ހަބަރު

ކުއްޖާ ރޭޕްކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކުރަނީ

Jun 13, 2020

މާލޭގެ ގެސްޓްހައުސްއެއްގެ ތެރޭގައި 11 އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާ، ތަހުގީގާއި ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އެދުމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު، ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމްގެ އަރިހުން އެދިއްޖެ އެވެ. މި މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވަނީ 38 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ކޮމިޝަނާ އޮފް ޕޮލިސް މިފަދައިން އެދިވަޑައިގެންފައިވަނީ ކުޑަކުދިންނާމެދު ޖިންސީ އަމަލު ހިންގާ މީހުންނާމެދު ހާއްސަ އުސޫލުން އަމަލު ކުރުމުގެ ގާނޫނުގެ ދަށުންނެވެ. މިއީ އެ ގާނޫނުގެ ދަށުން މިގޮތަށް މިދިޔަ ފަސް އަހަރު ތެރޭގައި އެދުނު ފުރަތަމަ ފަހަރެވެ.

ގާނޫނުގައިވާ ގޮތުން ކުޑަކުއްޖަކަށް ޖިންސީ ގޯނާއެއް ކޮށްގެން ހައްޔަރުކުރާ މީހަކު ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޮމިޝަނާ އޮފް ޕޮލިސްއަށް އެދިވިދާނެ ކަމަށެވެ. އަދި އެގޮތަށް އެދިއްޖެނަމަ، ޕްރޮސިކިއުޓާ ޖެނަރަލް ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު ވީއެންމެ އަވަހަކަށް އެފަދަ އަމުރެއް ހޯދުމަށް ކޯޓަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ތަހުގީގު މަރުހަލާގައި ޝަރީއަތް ނިމެންދެން ބަންދު ކުރުމަކީ ވަރަށް މަދު ހާލަތެއްގައި ނޫނީ އަމަލު ކުރާ ކަމެއް ނޫނެވެ. ނަމަވެސް ބޮޑެތި ކުށްތަކުގެ ތުހުމަތުވާ މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަކީ ލާޒިމް ކަމެއް ކަމަށް މިފަހުން ހައިކޯޓުން ވަނީ ކަނޑައަޅާފަ އެވެ.