ގަލޮޅު މަދަރުސާގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލަ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.
މެންބަރު ޝިޔާމް ވަނީ ކުޑަ ކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގާ އެކަމުގައި އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އަޅަން ގޮވާލައި މަޖިލީހަށް ފޮނުވި ބަޔާން ޓުވީޓު ކުރައްވާފަ އެވެ. އެ ހާދިސާ ހިނގާ ދިޔަ ގޮތާމެދު ކަންބޮޑުވުން ފާޅު ކުރައްވާ ޝިޔާމް ވިދާޅުވީ ޒިންމާއިން ރެކެން ސްކޫލުން މަސައްކަތް ކޮށްފައިވާ ކަމަށެވެ. މި މައްސަލާގައި ޝާމިލްވާ ހުރިހާ މީހުން ވެސް އަމަލުކޮށްފައި ވަނީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކަމަށެވެ.
ޝީޔާމް ވިދާޅުވީ ކުދިން ސްކޫލުގައި ހޭދަކުރާ ވަގުތަކީ އެކުދިންގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަމުގެ ޒިންމާ ސްކޫލްތަކުން ފުރިހަމައަށް ނަގަންޖެހޭ ވަގުތުތަކެއް ކަމަށެވެ. އަދި އެ ދަރިވަރާ ހަވާލު ވެގެން ހުރި ޓީޗަރަށް ދަރިވަރު ހަވާލު ކުރެވުނީ ކާކާކަން ވެސް ނޭނގޭ ކަމަށާއި ސްކޫލްގައި ކަންހިނގައި ދިޔަ ގޮތް ބެލޭނެ ކެމެރާތަކެއް ވެސް ނެތް ކަމަށެވެ.
"މައްސަލައާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީއާއި ޖެންޑާ މިނިސްޓްރީން ނިންމަން ޖެހޭ ނިންމުންތައް އެހާމެ ލަސް. މައްސަލައަށް ސަމާލުކަމެއް ލިބުނީ މީޑިއާއިން އެކަމާ ގުޅޭ ގޮތުން ރިޕޯޓުތައް ގެނެސެދޭން ފެށުމުން." ޝިޔާމް ވިދާޅުވި އެވެ.
ސްކޫލަކުން ދަރިވަރަކަށް އެފަދަ އަނިޔާއެއް ލިބިގެން ދިއުމަކީ ސްކޫލުގެ ނިޒާމަށް ސްކޫލްތަކަށް ބެލެނިވެރިންގެ ހިތުގައި އޮތް ޔަގީންކަން ކުޑަވެ، މުސްތަގުބަލްގެ ޖީލުތަކަށް އެކަމުގެ ސަބަބުން ނުހަނު ބޮޑެތޮ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިދާނެ ކަމެއްކަމަށް ވެސް ޝިޔާމން ވިދާޅުވި އެވެ.