ކުޑަކުއްޖަކު އުޅެ ބޮޑުވަމުން ދަނީ އެކަށީގެންވާ މާހައުލެއްގައި ނޫން ކަން ފާހަގަ ކުރެވިއްޖެނަމަ އެ ކުއްޖަކު އާއިލާއިން ވަކިކޮށް ދައުލަތުގެ ބެލުމުގެ ދަށަށް ގެންދަނީ އެ ނޫން އިތުރު ގޮތެއް ނުފެންނަ ހާލަތްތަކުގައި ކަމަށް ކަމާބެހޭ މުއައްސަސާތަކުން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގައި މިރޭ ބުނެފި އެވެ.
ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުގެ ކުޑަ ކުއްޖަކަށް އޭނާގެ މުނިކާފަ އާއި ކާފަ ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅިގެން މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީގެ މިރޭގެ ބައްދަލުވުމަށް ވަނީ ޖެންޑާ މިނިސްޓްރީ އާއި، ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ބައެއް އިސް ވެރިން ހާޒިރުކޮށްފަ އެވެ.
މި މައްސަލާގައި އެ ކުއްޖާގެ މައިންބަފައިންނަކީ މަސްތުވާތަކެތި ބޭނުން ކުރަމުންދާ ބަޔަކަށް ވެފައި، އޭނާގެ މުނިކާފައަކީ ޖިންސީ ގޯނާ ކުރާ ކަމުގެ ރެކޯޑް އޮތް މީހަކަށް ވުމުން، އެފަދަ މައްސަލަތައް ފާހަގަވުމުން ހަދަން ޖެހޭ ރިސްކް އެސެސްމަންޓް މި މައްސަލާގައި ހެދިފައިވޭތޯ ކޮމިޓީގެ މުގައްރިރު ޖިހާން މަހްމޫދު ސުވާލު ކުރެއްވި އެވެ. އަދި އެފަދަ ހާލަތެއްގައި ކުއްޖާ ރިސްކަށް ދާއިރުގައި ފިޔަވަޅު ލަސްވީ ކީއްވެގެންތޯ ވެސް ޖީހާން ސުވާލު ކުރެއްވި އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ހަމީދު ވިދާޅުވީ މަސްތުވާތަކެތީގެ މިފަދަ މައްސަލަތަކުގެ ތެރޭގައި ވަރަށް ގިނަ ކުޑަކުދިން މިހާރު ވެސް ދިރިއުޅެމުންދާ ކަމަށެވެ. އެ ހުރިހާ ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ނުގެނެވޭނެ ކަމަށާއި ދައުލަތަށް ނަގާނީ އާއިލާގެ ތެރެއިން އެހެން ގޮތެއް ހަމަނުޖެހިއްޖެނަމަ ކަމަށެވެ.
އޭނާ ވިދާޅުވީ ދެމަފިރިއަކު މަސްތުވާތަކެތި ބޭނުން ކުރާ ކަން ފުލުހަށް ފާހަގަ ކުރެއްވިއްޖެނަމަ އަދި އެ ދެމަފިރިންގެ ދަރިން ތިބޭ ނަމަ ޖެންޑާ މިނިސްޓްރީއާ ގުޅިގެން އެ މައްސަލައެއް ބަލަން ފަށާ ކަމަށެވެ. އެކަމަކު ކަނޑުހުޅުދޫ ކުއްޖާގެ މައްސަލާގައި އޭނާގެ މައިންބަފައިންނަކީ މަސްތުވާތަކެތި ބޭނުން ކުރާ ބައެއް ކަން މީގެ ކުރިން ފާހަގަވެފައި ނުވާ ކަމަށް ފުލުހުންގެ އެ އޮފިޝަލް ކޮމެޓީގައި ވިދާޅުވި އެވެ.
ޖިހާންގެ އެ ސުވާލުތައް ޖެންޑާ މިނިސްޓްރީއަށް ވެސް އަމާޒު ކުރެއްވި އެވެ. ޖެންޑާ މިިނިސްޓަރު ޝިދާތާ ޝަރީފު ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށަށް އެފަދަ ކުދިން ނުނަގާ އެންމެ ފުރަތަމަ މަސައްކަތް ކުރަނީ އާއިލާގެ ތެރެއިން ރައްކާތެރި ފޯރުކޮށްދެވޭނެ ގޮތެއް ހޯދަން ކަމަށެވެ.
ޝިދާތާ ވެސް ވިދާޅުވީ ކުއްޖެއްގެ މައިންބަފައިން މަސްތުވާތަކެތި ބޭނުން ކުރާ ކަން އެނގިއްޖެނަމަ، ފުލުހުންނާ ގުޅިގެން އެ ކުއްޖާގެ މާހައުލުގެ ރިސްކް އެސެސްމަންޓް ހަދަމުން ގެންދާ ކަމަށެވެ. އެކަމަކު މި ކުޑަ ކުއްޖާގެ މައްސަލާގައި މިދިޔަ ބުދަ ދުވަހުގެ ކުރިން އެފަދަ އެއްވެސް މައުލޫމާތެއް މިނިސްޓްރީއަށް ލިބިފައި ނުވާ ކަމަށެވެ.
ދައުވާކުރާ މީހުންގެ ކަންކަން މޮނިޓާ ނުކުރެވޭ
މިފަދަ ސީރިއަސް މައްސަލަތަކުގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ދައުވާ ކުރަން ފޮނުވުމުން، ދައުވާކޮށް ޝަރީއަތް ފެށިފައިވާ މީހުންގެ ތެރެއިން މިހާތަނަށް މުޖުތަމައަށް ދޫކުރެވިފައި ތިބީ ކިތައް މީހުންތޯ ސުވާލު ކުރުމުން ފުލުހުންގެ އޮފިޝަލް ވިދާޅުވީ އޭގެ ތަފާސްހިސާބެއް ދަންނަވަން ދަތި ކަމަށާއި ނަމަވެސް އެހެން ބައެއް މީހުން ދޫވެފައި ތިބި ކަމަށެވެ. އަދި އޭގެ ތެރޭގައި ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ތިބި މީހުން ހިމެނޭނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އެ މީހުންގެ ކަންކަން މޮނިޓާ ކުރެވެމުންދޭތޯ މެންބަރަކު ސުވާލު ކުރުމުން ފުލުހުން ވިދާޅުވީ ބައެއް މައްސަލަތަކުގައި މޮނިޓާ ކުރެވިފައި އެބަ ހުރި ކަމަށެވެ. ނަމަވެސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށްގެން ދައުވާ ކުރެވޭ ގިނަ މީހުންގެ ކަންކަން މޮނިޓާ ނުކުރެވޭ ކަމަށާއި އެފަދަ ނިޒާމެއް ވެސް އެކަށީގެންވާ ގޮތެއްގައި ގާއިމު ވެފައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"ބައެއް ކޭސްތަކުގައި މޮނިޓަރ ކުރެވިފައި އެބަހުރި ކަމަށެވެ. އެކަމަކު އެންމެ އެކަށީގެންވާ ނިޒާމެއް ނެތުމުން ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްގެން ހުރިހާ ކޭސްތަކުގައި އެންމެ ރަނގަޅަށް މޮނިޓާ ނުކުރެވޭ، ދައުވާ ކޮށްފައިވާ އެފަދަ ބައެއް މީހުން މުޖުތަމައުގައި އެބަ އުޅޭ،" ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.