަށް އެދިއްޖެނަމަ، ޕްރޮސިކިއުޓާ ޖެނަރަލް ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު ވީއެންމެ އަވަހަކަށް އެފަދަ އަމުރެއް ހޯދުމަށް ކޯޓަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ތަހުގީގު މަރުހަލާގައި ޝަރީއަތް ނިމެންދެން ބަންދު ކުރުމަކީ ވަރަށް މަދު ހާލަތެއްގައި ނޫނީ އަމަލު ކުރާ ކަމެއް ނޫނެވެ. ނަމަވެސް ވަކި ހާލަތްތަކެއްގައި ޝަރީއަތް ނިމެންދެން ބަންދު ކުރުމަކީ ލާޒިމް ކަމެއް ކަމަށް މިފަހުން ހައިކޯޓުން ވަނީ ކަނޑައަޅާފަ އެވެ.